Roadha Mihaaru

ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުން މުޅި ރާއްޖޭގައި ހިންގާނެ: ޕޮލިސް

ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލު ކުރުމުގެ އޮޕަރޭޝަން މާލެ އާއި ހުޅުމާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ބިދޭސީން ބަލައި ފާސްކުރުން މުޅި ރާއްޖޭގައި ހިންގާނެ

ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލު ކުރުމުގެ އޮޕަރޭޝަން މާލެ އާއި ހުޅުމާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު އެކްސްގައި ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ މިރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ރައީސްގެ އެ އެދިވަޑައިގަތުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިރެއިން ފެށިގެން ކޮންމެ ރެއެއްގެ ދަންވަރު 12 އިން ހެނދުނު 6 އާ ދެމެދު މާލެ އާއި ހުޅުމާލޭގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށެވެ. އެގޮތުން ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއް ނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރާނެ ކަަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

"އަދި ހާއްސަކޮށް މާލެ އާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި، އެ ފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ފުލުހުން ނިންމާފައި ވަނީ ބިދޭސީން ފާސްކުރާއިރު، ފާހަގަ ކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ގާނޫނީ އިމުގެ ތެރޭގައި ފިޔަވަޅު އަޅަން އިމިގްރޭޝަނާ ހަވާލު ކުރާށެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ މީހުންގެ ފަރާތުން ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެ ފިޔަވަޅެއް އެޅުމަށް ވެސް ދިވެހި ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ދަންނަވާފައި ވާނެ ކަަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލު ކުރަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހޯދައި މި ވަގުތު ވެސް ވަނީ 70 އަށް ވުރެ ގިނަ ތަންތަން ބަންދުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް އެ މުއްދަތުގައި ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، އެ ޝަކުވާތަކާ ގުޅިގެން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފަ އެވެ.

މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ހިންގާ ބައެއް ތަންތަނުގައި ހަށިވިއްކުމާއި ފާހިޝް އަމަލުތައް ހިންގާ ކަމުގެ އަޑުގަދަ ވެފައި ވަނިކޮށް، އެ ތަންތަނަށް އަމާޒުކޮށް ވެސް ފުލުހުންނާއި އިމިގްރޭޝަނުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.

ރައީސް މުއިއްޒު ރޭ ވިދާޅުވީ، މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް، މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 52 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ބަންދުކުރި 52 ތަނުގެ ތެރެއިން 24 ތަނަކީ އިމިގްރޭޝަންގެ އޮޕަރޭޝަންގައި ބަލައި ފާސްކޮށް ބަންދުކުރި ތަންތަނެވެ. އަދި އިތުރު 28 ތަނެއް ބަންދުކުރީ މި އޮޕަރޭޝަން ފެށިކަން އެނގިގެން އެ ތަންތަން ހިންގި މީހުން އަމިއްލައަށް ކަމަށް ރައީސް ވިދާޅުވި އެވެ.