Roadha Mihaaru
ޔަމަނުގެ ހޫތީން އިޒުރޭލާ ދެކޮޅަށް ހަނގުރާމަ ފަށައިފި

ޔަމަނުގެ ހޫތީން އިޒުރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި

31 އޮކްޓޯބަރ 2023

ޔަމަނުގައި ވެރިކަން ކުރާ ހޫތީ ސަރުކާރުން އިޒުރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ހަމަލާތައް ދޭން މިއަދު ފަށައިފި އެވެ.

ޔަމަނުގައި ވެރިކަން ކުރާ ހޫތީ ސަރުކާރުން އިޒުރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ހަމަލާތައް ދޭން މިއަދު ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޔަމަނުގައި ވެރިކަން ކުރާ ހޫތީ ސަރުކާރުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް އިޒުރޭލާ ދެކޮޅަށް އެ ގައުމުން ހަނގުރާމަ ފެށިކަން އިއުލާންކޮށްފަ އެވެ. ޔަމަނުގެ ސިފައިން ވަނީ ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން އިޒުރޭލަށް ހަމަލާ ދޭން ފަށައިފަ އެވެ.

ޔަހްޔާ ސަރީ ވިދާޅުވީ އިޒުރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ދެން އެ ގައުމުން އިޒުރޭލަށް ހަމަލާ ދޭނެ ކަމަށެވެ.

ޔަމުން ވަނީ މިއަދުގެ ވަގުތެއްގައި އިޒުރޭލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފަ އެވެ. އެ މިސައިލާ ގުޅިގެން އިޒުރޭލުގެ އަސްކަރިއްޔާ ބުނެފައި ވަނީ، އިޒުރޭލާ ދިމާ އަށް ދިޔަ ގޮތް ނޭނގޭ މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ. އެ މިސައިލުގެ ޒިންމާ ހޫތީން ވަނީ ނަގައިފަ އެވެ.

އިޒުރޭލުގެ ސިފައިން އެއްގަމު މަގުން ގައްޒާ އަށް އަރައިގެންފި ނަމަ އަދި އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ސަރުކާރުން ވަދެއްޖެ ނަމަ، އިޒުރޭލާ ދެކޮޅަށް ހަމަލާ ދޭން ފަށާނެ ކަމަށް ހޫތީން ކުރިން ވެސް ދިޔައީ އިންޒާރު ދެމުންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ވެސް އިޒުރޭލަށް ހަމަލާ ދިނުމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ. އެ ޖަމާއަތަކީ ލުބުނާނުގެ ހިޒްބުﷲ އަށް ވުރެ ވެސް ޒަމާނީ މޮޅު ހަތިޔާރު ގެންގުޅޭ ބައެކެވެ.

މި މަހު ހަތެއްގައި ހަމާސް ޖަމާއަތުން އިޒުރޭލަށް ދިން ހަމަލާގެ ބަދަލުގައި އިޒުރޭލުން އަންނަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒުރޭލުގެ ލާއިންސާނީ އަނިޔާގައި ފަލަސްތީނުގެ 8،000 ވުރެ ގިނަ މީހުން މަރުވެ، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.