ބޮޑެތި ކުށްވެރިންނަށް ލޯކަލް އިންތިޚާބަށް ކުރިމަތިލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކޮށްގެން ސަރުކާރުން އުޅެނީ ބޮޑެތި ކުށްވެރިން ރައްޔިތުންގެ ލީޑަރުންނަށް ހަދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
07 ފެބުރުއަރީ 2017
ބޮޑެތި ކުށްވެރިންނަށް ލޯކަލް އިންތިޚާބަށް ކުރިމަތިލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކޮށްގެން ސަރުކާރުން އުޅެނީ ބޮޑެތި ކުށްވެރިން ރައްޔިތުންގެ ލީޑަރުންނަށް ހަދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ)، ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ބޮޑެތި ކުށްތައް ކޮށްފައި ތިބޭ މީހުން ކައުންސިލުގައި ބޭތިއްބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، މެމްބަރުން މިކަމާ މެދު ވިސްނެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"ވައްކަން ކުރާ މީހަކު ގެނެސް، ރައްޔިތުންގެ ބަޖެޓާ ހަވާލުކޮށްފައި ކައުންސިލްތަކުގައި ބެހެއްޓުން ނުވަތަ ކުޑަކުއްޖަކާ ބެހޭ މީހުންނާއި މީހުން މަރާ ބަޔަކު ގެނެސް ރައްޔިތުންގެ ލީޑަރެއްގެ ގޮތުގައި ބެހެއްޓުމަކީ އަޅުގަނޑަށް ގަބޫލު ކުރެވޭ ކަމެއް ނޫން،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި މި އިސްލާހު ފާސްވެއްޖެ ނަމަ، ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ކުރިން އޮތް ބައެއް ޝަރުތުތައް އުނިވެގެން ދާނެ އެވެ.
އެ ގޮތުން އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައި ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކައުންސިލް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުން ކަނޑައަޅާފައި އޮއްވައި، ގާނޫނު އިސްލާހު ކޮށްގެން އެ ޝަރުތުތައް އުވައިލުމަކީ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު، ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަން ނުވަތަ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކުރިމަތިނުލެވޭ ޝަރުތު ވެސް މި އިސްލާހުގައި އުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ގެނެސްފައިވާ އިސްލާހަކީ މިފަދަ މީހުންނަށް ކުރިމަތިލެވޭ ގޮތަށް ހެދުން،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި މިފަދަ އިސްލާހުތައް ގެންނަން މަޖިލީހުގެ މެމްބަރުން ވޯޓު ދިނުމަކީ ބޮޑެތި ކުށްތައް ކުރާ މީހުންނަށް ދެވޭ ހިތްވަރެކެވެ. އަދި ކުރިމަގުގައި މިފަދަ މަގާމުތަކަށް އަންނަން ބޭނުންވާ ކަމުގައިވާ ނަމަ އަހުލާގީ މިންގަނޑު ވަކި މިންވަރަކަށް ބަހައްޓަން ޖެހޭކަން އަމިއްލަ އަށް ދެނެގަންނަން ލިބޭ ފުރުސަތު ގެއްލުވާލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަކީ ރައްޔިތުންގެ ލީޑަރުންނަށް އަންނަން ޖެހޭ ބައެއް ނޫން ކަމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރޮޒެއިނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވަނީ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ނުވަ ޝަރުތެއް ހިމަނައިފަ އެވެ. އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ގާނޫނުން އުނިކުރަން ހުށަހަޅައިފަ އެވެ.
އިސްލާހުގައިވާ ގޮތުން ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކު ދިވެހި ރައްޔިތަކަށް ވުމަށް ފަހު ފަސް އަހަރު ފާއިތުވުން، މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން، އަދި އުމުރުން 18 އަހަރު ފުރިފައިވުމެވެ.
މީގެ އިތުރުން ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން، އެއްވެސް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިނުވުން، އެއްވެސް ޖިނާއީ ކުށެއް ސާބިތުވެ، އެ މީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކޮށްދެވުނުތާ ދެ އަހަރު ފާއިތުވާން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
މުޖުރިމުންނަށް ކައުންސިލަށް ވާދަކުރުމުގެ ދޮރު ހުޅުވިފައި
ހަސަން ލަތީފްގެ ބިލް ގާނޫނުއަސާސީއާ ޚިލާފް: ރޮޒައިނާ
ސަރުކާރު ބަލިވީ ރައްޔިތުންނަށް ބިރު ދައްކާތީ: ރޮޒައިނާ
ރައީސަށް އާންމުންގެ ޝަކުވާތައް މެމްބަރުން ކިޔައިދީފި
އާސަންދަ ކަނޑާލި މައްސަލަ މަޖިލީހަށް ހުށަހަޅަނީ
ކައުންސިލަރުންގެ ޝަރުތު ލުއިކުރި އިސްލާހު ތަސްދީގުކޮށްފި
ބައެއް ކުށްވެރިންނަށް ފުރުސަތު ހަނިކޮށް ބިލް ފާސްކޮށްފި
ކުށްވެރިންނަށް ވާދަކުރުމުގެ ފުރުސަތު ކޮމެޓީން ހަނިކޮށްފި
ކުށްވެރިންނަށް ވާދަކުރެވޭ ބިލް ބޭރުކުރަން ޖެހޭ: ފާރިސް
ކުށްވެރިންނަށް ވާދަކުރެވޭ އިސްލާހު ބަލައިގަނެ ކޮމެޓީއަށް