Roadha Mihaaru
ފަލަސްތީނު ބަހުސަށް ޖާގަ ނުދިން ކަމުގެ ތުހުމަތު

ފަލަސްތީނުގެ ހައްގުގައި ވަގުތުން ބަހުސް ކުރުމަށްޓަކައި ކުއްލި މައްސަލައަށް ޖާގަ ނުދިން ކަމުގެ ތުހުމަތު

16 އޮކްޓޯބަރ 2023

އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޑުޖައްސާލާފައި، އެ މައްސަލާގައި މިއަދު ބަހުސް ކުރެވޭ ގޮތަށް ހުށަހެޅި ކުއްލި މައްސަލައަށް ޖާގަ ނުދިން ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޑުޖައްސާލާފައި، އެ މައްސަލާގައި މިއަދު ބަހުސް ކުރެވޭ ގޮތަށް ހުށަހެޅި ކުއްލި މައްސަލައަށް ޖާގަ ނުދިން ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ބުނެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ފަލަސްތީނު މައްސަލާގައި ވިލިނގިލި ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން އިއްވަވައި، ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މި މައްސަލާގައި ކުއްލި މައްސަލައެއް ވެސް މަޖިލީހުގެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް، ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި ކުއްލި މައްސަލަ އެޖެންޑާ ނުކުރީ، އެއް މައްސަލައެއްގައި ގަރާރަކާއި ކުއްލި މައްސަލައެއް އެއް ފަހަރާ ހުށަހަޅައިފި ނަމަ ކުރިއަށް ގެންދެވޭނީ ގަރާރު ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާތީ ކަމަށް އީވާ ވިދާޅުވި އެވެ.

އޭގެ ފަހުން، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް އާ ބެހޭ ބިލުގެ ބަހުސަށް ފުރުސަތު ދެއްވުމާ އެކު، ކާށިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ހުރިހާ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އޮތް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބަހުސްކުރުމުގެ ފުރުސަތު މިއަދު ލިބިވަޑައިނުގަތުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި. --ފޮޓޯ: މަޖިލީހުގެ އިދާރާ

އަދި އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ގަވާއިދުގައި އޮންނަ އަކުރުތަކުގައި ހިފައިގެން މިފަދަ މުހިންމު މައްސަލަތައް އެޖެންޑާ ނުކުރުން ރަނގަޅެއް ނޫނެވެ.

އެކަމަށް ރައްދު ދެއްވައި ރިޔާސަތުން އީވާ ވިދާޅުވީ އެ ގަރާރު މިއަދަށް އެޖެންޑާ ނުކޮށް ކުއްލި މައްސަލަ އެޖެންޑާކުރަން ގަރާރު ހުށަަހެޅުއްވި މެމްބަރަށާއި ކުއްލި މައްސަލަ ހުށަހެޅުއްވި މެމްބަަރަށް ރިޔާސަތުން ފުރުސަތު ދިން ކަމަށެވެ.

ނަމަވެސް ގަރާރު ހުށަހެޅުއްވި މެމްބަރު ސައުދު އެދިވަޑައިގެންނެވީ ގަރާރު މިއަދަށް އެޖެންޑާ ކުރަން ކަމަށެވެ.

މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލަތަކަށް ދުވަހުން ދުވަހަށް ބަހުސް ކުރި ނަމަވެސް، ބަހުސް ނިމުމުން އެފަދަ މައްސަލަތައް ތަޅުމާ ހަމައިން ނިމޭނެ އެވެ. އޭގެ ބަދަލުގައި ގަރާރަކަށް ބަހުސްކޮށް، ކަމާ ގުޅޭ ކޮމިޓީއަށް ގޮސް، ސަރުކާރަށް ގޮވާލައި ގޮވާލުމެއް މަޖިލީހުގެ މެމްބަރުންނަށް ފާސްކުރެވޭނެ އެވެ.

ސައުދު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނަށް ބޮން އަޅައި އެ ގައުމު ސުންނާފަތިކޮށް އަންހެނުންނާއި ކުޑަ ކުދިން މަރަމުން ގެންދިޔުމަކީ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅަށް އަމާޒުކޮށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް ދިވެހި ސަރުކާރަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާއި ރާއްޖެ އަށް އިޒްރޭލުގެ މީހުން އެތެރެވުން މަނާ ކުރުމަށާއި އެ ގައުމުން އުފައްދާ އެކްސްޕޯޓް ކުރާ ހުރިހާ ބާވަތެއް ރާއްޖެ އެތެރެ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އެ ގާރާރުގައި ބުނެފައިވެ އެވެ.

"...ރާއްޖެ އާއި އިޒްރޭލް ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ ހުރިހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމަށާއި އިޒްރޭލުން ހިފަމުންދާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފައިބާ މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވެންދެން މި ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު،" އެ ގަރާރުގައި ބުނެފައިވެ އެވެ.

އިޒްރޭލްގެ ލާއިންސާނީ ހަމަލާތައް ކުށްވެރި ކުރުމާއި ފަލަސްތީންގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި ރައްޔިތުންގެ މަޖިލީހުން މި މައްސަލާގައި ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖްތަމައު އަށް ހާމަ ކުރަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.