Roadha Mihaaru
ހުޅުމާލޭގެ ބިންތައް ނުވިއްކަން އޭސީސީން އަންގައިފި

ހުޅުމާލޭގެ ބިންތައް ވިއްކުމުގެ މުއާމަލާތް ނުހިންގަން އޭސީސީން އަންގައިފި

30 އޮކްޓޯބަރ 2023

ހުޅުމާލޭގެ ބިންތައް ވިއްކުމާ ގުޅޭ އެއްވެސް މުއާމަލާތެއް، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ނުހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް އަންގައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ހުޅުމާލޭގެ ބިންތައް ވިއްކުމާ ގުޅޭ އެއްވެސް މުއާމަލާތެއް، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ނުހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް އަންގައިފި އެވެ.

އެ ކޮމިޝަނުން އިއްޔެ އެކަން އެންގީ އާބަންކޯ އިން ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރި މުއާމަލާތްތަކެއް ނިންމުމަށް އެކަމާ ގުޅޭ 40 އައިޓަމެއް އާބަންކޯ އިން ދެން އެންމެ އަވަހަށް ބާއްވާ ބޯޑު ބައްދަލުވުމަކަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންވެ، އެކަމާ ގުޅިގެން، ހުޅުމާލޭގެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް މި ވަގުތު ނުހިންގަން އާބަންކޯ އަށް އިއްޔެގެ ވަގުތެއްގައި އަންގާފައިވާ ކަމަށް އެނގިފައި ވެ އެވެ.

ނަމަވެސް އާބަންކޯ އިން ނިންމަން އުޅޭ ބިމުގެ މުއާމަލާތުތަކާ ގުޅޭ ތަފުސީލެއް އަދި ނުލިބެ އެވެ.

އާބަންކޯ އިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލެ އިން 60 ބިމެއް ވިއްކަން ނިންމައިފަ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ހުޅުވައިލީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިން ބީލަމުގެ އުސޫލުން ވިއްކުމަށެވެ. ބިމުގެ އަގު ފެށޭ އަގަކީ އެ ކުންފުނިން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3،500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ.