08 މާޗް 2017
ވަޒީފާ އިއުލާންކުރީމާ ގިނައިން ކުރިމަތިލަނީ އަންހެނުންނެވެ. ވަޒީފާ ދޭނީ ކާކަކަށްތޯ ކަނޑައަޅަން ތިބި މީހުންނަށް ކުރިމަތިވަނީ މާޔޫސްކަމެވެ. އެ މީހުން ދެކޭގޮތުގައި އެ މަސައްކަތަށް އެންމެ އެކަށީގެންވަނީ ފިރިހެނުންނެވެ؛ އަންހެނަކު ނަގައިފިއްޔާ "އުނދަގޫތަކެއް" ދިމާވާނެ އެވެ.
ވަޒީފާ އިއުލާންކުރީމާ ގިނައިން ކުރިމަތިލަނީ އަންހެނުންނެވެ. ވަޒީފާ ދޭނީ ކާކަކަށްތޯ ކަނޑައަޅަން ތިބި މީހުންނަށް ކުރިމަތިވަނީ މާޔޫސްކަމެވެ. އެ މީހުން ދެކޭގޮތުގައި އެ މަސައްކަތަށް އެންމެ އެކަށީގެންވަނީ ފިރިހެނުންނެވެ؛ އަންހެނަކު ނަގައިފިއްޔާ "އުނދަގޫތަކެއް" ދިމާވާނެ އެވެ.
މިއީ އޮފީހެއްގައި ބައެއް ވެރިން ގެންގުޅެމުންދާ ވިސްނުމެކެވެ.
ވަޒީފާ އަށް މީހަކު ހޯދަން ކުރާ އިއުލާނުގައި ވަކި ޖިންސަކަށް އިސްކަން ދީފައި ނެތަސް، ވަޒީފާ ދޭ އިރު އަންހެނުންނާއި ފިރިހެނުން ތަފާތުކުރުމަކީ ރާއްޖޭގައި އޮންނަ ސަގާފަތެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެއީ، އޮފީހުގެ އެތެރޭގެ ކަމެއްގެ ގޮތުގައި ބާއްވާފައި އޮންނަ، ނުރަސްމީ ސިޔާސަތެކެވެ. ވަކި ކަހަލަ މަސައްކަތަކަށް އެންމެ ރަނގަޅުވާނީ ވަކި ޖިންސެއްގެ މީހުން ކަމަށް ދެކެނީ އެވެ.
މިދިޔަ އަހަރު އަމަލުކުރަން ފެށި ޖެންޑަ އިކުއަލިޓީ ގާނޫނުގައި މިފަދަ ކަންކަން މަނާކުރުމަކުން ބަދަލެއް ނާދެ އެވެ. ބައެއް ކަހަލަ ވަޒީފާތަކަށް އަންހެނުން ނުނެގުމުގެ ސިޔާސަތެއް ވަޒީފާ ދޭ ފަރާތްތަކުން ނުރަސްމީކޮށް ގެންގުޅެ އެވެ.
މީގެ ފަހަތުގައި އޮތީ ޒަމާނުއްސުރެ މުޖުތަމައުގައި އަށަގެންފައިވާ ގަބޫލުކުރުންތަކާއި ތަފާތުކުރުންތަކެވެ.
ބައެއް މަސައްކަތްތަކާއި ވަޒީފާތައް ކޮންމެވެސް އެއް ޖިންސަކަށް ނިސްބަތްކުރުމަކީ، އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައި ވެސް ކުރިންސުރެ އޮންނަ ކަމެކެވެ. އަންހެނުންނަށް އެކަށީގެންވަނީ ކިޔަވައިދިނުމާއި ނަރުސްކަމާއި އޮފީސްތަކުގެ އިދާރީ މަސައްކަތްތަކާއި ރިސެޕްޝަންގައި ތިބުން ފަދަ ކަންކަން ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. އޭގެ އަނެއްކޮޅަށް ބަލާ އިރު، ރީޓެއިލް ފިހާރަތަކުގެ ކައުންޓަރުތަކުގައި ބައިތިއްބަން ޖެހެނީ "ސޭލްސްގާލްސް" އެވެ. ފިރިހެނުންނެއް ނޫނެވެ.
އަންހެނުންނަށް "ޚާއްސަ" މަސައްކަތްތައް ފިރިހެނުން ކުރުމަކީ އެ މީހުން ކުޑައިމީސްވާ، "ލަދުވެތި" ކަމެއް ކަމަށް ދެކޭ އިރު ފިރިހެނުންނަށް "ޚާއްސަ" ކަންކަން އަންހެނުންނަށް ނުކުރެވޭނެ ކަމަށް ވެސް ދެކެ އެވެ.
މި ވިސްނުން ފަހަނަޅައި ގޮސް، ތަފާތު މަސައްކަތްތައް ކުރާ މީހުން މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. މިސާލަކަށް، ރިސޯޓުތަކުގައި މަސައްކަތްކުރާ އަންހެނުންނާއި އަންހެން ޕައިލެޓުންނާއި ޑައިވަރުންނާއި ފިރިހެން ނަރުހުން މަދުން ނަމަވެސް މިހާރު އެބަ އުޅެ އެވެ. އެކަމަކު އެއީ "އާދަޔާޚިލާފު" ހާލަތްތަކެކެވެ. ވަޒީފާގެ އާއްމު ބާޒާރަށް ބަލާ އިރު ފެންނަނީ ވަކި މަސައްކަތްތަކެއްގައި ވަކި ޖިންސެއްގެ މީހުން ގިނަވެފައި އަނެއް ބައި މަސައްކަތްތަކުގައި އެ ޖިންސުގެ މީހުން މަދު ކަމެވެ.
"މިސާލަކަށް މެންދުރުފަހުގެ ޑިއުޓީ އާއްމުކޮށް ނިމޭނީ ރޭގަނޑު 12ގެ ފަހުން. އެ ގަޑީގައި އަންހެންކުއްޖަކު މަގުމަތިން ހިނގާފައި ދިޔަޔަސް ސައިކަލެއްގައި ދިޔަޔަސް، އަހަރެމެންނަށް ވިސްނެނީ މުޅިން ނުބައިކޮށް. މުޖުތަމައު ދެކެނީ އެ ގަޑީގައި އަންހެންކުއްޖަކު ގެއިން ބޭރުގައި އުޅެގެން ނުވާނެއޭ."
އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ "އުތެމަ" ޖަމްއިއްޔާގެ އެއް ފައުންޑަ މެމްބަރު ޝާދިޔާ އިބްރާހިމް ވިދާޅުވާ ގޮތުގައި "އަންހެންވަންތަ" މަސައްކަތްތަކާއި "ފިރިހެންވަންތަ" މަސައްކަތްތައް މުޖުތަމައުގައި ކަނޑައެޅުމުން އަންހެނުންނަށް އާމްދަނީ ހޯދަން ލިބޭ ފުރުސަތުތަކާއި ލިބޭ މަންފާ ވެސް ތަފާތުވެ އެވެ. މިސާލަކަށް ސިޔާސީ ދާއިރާ، ސިފައިން، ފުލުހުން، ފަތުރުވެރިކަން އަދި މަސްވެރިކަމުގައި ފިރިހެނުން ގިނައިން އުޅޭ އިރު އަންހެނުން ގިނައިން އުޅެނީ ތައުލީމީ ދާއިރާ، ސިވިލް ސާވިސްގެ މެދުފަންތި، އަދި ނުރަސްމީ ނުވަތަ މަހު މުސާރަ ނުލިބޭ މަސައްކަތްތަކުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހެން އޮތުމުން އަންހެނުން އާންމުކޮށް ކުރާ މަސައްކަތަށް ލިބޭ އުޖޫރަ ކުޑަވުން އަދި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހުން ފާހަގަކޮށްލެވެ އެވެ. ގޭތެރޭ މަސައްކަތާއި ދަރިން ބަލަން ޖެހުމުން އާމްދަނީ ހޯދަން ލިބޭ ވަގުތު މަދުވެ އަރާމުކުރަން ލިބޭ ވަގުތު އަންހެނުންނަށް ވަރަށް ބޮޑުތަން މަދުވެގެންދެ އެވެ،" އުތެމަގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގައި ޝާދިޔާ ވިދާޅުވި އެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި އޭނާ ފާހަގަކުރެއްވިގޮތުގައި "މަސައްކަތުގެ ދާއިރާއިން އަންހެނުން އެންމެ ގިނައިން ހަރަކާތްތެރިވަނީ ކިޔަވައިދިނުމުގައްޔާއި އާންމު ޚިދުމަތް ދިނުމުގަ އެވެ. މިއީ އުޖޫރަ އާއި ލިބޭ އިނާޔަތްތައް ނިސްބަތުން އެންމެ މަދު ދާއިރާތަކެވެ."
އިންތިޚާބުކުރާ މަގާމްތަކާއި މަތީ ފަންތީގެ އަދި ނިންމުންތައް ނިންމާ ފެންވަރުގެ މަގާމްތަކަށް އައުމަށާއި އެފަދަ މަގާމްތަކުގައި ދެމިތިބުމަށް އަންހެނުންނަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ހެއްކެއްގެ ގޮތުން، އެފަދަ މަގާމްތަކުގައި އަންހެނުންގެ ނިސްބަތް ފިރިހެނުންނާ އަޅާބަލާ އިރު ވަރަށް މަދެވެ.
ކެބިނެޓުގެ 14 ވަޒީރުންގެ ތެރޭގައި ތިން އަންހެން ބޭފުޅުން ތިއްބެވި އިރު ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެންމެ ފަސް އަންހެން މެމްބަރުންނެވެ. ކޯޓުތަކަށް އައްޔަންކޮށްފައިވާ 180 އަށް ވުރެ ގިނަ ފަނޑިޔާރުންގެ ތެރޭގައި އަންހެން ބޭފުޅުންގެ އަދަދަކީ ނުވައެކެވެ. އޭގެ ތެރެއިން ވެސް ތިން ފަނޑިޔާރުން މިދިޔަ އަހަރާއި މި އަހަރު ވަނީ އިސްތިއުފާދެއްވައިފަ އެވެ. ރަށު އަދި އަތޮޅު ކައުލްސިލްތަކުގައި އަންހެން މެމްބަރުންގެ އަދަދަކީ 1،118 ކައުންސިލަރުންގެ ތެރެއިން 61 އެވެ.
ގިނަ އަންހެނުން ސިވިލް ސާވިސްގައި މަސައްކަތް ކުރަމުން ދާއިރު، ކަންކަން ނިންމައި ސިޔާސަތު ކަނޑައެޅުމުގައި ނުވަތަ މަތީ މުސާރަ ލިބޭ މަގާމްތަކުގައި އަންހެނުންގެ އެކަށީގެންވާ ހިއްސާއެއް ނެތެވެ.
"އިގުތިސާދީ ފުދުންތެރިކަމަށް ބަލާއިރު ރަސްމީ ދާއިރާގައި ނުވަތަ އާމްދަނީ އަށް އުޖޫރަ އާއި އިނާޔަތް ލިބޭ މަސައްކަތްކުރާ އަންހެނުން މަދެވެ. އަންހެނުންނަށް އާމްދަނީ ލިބުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އަދި ސިޔާސީ މައިދާނުގައި ބައިވެރިވުމާއި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ބޮޑުވެ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އޮންނަ މުހިއްމު މަގެކެވެ،" ޝާދިޔާ ލިޔުއްވާފައިވެ އެވެ.
އަންހެނުންނާއި ފިރިހެނުން ތަފާތުކުރާ ކަމަށް، ވަޒީފާ ދޭ ބައެއް ފަރާތްތަކުން އެއްބަސްވެ އެވެ. އެކަމަކު އެ މީހުން ދައްކާ އުޒުރުތަކެއް ވެސް އެބަހުއްޓެވެ.
ސަރުކާރުގެ ވަޒީފާތަކުގައި 17 އަހަރު ހޭދަކުރައްވައި ހިއުމަން ރިސޯސް ޒިންމާތައް އަދާކުރައްވާފައިވާ އިސް އަންހެން ބޭފުޅަކު ވިދާޅުވީ މި ތަފާތުކުރުން އޮންނަ އެއް ސަބަބަކީ އެކި ކަހަލަ "ގަބޫލުކުރުންތައް" ކަމަށެވެ. އެއް ކަމަކީ އާއްމު ދިރިއުޅުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުވާން "ޖެހޭ" ކަމަށް މީހުން ދުށުމެވެ. އަނެއް ކަމަކީ ބައެއް އަންހެނުންގެ ދިރިއުޅުމަކީ ފިރިންނާއި ލޯބިވެރިން ކޮންޓްރޯލްކުރާ އެއްޗަކަށް ވުމެވެ. މި ސަބަބުތަކާ ހެދި ވަޒީފާ ދޭ ފަރާތްތަކުގެ "އަތް ބަނދެވިފައި" ވަނީ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ ބައެއް ކަންކަމާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކެއް އެބަހުރޭ. މިސާލަކަށް ސައިޓަކަށް ނުވަތަ ފީލްޑަށް، އެކުގައި ދާ ފިރިހެން މުވައްޒަފުގެ ސައިކަލު ފަހަތަށް އެރީމާ ބިޓު ނުވަތަ ފިރިމީހާ ރުޅި އައިސްދާނެތީ (އަންހެނަކަށް) ނުދެވޭ ތަން އެބަ އާދޭ. ފިރިހެން މުވައްޒަފުންނާ އެކީ ރަށްރަށަށް، ރިސޯޓްތަކަށް ނުވަތަ ރާއްޖެ އިން ބޭރަށް އޮފީސް ދަތުރުތަކުގައި (އަންހެނުންނަށް) ނުދެވޭ ތަން އެބަ އާދޭ،" ބައެއް މިސާލުތައް ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ވަޒީފާ އަށް ނަގާނީ އެ ހުރިހާ ކަމެއް ކުރެވޭ ބައެއްތާ! އެއީ ފިިރިހެނުން. އިންޓަވިއުކުރާ އިރު މި ކަހަލަ ކަންކަމާ ގުޅޭގޮތުން ސުވާލުކުރީމާ އަމިއްލަ އަށް އެ ފުރުސަތު ދޫކޮށްލާ އަންހެނުން ވެސް ގިނަ."
"އިގުތިސާދީ ފުދުންތެރިކަމަށް ބަލާއިރު ރަސްމީ ދާއިރާގައި ނުވަތަ އާމްދަނީ އަށް އުޖޫރަ އާއި އިނާޔަތް ލިބޭ މަސައްކަތްކުރާ އަންހެނުން މަދެވެ. އަންހެނުންނަށް އާމްދަނީ ލިބުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އަދި ސިޔާސީ މައިދާނުގައި ބައިވެރިވުމާއި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ބޮޑުވެ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އޮންނަ މުހިއްމު މަގެކެވެ."
"ސާވިސް އިންޑަސްޓްރީން އަންހެންކުދިންނަށް ވަޒީފާދިނުމުގައި މައްސަލަތައް އުޅޭނެ" ކަމަށް އެއްބަސްވެވަޑައިގަންނަވާ ރެސްޓޯރެންޓް އޯނަރަކު ފާހަގަކުރެއްވި އެއް ކަމަކީ ރޭގަނޑުގެ ލަސް ގަޑިތަކުގައި އަންހެނުން މަގުމަތިން "ފެނިގެން ނުވާނެ" ކަމަށް މުޖުތަމައު ދުށުމެވެ.
"މިސާލަކަށް މެންދުރުފަހުގެ ޑިއުޓީ އާއްމުކޮށް ނިމޭނީ ރޭގަނޑު 12ގެ ފަހުން. އެ ގަޑީގައި އަންހެންކުއްޖަކު މަގުމަތިން ހިނގާފައި ދިޔަޔަސް ސައިކަލެއްގައި ދިޔަޔަސް، އަހަރެމެންނަށް ވިސްނެނީ މުޅިން ނުބައިކޮށް. މުޖުތަމައު ދެކެނީ އެ ގަޑީގައި އަންހެންކުއްޖަކު ގެއިން ބޭރުގައި އުޅެގެން ނުވާނެއޭ،" އޭނާ ބުންޏެވެ.
މޭޒު ދޮށުގައި ތިބެގެން ކުރާ މަސައްކަތްތަކަށް އެންމެ އެކަށީގެންވަނީ އަންހެނުން ކަމަށް ދެކޭ އިރު، ބޭރު ތެރޭގައި އުޅުމާއި ދަތުރުކުރުން ހިމެނޭ ވަޒީފާތައް އަންހެނުންނަށް ދޭން ބައެއް މީހުން ފަސްޖެހެ އެވެ. މި ގޮތަށް ކަން ހިނގާ އެއް ދާއިރާއަކީ މީޑިއާ އެވެ.
"އަންހެންކުދިން ތަންތަނަށް ފޮނުވަން އަހަރެމެން ޖެހިލުންވޭ. މިސާލަކަށް ރޭގަނޑު ދަންވަރު ކަމެއް ހިނގައިގެން ތަނަކަށް ފޮނުވާ އިރު، އޭނަ އަށް ކުރިމަތިވެދާނެ ފޮށުންތަކާއި ފުރައްސާރައާ ދޭތެރޭ ވިސްނަން އެބަޖެހޭ،" އެޑިޓަރަކު ވިދާޅުވި އެވެ.
"މުޒާހަރާތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއަށް ނުވަތަ ގޭންގަކުން ވަޅި ހަރައިގެން އުޅޭ ތަނަކަށް އަންހެންކުއްޖަކު އެކަނި ފޮނުވާކަށް ނުކެރޭނެ. އެއީ އެކަހަލަ ހާލަތެއްގައި އޭނަ ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅި ސަލާމަތް ނުވެވިދާނެތީ. އެކަހަލަ ތަންތަނަށް ދާން ބައެއް ނޫސްވެރިން އަމިއްލަ އަށް ވެސް ހިތްހަމަޖެހޭނެއެކޭ ނުބުނާނަން. އެކަމަކު ނޫސްވެރިޔާގެ މައްސަލައެއް ނެތަސް އަހަރެމެން ހިތްހަމައެއް ނުޖެހޭ ފޮނުވާކަށް."
އެކަމަކު، ކުރިން ވާހަކަދެއްކެވި އަންހެން ބޭފުޅާ ފާހަގަކުރެއްވިގޮތުގައި މީގެ ކުރިން އަންހެނުން ނުފެންނަ މަސައްކަތްތަކަށް އަންހެނުން މިހާރު ނުކުންނަމުންދާ އިރު، ވަކި ކަހަލަ ކަންތައްތަކެއް އަންހެނުންނަށް ނުކުރެވޭނެއޭ ބުނެވޭކަށް ނެތެވެ. އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރަށް ކިޔަވަން ގޮސް "އެހެން ކަލްޗާތަކުން ލިބޭ ތަޖުރިބާތަކާ އެކު އަންހެންކުދިން އެނބުރި އަންނަ އިރު، އަންހެނުންގެ ދައުރު މިހާރު އަންނަނީ ބަދަލުވަމުން" ކަމަށެވެ. އެއާ އެކު އޭނާގެ ސުވާލަކީ އަންހެނުންނަށް ބޭނުން ނުވާ "ހިމާޔަތެއް" ވަޒީފާ ދޭ ފަރާތްތަކުން ދޭން އުޅެނީތޯ އެވެ.
"މީހުންގެ ވިސްނުން ވެސް މަޑުމަޑުން އެބަ ބަދަލުވޭ. އެކަމަކު މި ކަން ރަނގަޅުވާން އަދިވެސް ގިނަ ދުވަސްތަކެއް ނަގާނެ. ސަގާފީ ގޮތުން އަންހެނުންނަށް މާ ބޮޑު ހިމާޔަތެއް ދެވެނީ ކަންނޭނގެ،" އޭނާ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް، ލޮލުގައި ކަރުނަ ގޭސް ޖެހިއްޖެއްޔާ އަންހެން ކުދިން މާ ހިތްވަރު ދެރަވާނެއޭ، އެހެންވީމާ ފިރިހެން ކުއްޖަކު ފޮނުވުން މާ ރަނގަޅުވާނެއޭ ގަބޫލުކުރިޔަސް، މުޒާހަރާތަކުން ފެނިފައި އެބަހުރި ހަމަ ވަރަށް ކެރިގެން ކުރިމައްޗަށް އަރާ ފޮޓޯ ނަގާ އަންހެންކުދިން ވެސް. ނުވަތަ ކަނޑުމައްޗަށް މާ ގަދަވާނެއޭ ފިރިހެނުން، އަންހެނުން ހޮޑުލާނެއޭ ބުންޏަސް، ފިިރިހެނުން ވެސް ހޮޑުލާ ތަން އެބަ ފެނޭ."
އަންހެނުން އެންމެ ގިނައިން ހަރަކާތްތެރިވަނީ ކިޔަވައިދިނުމާއި އާންމު ޚިދުމަތް ދިނުމުގައި. ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
މީޑިއާ އަށް ބަލާ އިރު، ޓީވީ އިން ފެނުން އެންމެ އެކަށީގެންވަނީ އަންހެނުން ކަމަށް ގަބޫލުކުރާ ވެރިން ވެސް އުޅެ އެވެ. ފަހަރެއްގައި، އަންހެން ޕްރެޒެންޓަރުންނާއި ނިއުސްކާސްޓަރުން ފިރިހެނުންނަށް ވުރެ ގިނަ ކަމަށް ފާހަގަކުރެވެނީ މި ސަބަބާ ހެދި އެވެ. އިސް މަގާމެއްގައި ހުންނެވި އަންހެން ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި މީގައި މި އުޅެނީ އަންހެނުންގެ ބުރުސޫރަ "ވިއްކުމުގެ" މައްސަލަ އެވެ. އެއީ އިޝްތިހާކުރުމާއި މުނިފޫހިފިލުވުމުގެ ދާއިރާ އާއި މީޑިއާގެ އުފެއްދުންތަކުގެ ތެރެއިން އައިސް އޮތް ނުބައި ސަގާފަތެކެވެ.
"ފިހާރަތަކުގައި ފިރިހެންކުދިންނަށް ވުރެ އަންހެންކުދިން ގިނައީ ވެސް މިހެންވެ. އަހަރެމެންނަށް މި ހީވަނީ (އަންހެނުން) ހީނލާފައި ހިދުމަތްކުރީމަ ކަސްޓަމަރުން ގިނައިން ލިބޭނެއޭ. އަންހެނުންނަކީ ޒީނަތްތެރިވެގެން މީހުންނަށް ޑިސްޕްލޭ ވެގެން ތިބެން ޖެހޭ ބައެއްގެ ގޮތުގައި މި ބޭނުން ކުރަނީ. އެއްޗެހި ޕްރޮމޯޓްކުރަން އަންހެނުން މި ބޭނުންކުރަނީ،" އޭނާ ވިދާޅުވި އެވެ.
ތޮބީއީ ގޮތުން އަންހެނުން އުފުލަން ޖެހޭ ޒިންމާތަކާ ހެދި ވަޒީފާ ދޭން ބޭނުން ނުވުމަކީ އަދިވެސް ހިނގާ ކަމެކެވެ.
ޝާދިޔާ ފާހަގަކުރެއްވި ގޮތުގައި "2014ގެ ބޯހިމެނުމުން ދޭހަވާ ގޮތުން މަސައްކަތް ނުކުރާ އާބާދީގެ 80 ޕަސެންޓް އަންހެނުން އާމްދަނީ ލިބޭ ކަންކަމުގައި ހަރަކާތްތެރި ނުވަނީ ދަރިން ބަލަންޖެހޭތީ" އެވެ.
މާބަނޑުވުމާއި ދަރިން ވިހައި ގާތުން ކިރު ދިނުމުގެ ދައުރު އަންހެނުންނަށް އޮތް އިރު، ދަރިން ބެލުމާއި ގޭތެރެ ބެލެހެއްޓުމަކީ ވެސް ހަމައެކަނި އަންހެނުންގެ ޒިންމާއެއް ކަމަށް ގަބޫލުކުރެވިފައި އޮންނާތީ އެކަނިމާއެކަނި އެ ހުރިހާ ބުރައެއް އުފުލާ އަންހެނުން އަދިވެސް ވަރަށް ގިނަ އެވެ. ނުވިތާކަށް، އާއިލާގެ ޚަރަދުތައް ދެކޮޅު ޖައްސަން ނުވަތަ އެފަދަ މަޖުބޫރީ ހާލަތަކާ ނުލައި އަމިއްލަ އަށް ބޭނުންވެގެން ވިޔަސް، އެފަދަ ބައެއް އަންހެނުން ވަޒީފާ އަށް ވެސް ދެ އެވެ.
މި ސަބަބުތަކާ ހެދި އަންހެނުންނަށް ވަޒީފާ ނުދޭ ނުވަތަ ހުސްހަށިބައި އަންހެނުންނަށް އިސްކަން ދޭ އޮފީސްތައް އެބަހުއްޓެވެ.
"އިންޓަވިއުގައި ވެރިން އެބަ ސުވާލުކުރޭ ކޮން އިރަކުންހޭ، މީހަކާ އިންނަނީ. ވަރަށް ޕާސަނަލް ސުވާލެއް. އެކަމަކު އެހެން މި އަހަނީ އޮފީހަށް އޭނާގެ ޚިދުމަތް އެންމެ ފުރިހަމައަށް ލިބޭނީ ކިހާ ދުވަހެއް ވަންދެންތޯ ބަލަން،" ދައުލަތުގެ މުއައްސަސާއެއްގެ އިސް އަންހެން ބޭފުޅަކު ވިދާޅުވި އެވެ.
"މީހަކު ތަމްރީންކޮށް ހެދުމަކީ ވެސް ވަރަށް މަސައްކަތް. ވަކި ހިސާބަކުން މީހަކާ އިންނަ ތަނުން ކުދިން ލިބިގެން، ގޭގައި މަޑުކުރަން ޖެހިދާނެ."
އޭނާ ފާހަގަކުރެއްވިގޮތުގައި އެއް މައްސަލައަކީ ވަޒީފާ އަށް ދާން ބޭނުންވާ އަންހެނުންނަށް ރަނގަޅު ސަޕޯޓް ސިސްޓަމެއް ނެތުމެވެ. އަނެއް މައްސަލައަކީ އަންހެނުން ވަޒީފާގައި އުޅުމަކީ ދީން ހުރަސްއަޅާ ކަމެއް ކަމަށް އެއް ބަޔަކު ގަބޫލުކުރުމެވެ.
"އޮފީހަށް ދެވޭނީ މަންމަމެން ދަރިފުޅު ބަލައިދެންޏާ، ނުވަތަ މެއިޑަކު ގެންގުޅޭ ވަރުގެ ބޮޑު އާމްދަނީއެއް ލިބެންޏާ. ބޭރު ގައުމުތަކުގައި ޑޭ ކެއާތަކާ އެއްޗެހި ވަރަށް ރަނގަޅަށް އެސްޓަބްލިޝްވެފައި ހުރީމާ އަންހެނުންނަށް މި ހާސްކަމެއް ނޯވޭ،" އެ ބޭފުޅާ ވިދާޅުވި އެވެ.
"އަނެއްކޮޅުން، ދީނީ ގޮތުން ރަނގަޅު ކަމެއް ނޫނޭ ކިޔާފައި ފިރިން އެ މީހުންގެ އަނބިން ވަޒީފާ އަށް ނުފޮނުވާތީ، ވަރަށް މައްޗަށް ކިޔަވައިގެން ތިބި އަންހެނުން ވެސް އެބަތިބި ގޭގައި މަޑުކޮށްގެން. ފިރިމީހާ އަށް ފައިސާ ލިބުނަސް މެއިޑަކު ވެސް ހޯދައި ނުދޭތީ، ގޭގައި ހުންނަން މަޖުބޫރުވަނީ ނުވަތަ ފިރިމީހާއާ ދެކޮޅަށް އޮފީހަށް ދާން ބޭނުން ނުވަނީ."
އެއްވެސް މަސައްކަތަކީ ވަކި ޖިންސަކަށް ޚާއްސަކޮށްފައި އޮވެގެން ވާނެ ކަމެއް ނޫން ކަން، މިދިޔަ އަހަރު އަމަލުކުރަން ފެށި ޖެންޑަ އިކުއަލިޓީ ގާނޫނުގައި، ރާއްޖެ އިން ވަނީ ރަސްމީކޮށް ބަލައިގެންފަ އެވެ. އަންހެނުންނާއި ފިިރިހެނުންނަށް ފުރުސަތުތައް ލިބުމުގެ ހަމަހަމަކަން ކަށަވަރުކޮށްދޭ އެ ގާނޫނުގައި، މީހަކު ނިސްބަތްވާ ޖިންސަށް ބިނާކޮށް ވަކި ކަމެއްގައި ތަފާތުކުރުމަކީ މަނާ ކަމެކެވެ. (ޖެންޑާ އިކުއަލިޓީ ގާއިމްކުރުމުގެ ފިޔަވަޅުތަކާއި ވަކި ޖިންސެއްގެ ބަޔަކަށް އެހީތެރިވުމުގެ ގޮތުން ނުވަތަ ރައްކާތެރިކަން ދިނުމުގެ ގޮތުން ކުރާ ކަންތައްތަކަކީ ތަފާތުކުރުން ކަމަކަށް ނުބެލެވޭނެ އެވެ.)
ވެލާނާގެ އިން ބަޔަކު ނުކުންނަނީ: ބައެއް މަސައްކަތްތަކާއި ވަޒީފާތައް ނިސްބަތްކުރެވެނީ ކޮންމެވެސް އެއް ޖިންސަކަށް. ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
"ވަކި ޖިންސެއްގެ މީހުންނަށް ވަކި ބާވަތްތަކުގެ މަސައްކަތެއް ޚާއްސަކުރުމުގެ ނަތީޖާއެއްގެ ގޮތުން ވަކި ޖިންސެއްގެ މީހުންނަށް ފުރުސަތު ނުލިބޭ ގޮތަށް އުފެދިފައިވާ، ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތުކުރުން ބެލެވޭނީ ޖެންޑާ އަށް ބަލައި ތަފާތުކުރުން ކަމުގަ އެވެ،" ގާނޫނުގައި ބުނެފައިވެ އެވެ. "ހަމަހަމަކަން ގެއްލިފައިވާ ނިޒާމު ކަމަށް ބުނެފައި އެ ވަނީ އިޖުތިމާއީ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މުޖުތަމައުގައި ވަކި ޖިންސެއްގެ ދައުރާ ބެހޭގޮތުން ނުރަނގަޅު ގޮތެއްގައި މީހުން ގަބޫލުކުރާ ކަންކަން ގާނޫނުތަކާއި ސިޔާސަތުތަކާއި އާދަކާދަތަކާއި ސަގާފަތުގެ ގޮތުގައި އުފައްދައި އެ ކަންކަން އެ ގޮތުގައި ދެމެހެއްޓޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމުތަކަށެވެ."
ޖިންސު، ކައިވެނީގެ ހާލަތު، އާއިލީ ޒިންމާ، ވަކި ޖިންސެއްގެ މީހަކަށް ވީތީ އެ މީހަކު އަދާނުކުރާ ކަމަށް ބެލެވޭ ދައުރު ނުވަތަ އަދާކުރާ ކަމަށް ބެލެވޭ ދައުރާ ގުޅުވައި، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، ތަފާތެއް ނުކުރެވޭނެ އެވެ. އަދި ވަކި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އަންހެނަކާ މެދު ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ތަފާތުކުރުން މަނަ އެވެ. އޭގެ ތެރޭގައި ދަރިމައިވުން ނުވަތަ ދަރިމައިވުމުގެ ފުރުސަތު އޮތުން، ވިހެއުމުގެ ފުރުސަތު އޮތުން، ގާތުން ކިރު ދިނުން ނުވަތަ ގާތުން ކިރު ދިނުމުގެ ފުރުސަތު އޮތުން ހިމެނެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ގާނޫނަކަށް އަމަލުކުރަން ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ވަކި ޖިންސެއްގެ މީހަކަށް ވީތީ ތަފާތުކުރުމުގެ ސަބަބުން ފުރުސަތުތަކާއި ހައްގުތައް ގެއްލިގެންދާ މީހުންނަށް އެ ކަމާ ދެކޮޅަށް ތެދުވުމުގެ ބާރު މިހާރު އެބަ އޮތެވެ. އެކަމަކު ވަޒީފާ ދިނުން ފަދަ ކަންކަމުގައި ކުރިމަތިވާ ހުރަސްތަކަކީ މާ ކުރިންސުރެ މޫލާފައިވާ ވިސްނުންތަކެއްގެ ސަބަބުން އަށަގެންފައިވާ ކަންކަމެވެ.
އާދައިގެ އެކަކު، ދެ މީހަކަށް އެކަނި އެ ގޮންޖެހުންތައް ގިރާކުރާކަށް ފަސޭހައެއް ނުވާނެ އެވެ.
އަންހެނުންނަށް ވެސް ފަހި އެމްއެމްއޭ: މިސާލެއް
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!
ހުރިހާ ދިމާލަކުން ވެސް އަންހެނުންގެ ހިތްވަރު
އަންހެނުންނާއި ފިރިހެނުންގެ އާމްދަނީގެ ބޮޑު ފަރަގު
ތުއްތު ދަރިފުޅާ އެކު އޮފީހުގައި އުޅެވެން ޖެހޭ: ރައީސް
އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތްވަނީ ބަލައިގެންފައި
އަންހެނުންނަށް ދިމާވާ ހުރަސްތައް ނައްތާލަން ގޮވާލައިފި
އަންހެނުން ބާރުވެރިކުރުމުގައި ނަމޫނާ ދެއްކިދާނެ: ރައީސް
އެމްޑީޕީގެ ވެރިކަން އައީ އަންހެނުންގެ ސަބަބުން: މާރިޔާ
ދެ ޖިންސުގެ ހަމަހަމަކަން: ރާއްޖެ 7 ދަރަޖަ ފަހަތަށް