Roadha Mihaaru
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް

ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް

12 ޑިސެމްބަރ 2023

ނޯވޭގެ ދިދައިގެ ދަށުން ދަތުރުކުރި ކެމިކަލް އުފުލާ ޓޭންކަރަކަށް، ޔަމަންގެ ހޫތީ ހަނގުރާމަވެރިން އިއްޔެ މިސައިލް ހަމަލާއެއް ދިނުމުގެ ސަބަބުން އެ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނޯވޭގެ ދިދައިގެ ދަށުން ދަތުރުކުރި ކެމިކަލް އުފުލާ ޓޭންކަރަކަށް، ޔަމަންގެ ހޫތީ ހަނގުރާމަވެރިން އިއްޔެ މިސައިލް ހަމަލާއެއް ދިނުމުގެ ސަބަބުން އެ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރޭ ދަންވަރުގެ ވަގުތުގައި އެ ޓޭންކަރަށް ހަމަލާ ދިނީ ޔަމަނާއި ޖި

ބޫތީއާ ދެމެދުގައި އޮންނަ ބާބުލް މުންދަބް ކަނޑުއޮޅި ހުރަސްކޮށް ރަތް ކަނޑުގެ ތެރެއަށް ދާން މިސްރާބު ޖަހާފައި ވަނިކޮށެވެ. ދަ ސްޓްރިންޑާ ނަމަކަށް ކިޔާ އެ ބޯޓަކީ ކެމިކަލް އާއި ތެޔޮ ހިފައިގެން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ ޓޭންކަރެކެވެ.

ހަމަލާ ދިން އިރު އެ ޓޭންކަރު ދަތުރުކުރީ ކެމިކަލްތަކެއް ބަރުކޮށްގެން އިޓަލީ އަށް ކަމަށް އެ ޓޭންކަރު ދުއްވާ ކުންފުނި މޮވިންކެލްސް ރެޑެރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން ރޭ އެ ޓޭންކަރަށް އަމާޒުވި މިސައިލް ހަމަލަޔާ ގުޅިގެން ޓޭންކަރުގައި އަލިފާން ރޯވި އެވެ.

ނަމަވެސް ޓޭންކަރުގައި ހުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި އަލިފާންގަނޑު ކޮންޓްރޯލްކޮށް ވަރަށް އަވަހަށް ނިއްވައިލި ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ހަމަލާ އަމާޒުވުމާ އެކު އެ ޓޭންކަރުން ފޮނުވި ކުއްލި ހާލަތެއް މެދުވެރިވި ކަމުގެ ސިގްނަލް ލިބުނު ކަމަށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުންޏެވެ.

އެ ސިގްނަލް ލިބުމާއެކު އެމެރިކާގެ މަނަވަރަކުން އެ ޓޭންކަރަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެ ކޮމާންޑުން ބުންޏެވެ. އަދި އެމެރިކާގެ މަނަވަރުތަކުގެ ބެލުމުގެ ދަށުން އެ ޓޭންކަރު މިހާރު ދަނީ ރައްކާތެރި ބަނދަރަކަށް ވެއްދުމަށް ދަތުރު ކުރަމުން ކަމަށް ވެސް އެ ކޮމާންޑުން ބުންޏެވެ.

ނޯވޭގެ ކުންފުންޏަކުން ދުއްވާ މި ޓޭންކަރަށް ހޫތީން މިސައިލް ހަމަލާއެއް މި ދިނީ، ފަލަސްތީނުގެ ޣައްޒާ އަށް ބޭނުންވާ ކާނާ އާއި ބޭހުގެ ސާމާނު ފޮނުވައިނުދޭ ނަމަ، އިޒްރޭލާ އެކުގައި ވިޔަފާރި ހިންގާ ކުންފުނިތަކުގެ އާގުބޯޓުތަކަށް ހަމަލާ ދޭނެ ކަމަށް އިންޒާރު ދިނުމަށް ފަހު އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 67 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18300 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7900 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5200 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 49700 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8900 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.