Roadha Mihaaru
އިޒްރޭލު މީހުންނާއި އިމްޕޯޓު މަނާކުރަން ގޮވާލައިފި

މެމްބަރުން ގޮވާލީ އިޒްރޭލު މީހުން އައުން ވަގުތުން ހުއްޓުވައި، އިމްޕޯޓު މަނާކުރަން

25 އޮކްޓޯބަރ 2023

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް، އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެރެވުން ހުއްޓުވައި އެ ގައުމުގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ގޮވާލައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް، އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެރެވުން ހުއްޓުވައި އެ ގައުމުގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ގޮވާލައްވައިފި އެވެ.

އިޒްރޭލުން ގާޒާއަށް ހުއްޓުމެއްނެތި ދެމުންދާ އުދުވާނުތަކުގައި ފަލަސްތީނުގައި އެތަކެއް ހާސް މައުސޫމް ރައްޔިތުން ޝަހީދު ވަމުންދާތީ، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނަށް ބޮން އަޅައި އެ ގައުމު ސުންނާފަތިކޮށް އަންހެނުންނާއި ކުޑަ ކުދިން މަރަމުން ގެންދިޔުމަކީ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅަށް އަމާޒުކޮށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް ދިވެހި ސަރުކާރަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާއި ރާއްޖެ އަށް އިޒްރޭލް ރައްޔިތުން އެތެރެވުން މަނާ ކުރުމަށާއި އެ ގައުމުން އުފައްދާ އެކްސްޕޯޓް ކުރާ ހުރިހާ ބާވަތެއް ރާއްޖެ އެތެރެ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އެ ގާރާރުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

"...ރާއްޖެ އާއި އިޒްރޭލް ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ ހުރިހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމަށާއި އިޒްރޭލުން ހިފަމުންދާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފައިބާ މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވެންދެން މި ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު،" ދިވެހި އަދި އިނގިރޭސި ބަހުން އެ ގަރާރު މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ސައުދު ވިދާޅުވި އެވެ.

އެ ގަރާރާ މެދު ބަހުސް ކުރައްވަމުން ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ އިޒްރޭލަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް މިހާރު ސާފުކޮށް ދަންނަވަން ކެރޭނެ ކަމަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ނުހުއްޓުވައިފި ނަމަ، އެހެން ގައުމުތަކުން ވެސް އެ ގާނޫނުތަކަށް ތަބާނުވެ، މުޅި ދުނިޔެ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހިނގައިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ދުނިޔެއަށް މިސާލު ދެއްކުމަށްޓަކައި ރާއްޖެ ކުޑަ ގައުމެއް ވިޔަސް، އިޒްރޭލުން މީހުން އެތެރެވުން މަނާކޮށް، އެ ގައުމުގެ އުފެއްދުންތައް އެތެރެކުރުން ވަގުތުން މަނާކުރަންޖެހެ އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ މީގެ ކުރިން ވެސް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާ ތަކުގައި މަޖިލީހަށް އެކި ގަރާރުތައް ހުށަހެޅި ބަހުސް ކުރެވިފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ސައުދުގެ ގަރާރުގައި ހުށަހަޅާފައިވާ ކަންކަމުގެ އިތުރުން، ގަރާރަކަށް ވުރެ ހަރުދަނާ ނިންމުމެއް ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އެއްވެސް އޮފިޝަލަކަށް އިޒްރޭލުގެ އެއްވެސް ފަރާތަކާ އެއްވެސް ނެގޯސިއޭޝަނެއް ގެންދިޔުމަކީ މަނާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކަނޑައެޅި ދާނެ،" އެ ނިންމުމަށް ގާނޫނީ ބުރަދަން ދޭ ގޮތަށް ހުށަހަޅުއްވައި ޔާސިރު ވިދާޅުވި އެވެ.

މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ރާއްޖޭން މިހާތަނަށް ގެންގުޅެމުން އައި ސިޔާސަތު އިތުރަށް ހަރުކަށި ކުރަންޖެހޭ ކަމަށެވެ.

"ބަޔާންތައް ނެރެގެން ގަރާރުތައް ފާސްކޮށްގެން، މިހާރު މި ކުރާ ލެވެލްގައި މަސައްކަތް ކޮށްގެން ނަތީޖާއެއް ނުކުންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" މި ކަމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެންޖެހޭ ކަން ފާހަގަކުރައްވައި އޭނާ ގޮވާލެއްވި އެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ތުއްތު ކުދިންނާއި އުމުރުން ދުވަސް މީހުން ގަސްތުގައި މަރައިގެން އިޒްރޭލުން މިހާރު ކުރަމުންދަނީ ހަމާސް އާ ދެކޮޅަށް ހަނގުރާމަ އެއް ނޫން ކަމަށާއި މިއީ ސީދާ ގަތުލުއާންމެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އެ ފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިރު، އެހެން ގައުމުތަކަށް އިންސާނީ ހައްގުތަކުގެ ފިލާވަޅު ނަގައިދޭން ތިބޭ ގައުމުތައް އިޒްރޭލަށް ވާގިވެރިވެގެން ތިބުމުން، ބޮންޑޭ ވިދާޅުވި ގޮތުގައި އެ ގައުމުތަކުން ދައްކާ ވާހަކަތައް މިހާރު ގަބޫލެއް ނުކުރެވެ އެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިހާރު ޔޫރަޕު މީހުންގެ ވާހަކަތަކެއް. އެ ވެދާނެ މިހާރު އަޅުގަނޑު ހަރުކަށި ވީކަމަށް ވެސް. އެކަމަކު ލޮލަށް ފެންނަން ފެށީމަ ގަބޫލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ގަރާރަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވައި، އެ ގަރާރަށް ފުރިހަމަ އަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައިފަ އެވެ.