Roadha Mihaaru
އަންހެނުންނަށް ވެސް ފަހި އެމްއެމްއޭ: މިސާލެއް

އަންހެނުންނަށް ވެސް ފަހި އެމްއެމްއޭ: މިސާލެއް

08 މާޗް 2018

އައިޓީ، ސެކިއުރިޓީ އަދި މެއިންޓެނެންސް ވަޒީފާއެއް ވިޔަސް، ދެ ޖިންސުގެ މީހުންނަށް ފުރުސަތު އޮތްކަން އެ ތަނުގެ އިއުލާނުތަކުގައި ލިޔެފައި އޮއްވާ ފެނިފައިވެ އެވެ. އަންހެން މުވައްޒަފަކު ޖެހިލުންވެ، ފަސް ޖެހުނަސް ހިތްވަރުދީ، ކުރިއަށް ދާން އެހީތެރިވެދޭނެ އެވެ. ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގެ މުއްދަތަކީ، މުސާރަ ލިބޭ ގޮތަށް، ހަ މަސް ދުވަހެވެ. ކަންކަން ނިންމާ ފެންވަރުގެ އިސް މަގާމްތަކުގައި ފިރިހެނުންނަށް ވުރެ ގިނައީ އަންހެނުންނެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އައިޓީ، ސެކިއުރިޓީ އަދި މެއިންޓެނެންސް ވަޒީފާއެއް ވިޔަސް، ދެ ޖިންސުގެ މީހުންނަށް ފުރުސަތު އޮތްކަން އެ ތަނުގެ އިއުލާނުތަކުގައި ލިޔެފައި އޮއްވާ ފެނިފައިވެ އެވެ. އަންހެން މުވައްޒަފަކު ޖެހިލުންވެ، ފަސް ޖެހުނަސް ހިތްވަރުދީ، ކުރިއަށް ދާން އެހީތެރިވެދޭނެ އެވެ. ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގެ މުއްދަތަކީ، މުސާރަ ލިބޭ ގޮތަށް، ހަ މަސް ދުވަހެވެ. ކަންކަން ނިންމާ ފެންވަރުގެ އިސް މަގާމްތަކުގައި ފިރިހެނުންނަށް ވުރެ ގިނައީ އަންހެނުންނެވެ.

މިއީ، ރާއްޖޭގައި އަންހެނުންނަށް އެންމެ ފަހި މަސައްކަތު މާހައުލެއް އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ކަން ސާބިތުކޮށްދޭ ބައެއް ހެކިތަކެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްއެމްއޭގައި އޮންނަނީ، ދެ ޖިންސުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް އެހީތެރިވުމުގެ ސަގާފަތެއް."

ފުރަތަމަ އަންހެން ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ތިން އަހަރަށް ފަހު މިހާރު ފިރިހެން ގަވަރުނަރަކު ހުންނެވި ނަމަވެސް، މަރުކަޒީ ބޭންކުގެ އިސް ފެންވަރުގައި އެންމެ ކުރިންސުރެ މިއަދާ ހަމައަށް ވެސް އަންހެނުންގެ ހިއްސާ އޮވެ އެވެ. އަދި މިހާރު އެ ތަނުގެ ސީނިއާ މެނޭޖްމެންޓުގައި ބޮޑީ ވެސް އަންހެނުންގެ ދައުރެވެ. އެގޮތުން ޑެޕިއުޓީ ގަވަރުނަރަކަށް އަންހެން ބޭފުޅަކު ހުންނެވި އިރު އެސިސްޓެންޓް ގަވަރުނަރުކަމުގައި ތިއްބެވި ތިން ބޭފުޅުންނަކީ ވެސް އަންހެނުންނެވެ. ރާއްޖޭގެ ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމާއި މަނިޓަރީ ސިޔާސަތުތައް އެކަށައަޅާ ތަންފީޒުކުރުމާއި ބޭންކިން އޮޕަރޭޝަންސް ހިންގުމަކީ އެ ތިން ބޭފުޅުންގެ މަސްއޫލިއްޔަތުތަކެވެ. އެހެންކަމުން އެއީ ގައުމުގެ އިގްތިސާދީ އަދި މާލީ ނިޒާމްގެ ހަމަޖެހުން ދަމަހައްޓާ، އެ ނިޒާމް ކުރިއަރުވަން އިސް ސަފުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. އޭގެ އިތުރުން އެމްއެމްއޭގެ 12 ޑިވިޝަންގެ ތެރެއިން ހަތް ޑިވިޝަނެއްގެ އިސް ވެރިންނަށް ތިއްބެވީ ވެސް އަންހެން ބޭފުޅުންނެވެ.

ކުރީގެ ގަވަރުނަރު އަޒީމާ އެމްއެމްއޭގެ ރަސްމިއްޔާތެއްގައި. ފައިލް ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ކުރީގެ ގަވަރުނަރު އަޒީމާ އެމްއެމްއޭގެ ރަސްމިއްޔާތެއްގައި. ފައިލް ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ކަންކަން ނިންމާ ފެންވަރުގައި އަންހެނުން ނުހަނު މަދު ގައުމަކުން މި ނަމޫނާ މި ފެންނަނީ ކުރިންސުރެ އެޅިފައި އޮތް ރަނގަޅު ބިންގަލެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ. އެމްއެމްއޭގެ 36 އަހަރުގެ ތާރީޚުގައި، ޒިންމާދާރު މަގާމްތަކުގައި އަންހެނުން ފިރިހެނުންނާ އެއް ފެންވަރެއްގައި މަސައްކަތްކުރާ މަންޒަރު ނުދެކޭ މުވައްޒަފުން އެ ތަނުގައި މަދެވެ. އެ ތަން 1981ގައި އުފެދުނު އިރު ސީނިއާ މެނޭޖުމެންޓުގައި ތިއްބެވި ހަ ބޭފުޅުން ތެރޭގައި ވެސް އަންހެން ބޭފުޅަކު ހުންނެވި އެވެ. އޮޕަރޭޝަންސް ޑިވިޝަންގެ މެނޭޖަރުކަން ކުރެއްވި ޚަދީޖާ ހަސަންގެ ދައުރު، އަންހެނުންނަށް ފަހި މާހައުލެއް އެމްއެމްއޭގައި އުފެދިގެން އައުމުގައި ބޮޑު ކަމަށް އެ ތަނުގެ ދުވަސްވީ މުވައްޒަފުން ދެކެ އެވެ. އެކަމަކު، ދެ ޖިންސަށް ފުރުސަތު ދިނުމުގެ ނަމޫނާ މުއައްސަސާއަކަށް އެމްއެމްއޭ ވެފައި އޮތީ ފެށުން ރަނގަޅު ވެގެން އެކަންޏެއް ނޫނެވެ. އެކަން އެ ގޮތަށް ދަމަހައްޓަން މަސައްކަތް ވެސް ކޮށްގެންނެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްއެމްއޭގައި އޮންނަނީ، ދެ ޖިންސުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް އެހީތެރިވުމުގެ ސަގާފަތެއް. އަދި އެމްއެމްއޭގެ ހުރިހާ ސިޔާސަތުތަކެއްގައި ވެސް ގެންގުޅެނީ ދެ ޖިންސަށް ހަމަހަމަ އުސޫލުތަކެއް،" ހިއުމަން ރިސޯސަސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ލުބްނާ އަބްދުލްގާދިރު ވިދާޅުވި އެވެ.

އެމްއެމްއޭގެ މުވައްޒަފުންތަކެއް ޑޮލަރު ވިއްކުމުގެ މަސައްކަތުގައި. --ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެމްއެމްއޭގެ މުވައްޒަފުންތަކެއް ޑޮލަރު ވިއްކުމުގެ މަސައްކަތުގައި. --ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދުއިސައްތަ އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ އެމްއެމްއޭގެ އެންމެ އިސް މަގާމުތަކުގައި އަންހެނުންގެ ހިއްސާ ބޮޑުވުން އެކަންޏެއް ވެސް ނޫނެވެ. މަތީ ތައުލީމް ހާސިލްކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ވެސް ގިނައީ އަންހެނުންނެވެ. އަދި ދެ ޖިންސުގެ ނިސްބަތް ހަމަހަމަ މަސައްކަތު އާބާދީއެއް އެމްއެމްއޭގައި އޮތް އިރު، ހުނަރު ބޭނުންވާ ވަޒީފާތަކުގެ 60 ޕަސެންޓް ހިއްސާކުރަނީ އަންހެނުންނެވެ. ދިގު މުއްދަތުގެ ޚިދުމަތަށް ބަލާ އިރު ވެސް ގިނައީ އަންހެނުންނެވެ. އެގޮތުން މިހާރު ތިބި މުވައްޒަފުންގެ ތެރެއިން 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ 26 މީހުންގެ ތެރޭގައި 19 އަންހެނުން ހިމެނެ އެވެ.

"އެމްއެމްއޭ އުފެދުނީއްސުރެ ވެސް އޭރަކު އޮންނަ ސީނިއަ މެނޭޖްމެންޓެއްގެ ވިސްނުން ހުންނަނީ އަންހެނުން ބާރުވެރިކުރުމާއި ދެ ޖިންސަށް ވެސް ކުރިއަށް ދާން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމުގެ އަމާޒަށް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އެމްއެމްއޭގައި 14 އަހަރު ހޭދަކުރައްވާފައިވާ ލުބްނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް މުވައްޒަފަކު ނެގިޔަސް އަދި ޕްރޮމޯޝަނެއް ދިނަސް، ތަފާތުކުރުމެއް ނެތި، ދެ ފުށް ފެންނަ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރަން ވަރަށް ބޮޑު ސަމާލުކަމެއް އެމްއެމްއޭ އިން ދެ އެވެ. އަދި ކޮންމެ ދުވަހެއްގެ ހިންގުމުގައި ވެސް ހަމަހަމަކަން ގެންގުޅޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ މަސައްކަތެއްގެ ވެސް އެންމެ ފުރަތަމަ ސްޓޭޖުން ފެށިގެން ވެސް ދެ ޖިންސުގެ މުވައްޒަފުން ވެސް ބައިވެރިކުރާނެ. ފިރިހެން މުވައްޒަފުންގެ އެކަންޏޭ ވަކި ކަމަކަށް ގާބިލްކަން ހުންނާނީ، އެކަހަލަ އެއްވެސް ވިސްނުމެއް ނުގެންގުޅޭނެ. އަލަށް ވަންނަ އަންހެން މުވައްޒަފުން ނުކެރިފައި ނުވަތަ ޖެހިލުންވެފައި ތިއްބަސް، ވާނެ ކަމަށް ބުނެދީ ހިތްވަރު ވެސް ދޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ މުވައްޒަފުންތަކެއް މިދިޔަ ބުދަދުވަހު މަސައްކަތުގައި. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އެމްއެމްއޭގެ މުވައްޒަފުންތަކެއް މިދިޔަ ބުދަދުވަހު މަސައްކަތުގައި. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ހުރިހާ ގޮތަކުން ބަލާ އިރު ވެސް އެމްއެމްއޭގައި އޮތީ ރާއްޖޭގެ ގިނަ އޮފީސްތަކުން ނުފެންނަ ކަހަލަ ހިތްގައިމު މަސައްކަތު މާހައުލެކެވެ. ލުބްނާ ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ މައިގަނޑު އެއް ސަބަބަކީ ޖިންސުގެ ތަފާތުކުރުމެއް ނެތި އެންމެން ވެސް އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސަގާފަތެއް އެމްއެމްއޭގައި އަށަގެންފައި އޮތުމެވެ.

"އެހެންވީމަ ފިރިހެން ބޭފުޅުންގެ މަސައްކަތާއި އެ ބޭފުޅުން އަޅުގަނޑުމެންނަށް ދެއްވާ އެއްބާރުލުން ވެސް އަދި މިހާރުގެ ގަވަރުނަރު އަހުމަދު ނަސީރުގެ ސަޕޯޓް ވެސް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ލުބްނާ ގަބޫލުކުރައްވާ ގޮތުގައި އޮފީހުގައި ރަނގަޅު މާހައުލެއް އޮވެފައި މެނޭޖްމެންޓުން ކިތަންމެ ރަނގަޅު އުސޫލުތަކެއް ގެންގުޅުނަސް ނުވަތަ މުވައްޒަފުން އަމިއްލަ އަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، އާއިލާ އާއި ފިރިމީހާ ނުވަތަ އަނބިމީހާގެ އެހީތެރިކަން ނުލިބި ވަޒީފާގައި ކުރިއަށް ދާން ކޮންމެ ޖިންސެއްގެ މީހަކަށް ވެސް އުނދަގޫވާނެ އެވެ. ޚާއްސަކޮށް އަންހެނުންނަށް އެ ދަތިކަން އޮންނާނެކަން ލުބްނާ ފާހަގަކުރެއްވި އެވެ. އެހެންވެ، އެމްއެމްއޭގެ އަންހެނުންގެ ކުރިއެރުމުގެ ފަހަތުގައި އެ އެހީތެރިކަމާއި އެއްބާރުލުން ވެސް އޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މިދިޔަ ބުދަދުވަހު ބައްދަލުވުމެއްގައި މުވައްޒަފުން މަޝްވަރާކުރަނީ: އެމްއެމްއޭގައި ދެ ޖިންސުގެ މުވައްޒަފުން އުޅެނީ އެއް ވަރަކަށް. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މިދިޔަ ބުދަދުވަހު ބައްދަލުވުމެއްގައި މުވައްޒަފުން މަޝްވަރާކުރަނީ: އެމްއެމްއޭގައި ދެ ޖިންސުގެ މުވައްޒަފުން އުޅެނީ އެއް ވަރަކަށް. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ކުރީގެ އަންހެން މުވައްޒަފެއްގެ ބަހުން ނަމަ، އެހެން ގިނަ އޮފީސްތަކާ ޚިލާފަށް އެމްއެމްއޭގައި އަންހެނުންނަށް ވަކި ކަހަލަ މަސައްކަތެއް ނުވަތަ އަންހެނުންނާ ތަފާތު ދައުރުތަކެއް ފިރިހެނުންނަށް ނިސްބަތްކުރުމެއް ނޯވެ އެވެ. އެންމެންނާ މެދު ކަން ކުރަނީ އަދި ދެކެނީ ވެސް އެއް ގޮތަކަށެވެ. ވަޒީފާގެ ގިނަ މާހައުލުތަކުގައި އަންހެނުންނަށް އާއްމުކޮށް ކުރިމަތިވާ ފަދަ ގޯނާ އާއި ފުރައްސާރައިގެ މައްސަލައާ މެދު އެމްއެމްއޭގެ މުވައްޒަފުން ވިސްނަން ނުޖެހޭކަން ވެސް އޭނާ ފާހަގަކުރެ އެވެ.

"އަންހެނުންގެ ހައްގުތަކާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދުމުގެ ވާހަކަ އެމްއެމްއޭގައި ދައްކާކަށް ވެސް ނުޖެހޭ. ސަބަބަކީ އެކަން އޮންނަނީ އެ ގޮތަށް ހަމަޖެހިފައި. އަންހެން މުވައްޒަފަކު ވަކި ކަމެއް ކުރަން ޖެހިލުންވެ ފަސްޖެހުނޭ ކިޔާފައި ނުވަތަ ވަކި ކަމަކާ ހެދި އޭނާ ބާކީކޮށްލުމެއް ވެސް ނޯވޭ. އެމްއެމްއޭގައި ހަމައެކަނި އޮންނަ ކަމަކީ ޕްރޮފެޝަނަލްކަމާއި ގާބިލްކަމާ އެކު މަސައްކަތްކުރުން،" އޭނާ ކިޔައިދިނެވެ.

އަންހެން މުވައްޒަފުންގެ ބޭނުންތަކަށް އިހުތިރާމްކުރުމުގެ ގޮތުން އެމްއެމްއޭ އިން ޅަދަރިމައިންގެ ޗުއްޓީ އިތުރުކުރުމަކީ މުޅި ރާއްޖެ އަށް ބަލާ އިރު ވެސް ނަމޫނާއެކެވެ. ގާނޫނުގައި ލާޒިމްކޮށްފައި އޮންނަ 60 ދުވަހުގެ މުއްދަތު ހަ މަހަށް ދަންމާލަން އެ ތަނުން ނިންމީ އަޒީމާގެ ގަވަރުނަރުކަމުގަ އެވެ. ލުބްނާ ފާހަގަކުރެއްވި ގޮތުގައި އެއީ މުވައްޒަފުންނަށާއި އޮފީހަށް ވެސް ފައިދާހުރި ފިޔަވަޅެއްކަން ވޭތުވެދިޔަ ތިން އަހަރު އެމްއެމްއޭ އިން ވަނީ ތަޖުރިބާކޮށްފަ އެވެ. ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބުމުން ދޭ ޗުއްޓީ ވެސް ފަސް ދުވަހުން 10 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ.

"އަންހެނަކު ވިޔަސް ފިރިހެނަކު ވިޔަސް، އާއިލީ ޒިންމާތަކެއް އޮންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެހެންވީމާ އެ ފުރުސަތު ދެ ޖިންސުގެ މުވައްޒަފުންނަށް ވެސް އޮންނާނެ. އާއިލާގެ ޒަރޫރީ ކަންކަން ކުރުމުގެ މަގުފަހިކޮށްދީފައި އޮންނާނީ،" ލުބްނާ ވިދާޅުވި އެވެ.

އެކަމަކު ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް، ކުރިއަށް ދާން އަންހެން މުވައްޒަފުންނަށް ލިބޭ ހިތްވަރަކީ އިސްކޮށް ގިނަ އަންހެން ބޭފުޅުންތަކެއް ތިއްބެވުމާއި އެ ބޭފުޅުން ދައްކަވާ ގާބިލްކަމެވެ.

"އެހެންވީމާ ޖޫނިއާ ކުދިންނަށް، ވަނީއްސުރެ ވެސް އެބަ ފެނޭ ކުރިމަގެއް. ތިމަންނަމެންނަށް ވެސް ހަމަހަމަ ފުރުސަތު އެބަ އޮތްކަން، މީހަކު ބުނެ ނުދިނަސް އަންހެން މުވައްޒަފުންނަށް އެބަ އެނގޭ،" ލުބްނާ ފާހަގަކުރެއްވި އެވެ.

"ޖޫނިއަ ސްޓާފުންނަށް ފެންނާނެ، އިސްކޮށް ތިއްބަވާ އަންހެން ބޭފުޅުން ކުރިއަށް ގޮސް ތިބީ ހަމަ އެހެން ތިބެފައެއް ނޫންކަން. ކުރައްވާ ކޮންމެ ކަމަކުން ވެސް އެ ބޭފުޅުންގެ ގާބިލްކަން އަޅުގަނޑުމެންނަށް ފެނޭ."

އެމްއެމްއޭގެ މުވައްޒަފުންތަކެއް ޑޮލަރު ވިއްކުމުގެ މަސައްކަތް ކުރަނީ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެމްއެމްއޭގެ މުވައްޒަފުންތަކެއް ޑޮލަރު ވިއްކުމުގެ މަސައްކަތް ކުރަނީ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިންސާފުވެރިކަމާއި ހަމަހަމަކަން ދަމަހައްޓަން އެމްއެމްއޭ އިން ކުރާ ހުރިހާ ކަމެއް ވެސް ގުޅެނީ ހިންގުމުގެ ރަނގަޅު އުސޫލުތަކާ އެވެ. ލުބްނާ ފާހަގަކުރެއްވި ގޮތުގައި، މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ނެތި އެމްއެމްއޭ އިން ކުރާ ހަތަރު ކަމެއް އޮވެ އެވެ؛ އެއީ ބައިވެރިކުރުމާއި ހިތްވަރުދިނުމާއި އިތުބާރުކުރުމާއި ބާރުވެރިކުރުމެވެ.

"ބައިވެރިކުރަމުން ހިތްވަރުދެމުން އައިސް މަޑުމަޑުން ބޮޑެތި މަސައްކަތްތައް ހަވާލުކޮށް ޒިންމާތައް ދީ، ދެން ބާރާއި އިޚްތިޔާރު ވެސް ދެނީ،" އޭނާ ވިދާޅުވި އެވެ.

ވަޒީފާ ދޭ އެހެން ފަރާތްތަކަށް ވެސް ބޭނުން ހިފިދާނެ ރަނގަޅު ސިޔާސަތެކެވެ. އެކަމަކު ފަހަރުގައި، ގިނަ އޮފީސްތަކަށް އެންމެ ފުރަތަމަ ބޭނުންވަނީ ވިސްނުމަށް ބަދަލު ގެނައުމެވެ. އަންހެނަކަށް ވީތީ ވަކި ގޮތަކަށް ދުށުން ހުއްޓާލުމެވެ.

"ވިހައިގެން ޗުއްޓީ އަށް ދިޔަޔަސް، އަދި އެ ޗުއްޓީ ނިންމާފައި އައިސް ވެސް އޭނަގެ އުފެއްދުންތެރިކަން ދަށަކަށް ނުދާނެ، ކޮމިޓްމެންޓް ހުރިއްޔާ،" ލުބްނާ ވިދާޅުވި އެވެ.

"ފިރިހެން މުވައްޒަފެއްގެ ކޮމިޓްމެންޓް ވެސް ވަރަށް ރަނގަޅަށް ހުރެފައި އަނެއް އަހަރު އެކަން ބަދަލު ވެސް ވެދާނެ. އުފެއްދުންތެރިކަން ދަށް ވެސް ވެދާނެ. އެހެންވީމާ އަންހެނަކަށް ވީތީ ނުވަތަ މެޓާނިޓީ ލީވް ނެގީމައެއް ނޫން ޕްރޮޑަކްޓިވިޓީ ދަށްވަނީ. އަންހެނަކަށް ވީތީ އެ މީހެއްގެ ގާބިލްކަން އަންޑަމައިން ކޮށްގެން ނުވާނެ."

ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ފުރުސަތު ދިނުމުގައި އެމްއެމްއޭ އިން ދައްކާ ނަމޫނާގެ ފަހަތުގައި އެ ތަނަށް ޚާއްސަ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެކަމަކު، ލުބްނާ ފާހަގަކުރެއްވި ގޮތަށް، އެމްއެމްއޭ އިން އެ ނަމޫނާ ދަމަހައްޓަމުން އަންނަނީ، އިހުތިރާމުގެ މާހައުލެއްގައި ހަމަހަމަކަމުގެ އުސޫލުތަކެއްގައި ހިފަހައްޓަން ސަމާލުކަން ދީގެންނެވެ. އެ އުސޫލުތައް އެހެން އޮފީސްތަކުގައި ވެސް ނުގެންގުޅެވެންވީ ސަބަބެއް ނެތެވެ.