Roadha Mihaaru
މައްސަލަ އަނބުރާ ގެންދަން އުޅުނީ ކުށް ސާބިތުވިފަހުން

ކުށް ސާބިތުވާ ކަމަށް ނިންމާފައި ވަނިކޮށް މައްސަލައެއް އަނބުރާ ގެންދަން އުޅުމުން ޕީޖީ އަށް ފާޑުކިޔުން

24 އޮކްޓޯބަރ 2023

މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ހައި ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމާފައި ވަނިކޮށް، އާންމު މަސްލަހަތަށްޓަކައި ކަމަށް ބުނެ އެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން މަސައްކަތް ކުރުމުން ހައި ކޯޓުގެ ފާޑުކިޔުންތައް ދައުލަތަށް އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ހައި ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމާފައި ވަނިކޮށް، އާންމު މަސްލަހަތަށްޓަކައި ކަމަށް ބުނެ އެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން މަސައްކަތް ކުރުމުން ހައި ކޯޓުގެ ފާޑުކިޔުންތައް ދައުލަތަށް އަމާޒުވެއްޖެ އެވެ.

މާލޭގެ ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު، ހައްޔަރުކުރި މީހެއްގެ މައްޗަށް ދަށު ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ ދައުލަތުންނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާފައިވެ އެވެ.

އެ މީހާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަޖިލިސް އިއްޔެ ބާއްވަން ހަމަޖައްސާފައި ވަނިކޮށް، ދައުލަތުން ހައި ކޯޓަށް ސިޓީ ފޮނުވީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ "އާންމު މަސްލަހަތެއް" މި ވަގުތު ނެތުމުން އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ.

އެކަމާ ގުޅިގެން ކުރި ހައި ކޯޓުގެ ހުކުމުގައި ވަނީ ދައުލަތުން އެ މައްސަލަ އިސްތިއުނާފްކޮށް އަދި އެ މީހާގެ މައްޗަށް ކުށް ސާބިތުކުރަން ވަކާލާތު ކުރުމަށް ފަހު ކޯޓުން އެ ގޮތަށް ނިންމުމުން ކުއްލިއަކަށް އާންމު މަސްލަހަތުގެ ނަމުގައި މައްސަލަ އަނބުރާ ގެންދަން އުޅުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކަށް އަދަބު ނުދީ ދޫކޮށްލުމަކީ ގާނޫނު ބޮލާލައި ޖެހުން ކަމަށް ވެސް ހުކުމުގައިވެ އެވެ.

"އަދަބު ކަނޑަނޭޅުމަކީ ދައުލަތުން އެ ބުނާ އަދި ޝަރީއަތަށް ފަހުމު ނުވާ އާންމު މަސްލަހަތަށް ވުރެ މުޖްތަމައުގެ ހައްގަށް ނުވަތަ މުޖްތަމައުގެ މަސްލަހަތަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ދެކެމެވެ. އާންމު ހަމަ ދެމެހެއްޓޭނީ މުޖްތަމައުގެ އިޖްތިމާއީ މިންގަނޑަށް އުނިކަން އަންނަ އަމަލުތަކަށް އަދަބު ކަނޑައެޅިގެންނެވެ. ހައްގު އަދަބު ކަނޑަނޭޅުމަކީ ގާނޫނުގެ ހަމަ ބޮލާލައި ޖެހުމެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ދައުލަތުން އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވިޔަސް، ހައި ކޯޓުން ނިންމީ ކުށް ސާބިތުވާ ކަމަށް ނިންމާފައި ވަނިކޮށް އެގޮތަށް މައްސަލަ އަނބުރާ ގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެހެންވެ، އެ މީހާ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރުގެ ޖަލު ހުކުމެކެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު އަހުމަދު ޝަކީލާއި ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.