Roadha Mihaaru
ލީގު ފަސްކޮށްފި، އެފްއޭއިން ވަކި އެއްޗެއް ނާންގާ

ލީގު ފަސްކޮށްފި، އެފްއޭއެމުން ވަކި އެއްޗެއް ނާންގާ

28 އޮކްޓޯބަރ 2023

ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ބްރޭކަށް ފަހު، މިއަދު ފަށަން ކުރިން ތާވަލުކޮށްފައި އޮތް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ފަސް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ބްރޭކަށް ފަހު، މިއަދު ފަށަން ކުރިން ތާވަލުކޮށްފައި އޮތް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ފަސް ކޮށްފި އެވެ.

ކްލަބެއްގެ ސީނިއާ އޮފިޝަލަކު ބުނީ ލީގުގެ ކުޅުން މިއަދު ނެތް ކަން އެނގިފައިވާ ކަމަށެވެ، ނަމަވެސް އެފްއޭއެމުން ރަސްމީކޮށް އެއް ވެސް އެއްޗެއް އަންގާފައި ނެތް ކަމަށް އޭނާ ބުންޏެވެ.

"އެނގެނީ މިއަދު މެޗު ނުކުޅޭނެކަން. އެފްއޭއެމުން ރަސްމީކޮށް ވަކި އެއްޗެއް އަންގާފައެއް ނެތް،" ކްލަބްގެ އޮފިޝަލް ބުންޏެވެ.

ލީގު އިތުރު 10 ދުވަހަށް ފަސްކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އެފްއޭއެމުން އެކަހަލަ އެއްވެސް ކަމެއް އިއުލާންކޮށްފައެއް ނެތެވެ. ލީގުގެ ކުޅުން މިއަދު ފަށާނެތޯ ނޫސްވެރިން ތަކުރާރުކޮށް އެހުމުން ވެސް އެފްއޭއެމްގެ އެއްވެސް އޮފިޝަލަކު ވެސް ޖަވާބެއް ނުދެ އެވެ.

ނަމަވެސް މިދިޔަ ބުރާސްފަތު ދުވަހު އެފްއޭއެމުން ނެރުނު ބަޔާނުގައި ވަނީ އެފްއޭއެމްގެ އިދާރާ ފުލުހުން ރެއިޑްކޮށް ތަހުގީގަށް ބައެއް ސާމާނު ގެންދިއުމުން ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތް ހުއްޓިފައިވާ ކަމަށާއި ލީގާއި ރޭވިފައި ހުރި އެހެން މުބާރާތްތައް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެފްއޭއެމަށް ފީފާ އާއި އޭއެފްސީން އަދި އެނޫން ވެސް ގޮތްގޮތުން ދޭ ފައިސާ، އެތަނުގެ ވެރިން ނަހަމަ ގޮތުގެ ބޭނުން ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ އެފްއޭއެމްގެ އޮފީހަށް ވަދެ ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އެފްއޭއެމުން ބުނީ "ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތްތަކުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތަކެއް އާލާތްތަކެއް" ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

"(އޭގެ) ސަބަބުން މި އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫ އަރައި މި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި މިހާލަތުގައި ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެނޫން ވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި ހިތާމަޔާ އެކު ފާހަގަ ކުރަމެވެ." އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ގެންދިޔަ ތަކެއްޗަކީ ކޮބައިތޯ އެހުމުން ވެސް އެ ތަކެތީގެ ތަފްސީލެއް އެފްއޭއެމުން ނުދެ އެވެ. ލީގުގެ ޝެޑިއުލް އަށް ބަދަލު ގެނެސްފައިވާ ކަމެއް ވެސް އެ އެސޯސިއޭޝަނުން ހާމަކޮށްފައެއް ނެތެވެ.

އެންމެ ފަހުން އޮގަސްޓް 19 ވަނަ ދުވަހު އެފްއޭއެމުން އާންމުކުރި ލީގު ޝެޑިއުލްގައި ވާގޮތުން، އިންޓަނޭޝަނަލް ބްރޭކަށް ފަހު މިއަދު ހަވީރު އަލުން ފަށާނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުންނެވެ.

ގައުމީ ޓީމުގެ ތައްޔާރީތަކަށާއި އޭއެފްސީ ކަޕްގައި ކުޅޭ މާޒިޔާގެ ތައްޔާރީތަކަށް ލީގު މެދުކަނޑާލާފައި ވަނީ މީގެ ދެ މަސް ކުރިންނެވެ.

އެންމެ ފަހުން ލީގު މެޗެއް ކުޅެފައި ވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ ރެއެވެ. އެ ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކޮށްފައި ވަނީ ޓީސީ އެވެ.