Roadha Mihaaru
ފެނަކައިގެ މައްސަލަތަކުގައި 20 މިލިއަން ހޯދަންޖެހޭ

ފެނަކައާ ގުޅޭ މައްސަލަތަކުގައި 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އަންގައިފި

24 އޮކްޓޯބަރ 2023

ފެނަކަ ކޯޕަރޭޝަން އެކިއެކި ކޮރަޕްޝަންގެ މައްސަލަތަކުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފެނަކަ ކޯޕަރޭޝަން އެކިއެކި ކޮރަޕްޝަންގެ މައްސަލަތަކުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނުން މިވަގުތު ވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އަނބުރާ ހޯދަން އެންގި ފައިސާ އަކީ އެ މައްސަލަތަކުގެ ތެރެއިން ސީދާ ކިތައް މައްސަލާ ގުޅޭ ފައިސާ ކަމެއް އޭސީސީން އަދި ނުބުނެ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، ފެނަކައާ ގުޅޭ ގޮތުން ބަލާ މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމާ ގުޅޭ މައްސަލަތައް ވެސް ހިމެނެ އެވެ.

އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކާއި ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭ ގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ވެސް ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށް ފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54ރ. އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް އޭސީސީން މިހާތަނަށް އަންގާފައިވާ ކަމަށް ވެސް އެ ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހުކުރުން.

• ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުން.

• ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމެއް އިސްލާހުކުރުން.

• ކުންފުނިން ބަލައި ތަހުގީގުކުރުމަށް ވެސް ހަ ކަމެއް އަންގާފައިވޭ.

ފެނަކައިގެ މައްސަލަތަަކުގައި އެ ކުންފުންޏަށް ފިޔަވަޅު އަޅަން އޭސީސީން ރައީސް އޮފީހަށް ވެސް އެންގި އެވެ. ނަމަވެސް، އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް އެޅި ކަމެއް މިހާތަނަށް އެނގިފައެއް ނެތެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑުވެފައި ވާއިރު، ފެނަކަ އަކީ އެންމެ ބޮޑު ދަރަންޏެއް އޮތް އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަރަނި ބިލިއަނަކަށް ވުރެ ބޮޑެވެ.