15 ނޮވެމްބަރ 2023
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމަތީގައި އިހުތިޖާޖުކޮށް، އެ ކަން އެ ގޮތަށް ނިންމަން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަން ފަށައިފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމަތީގައި އިހުތިޖާޖުކޮށް، އެ ކަން އެ ގޮތަށް ނިންމަން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަން ފަށައިފި އެވެ.
ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަން ފެށީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމައްޗަށް މިއަދު ހެނދުނު 10:00 ގައި ފެހި ހެދުމުގައި ގިނަ ބަޔަކު އެއްވެ ކުރި އިހުތިޖާޖުގަ އެވެ. އެ މީހުން ގޮވައިލީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމާއި އިޒްރޭލަށް ފަންޑު ކުރާ ބްރޭންޑުތައް ބޮއިކޮޓް ކުރުމަށެވެ.
މަޖިލިހުގެ އިދާރާގެ ކުރިމަތީގައި އެއްވެ ތިބި މީހުންނާ ބައްދަލުކުރަން އެންމެ ފުރަތަމަ ނުކުމެވަޑައިގަތީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންނެވެ.
އިހުތިޖާޖުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ މުޅި ހަޔާތްޕުޅުގައި ވެސް ހުންނެވީ ފަލަސްތީނާ އެކު ކަމަށާއި މުޒާހަރާއެއް ކުރި ނަމަވެސް އެ ތަނަކަށް ވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވޭނެ ކަމަށާއި ޒަޔަނިޒަމާއި އިޒްރޭލަކީ ތަފާތު އެއްޗެއްކަން ދަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންނާ މަޖިލީހުގެ ކުރީގެ ރައީސާއި އަރިސް މެންބަރުން ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ޒަޔަނިޒަމާއި އިޒްރޭލާ، ވަރަށް ނުބައި ކަމެއް ޒަޔަނިޒަމަކީ. ވަރަށް އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ޒަޔަނިޒަމަކީ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދު މަދުކަމާ އެކު، މާ ބޮޑު ކަމެއް ނުކުރެވޭނެ ކަމަށް އެ ޕާޓީގެ މެންބަރުން ވިދާޅުވުމުން، އިހުތިޖާޖުގެ ބައިވެރިން ވަނީ އެ މައްސަލަ ސިޔާސީ ނުކުރަން ގޮވާލައިފަ އެވެ. އެއާ އެކު އެ މެންބަރުން އަނބުރާ މަޖިލިހުގެ އިދާރާގެ ތެރެއަށް ވަޑައިގަތީ އެވެ.
އޭގެ ފަހުން، އެމްޑީޕީގެ ބައެއް މެންބަރުން ނުކުމެވަޑައިގެން ވިދާޅުވީ، މަޖިލިހަށް ގަރާރެއް ހުށަހަޅާފައި އޮތަސް އެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށެވެ. މި ވަގުތު އެންމެ މުހިންމު ކަމަކަށް އޮތީ ސަޕްލިމެންޓަރީ ބަޖެޓާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
"އާސަންދަ ބޭނުންވެފައި ތިބި އެތައް ބަޔަކު އެބަ ތިބި. ދިވެހި ރައްޔިތުން ބަނޑަށް ޖެހުމުން ސަލާމަތް ކުރުމަށް ވެސް މި ބަޖެޓު ފާސްކުރުން މި ވަގުތަށް ވަރަށް މުހިންމު،" އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންނާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ކެލާ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ހުރިހާ ގޮތަކުން ފަލަސްތީނަށް އެހީވަމުން އަންނަ ކަމަށާއި ކުރެވެން އޮތް ކަމެއް ވެއްޖިއްްޔާ ކުރަމުން އަންނަ ކަމަށެވެ. ސަރުކާރުން ބަޔާން ނެރެފައިވާ ކަން ފާހަގަކޮށް މި މައްސަލައިގައި އާންމުންނާއި މަޖިލިހުގެ މެންބަރުން އެއް ހަމަކޮށް އޭނާ ވާހަކަ ދެއްކެވުމުން އިހުތިޖާޖުގެ ބައިވެރިން އެ ވާހަކައާ ދެކޮޅަށް އަޑު އުފުލި އެވެ.
"ދެން އަޅުގަނޑު ކީއްތޯ ކުރާނީ؟ އަޅުގަނޑު ދާންވީތޯ ހަނގުރާމަ އަށް ފަލަސްތީނަށް،" ބައިވެރިންގެ ނުރުހުން އަމާޒުވުމުން ޝަރީފް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިއެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ވަނީ އިހުތިޖާޖުގެ ބައިވެރިންގެ އަޑު އައްސަވައި މިއަދު އެ މައްސަލައިގައި މަސައްކަތްތައް ފަށަން ވައުދުވެވައިޑައިގެންފަ އެވެ.
އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުންތަކާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމާ ބައްދަލުކޮށްދެއްވުމަށް މަޖިލީހުގެ އަމީންއާންމަށް ދަންނަވައިފަ އެވެ. އަމީންއާންމު ފާތިމަތު ނިއުޝާ ވެސް ބޭރަށް ވަޑައިގެން ބައިވެރިންގެ ވާހަކަތައް އަޑުއެއްސެވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންތަކެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެހެންވެ، އެއްވުމުގެ އިސް މީހުންނާ އަސްލަމް މިވަގުތު ބައްދަލު ކުރައްވަމުން ގެންދަވާއިރު، ފިއްތުންތައް ބޮޑުވެ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު އެ މައްސަލަ ވަނީ ފަށައިފަ އެވެ. ހެނދުނު 11:30 ގައި ފެށި އެ ކޮމިޓީއަށް އެޖެންޑާކޮށްފައި އޮތީ ވީ އެންމެ އަވަހަކަށް އިޒްރޭލު ޕާސްޕޯޓާއި އިޒްރޭލްގެ ޓޫރިސްޓުން ރާއްޖެ އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މަޝްވަރާތަކެވެ.
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލްގެ މީހުން ރާއްޖެ އައުން ހުއްޓުވައިދޭން އެދިއްޖެ
އިޒްރޭލުގެ މީހުން ރާއްޖެ އިން ފޭބުމަށް އަންގައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސަށް ހުށަހަޅަނީ
އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރަން ހުށަހަޅައިފި
އިޒްރޭލާއި ފަލަސްްތީނުގެ ދައުވަތެއް އެބައޮތް: ނަޝީދު
އިޒްރޭލާ ދެކޮޅު ގަރާރެއް މަޖިލީހަށް ހުށަހަޅައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ޕީއެންސީގެ ތާއީދު