Roadha Mihaaru
ރާއްޖޭން އެދުނީ އިޒުރޭލަށް ހަރުކަށި ފިޔަވަޅު އަޅަން

އދ. ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭން އެދުނީ އިޒުރޭލަށް ހަރުކަށި ފިޔަވަޅު އަޅަން

02 ނޮވެމްބަރ 2023

ފަލަސްތީނު ރައްޔިތުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާ ހުއްޓުވައި، އިޒުރޭލަށް ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖެއިން އދ. ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފަލަސްތީނު ރައްޔިތުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާ ހުއްޓުވައި، އިޒުރޭލަށް ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖެއިން އދ. ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ އެދިއްޖެ އެވެ.

ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް އިޒުރޭލުގެ އަސްކަރިއްޔާ އިން ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އެ މައްސަލަ އަށް ހައްލު ހޯދުމަށް އދ. ގެ މައި މަރުކަޒުގައި ކުރިއަށް ގެންދިޔަ އެ ޖަމިއްޔާގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި އ.ދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ވަނީ އިއްޔެ ތަގުރީރުކުރައްވައިފި އެވެ.

ތިލްމީޒާގެ ތަގުރީރުގައި ވަނީ ގާޒާގެ އާންމުން މިހާރު ތަހައްމަލުކުރަމުންދާ އަނިޔާތަކަކީ އިޒުރޭލުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ފަލަސްތީނަށް ކުރިމަތިކުރަން ފެށި ލޭއޮހޮރުވުމާއި ފިއްތުންތަކުގެ ނަތީޖާ ކަމަށް ވިދާޅުވެފަ އެވެ.

އެ ހަމަނުޖެހުމުގެ ޝިކާރައަކަށްވެފައިވާ ގާޒާގެ ދެ މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

ފަލަސްތީނުގެ ހައްގުގައި އިޒުރޭލާ ދެކޮޅަށް އަޑުއުފުލުމަށް މާލޭގައި ބޭއްވި ބޮޑު އެއްވުމެއްގައި ގިނަ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަލަސްތީނުގެ ހައްގުގައި އިޒުރޭލާ ދެކޮޅަށް އަޑުއުފުލުމަށް މާލޭގައި ބޭއްވި ބޮޑު އެއްވުމެއްގައި ގިނަ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިޒުރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގެއްލެމުންދާ މައުސޫމު ފުރާނަތަކަކީ ހަމައެކަނި ހަނގުރާމައެއްގެ ސަބަބުން ލިބެމުންދާ ގެއްލުމެއް ކަމުގައި ދެކި، އެކަން ހުއްޓުމަކަށް ގެނައުމަށް ނުކުޅެދޭ ކޮންމެ މުޖުތަމައުއެއްގެ ތެދުވެރިކަމާއި ނަޒާހާތްތެރިކަމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"[އިޒުރޭލުގެ] މި އަމަލުތައް ބަލައިގަތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހަމަތަކާއި އުސޫލުތަކާ މުޅިން ހިލާފު ކަމެއް،" ތިލްމީޒާ ވިދާޅުވި އެވެ.

ތިލްމީޒާ ވަނީ ގައްޒާގައި ސިއްހީ ފަރުވާދޭ އެކި މަރުކަޒުތަކަށާއި ޖަބަލިއާ ރެފިއުޖީ ކޭމްޕް ފަދަ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި އަޅުކަންކުރާ ތަންތަނުގެ އިތުރުން އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިޒުރޭލުން ދޭ ހަމަލާތައް ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.

ހަލަބޮލި ސިޔާސީ މަޝްރަހެއްގެ ތެރޭގައި ހަމަޖެހުމާއި އިންސާފު ގާއިމުކުރުމަށް އދ. ގެ އާންމު މަޖިލީހުން ހިތްވަރާ އެކު މަސައްކަތްކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ. އަދި ހަމައެއާ އެކު، ގާޒާގެ މީހުންނަށް ލިބެމުން ދާ އަނިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ރާއްޖެއިން ވަނީ އިޒުރޭލުގެ ހަމަލާތައް ހުއްޓުމަކަށް ގެނެސް، ގައްޒާ އަށް އިންސާނީ އެހީ މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ގޮވާލާ އދ. ގެ އާންމު މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރި ގަރާރަށް ތާއީދުކޮށް، އެ ގަރާރު ކޯ-ސްޕޮންސާ ވެސް ކޮށްފަ އެވެ.

މި މަހު ހަތެއްގައި ހަމާސް ޖަމާއަތުން އިޒުރޭލަށް ދިން ހަމަލާގެ ބަދަލުގައި އިޒުރޭލުން އަންނަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒުރޭލުގެ ލާއިންސާނީ އަނިޔާގައި ފަލަސްތީނުގެ 8،000 ވުރެ ގިނަ މީހުން މަރުވެ، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.