Roadha Mihaaru
ދުވަސްވީ މީހުންނަށް ޖަޕާނުގައި ޖަލު ވެސް މާ ރަނގަޅު

އުމުރުން ދުވަސްވީ މީހުންނަށް ޖަޕާނުގައި ޖަލު ވެސް މާ ރަނގަޅު

08 ފެބުރުއަރީ 2017

ޖަޕާނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ނަމަވެސް އެ ގައުމުގެ ބޮޑު އާބާދީގައި މުސްކުޅިން ގިނަވުމަކީ އެ ގައުމަށް މިހާރު ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ދުވަސްވީ މީހުން ގިނަވުމުގެ ސަބަބުން ގޮންޖެހުންތައް ބޮޑީ ހަމަ އެކަނި ސަރުކާރަކަށް ނޫނެވެ. އެ މީހުންނަށް ވެސް ވަރަށް ހިތްދައްޗެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޖަޕާނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ނަމަވެސް އެ ގައުމުގެ ބޮޑު އާބާދީގައި މުސްކުޅިން ގިނަވުމަކީ އެ ގައުމަށް މިހާރު ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ދުވަސްވީ މީހުން ގިނަވުމުގެ ސަބަބުން ގޮންޖެހުންތައް ބޮޑީ ހަމަ އެކަނި ސަރުކާރަކަށް ނޫނެވެ. އެ މީހުންނަށް ވެސް ވަރަށް ހިތްދައްޗެވެ.

އެކިއެކި ކުށްތައް ކޮށްގެން އެ ގައުމުގައި ޖަލަށް ލާ އުމުރުން ދުވަސްވީ ގިނަ މީހުން ޖަލުން ނުކުންނަން ބޭނުން ނުވުމަކީ ވެސް ޖަޕާނަށް މިހާރު ކުރިމަތިވެފައިވާ ބޮޑު މައްސަލަ އެކެވެ.

ޖަޕާނުގެ އެންމެ ބޮޑު އެއް ޖަލުގައި ތިބި ގިނަ އަދަދެއްގެ މީހުންގެ ތެރެއިން މިއީ 80ގެ އަހަރުތައް ގުނަމުންދާ މީހެކެވެ. އޭނާ އިނީ ޖަލުގައި ހަމަޖެހިލައިގެންނެވެ. އަދި އެތަނުން ދުވަހަކުވެސް ނުކުތުމުގެ ވިސްނުމެއް ނެތެވެ.

މި ފިރިހެން މީހާ ކޮންމެ ދުވަހަކު ވެސް ކުރަނީ އެއް ކަންތައްތަކެކެވެ. ހެނދުނު 6:45 ގައި ތެދުވެ އެވެ. ސައި ބޮއެހެން 20 މިނިޓް ފަހުން، މަސައްކަތްކުރާ ތަނަށް ދެ އެވެ. ބަރާބަރު 8:00 ގައި މަސައްކަތް ފަށަ އެވެ.

ނަމަވެސް މިއީ ޖަޕާނު މީހުންގެ ތެރެއިން މުސާރަ ލިބޭ އާދައިގެ މީހުންގެ ދިރިއުޅުމެއް ނޫނެވެ.

"އަހަންނަކަށް ނޭނގެ މިތަނުން ބޭރަށް ނުކުމެފައި އަހަރެން އުޅެން ޖެހޭނީ ކޮން ކަހަލަ ދިރިއުޅުމެއް ކަމެއް. އޭރުން އަހަރެންގެ ސިއްހަތާ މެދު ފިކުރުކުރަން ޖެހޭނެ. ފައިސާ ހޯދާނެ ގޮތަކާ މެދު ވިސްނަން ޖެހޭނެ،" ޓޯކްޔޯގެ ފުޝޫ ޖަލުގައި ހުރި މީހަކު ކިޔައިދިނެވެ. އޭނާ އަކީ ވައްކަމުގެ މައްސަލައެއްގައި ޖަލަށް ލާފައި ހުރި މީހެކެވެ.

ޖަޕާނަކީ އުމުރުން ދުވަސްވީ މީހުން ކުށް ކުރުން ގިނަ ގައުމެކެވެ. އެހެންވެ އެމީހުންނަށް ތައްޔާރުކޮށްފައި ހުންނަ ޖަލެކޭ ނާސިން ހޯމެކޭ ތަފާތެއް ނުހުރެ އެވެ. މި މައްސަލަ މާ ބޮޑުވެގެން ޖަޕާނު ސަރުކާރުން ވަނީ އެ ގައުމުގައިހުރި 70 އަށް ވުރެ ގިނަ ޖަލުގެ ތެރެއިން ދެބައިކުޅަ އެއްބައި ޖަލުގައި މަސައްކަތްކުރާނެ ނަރުހުން ހޯދަން ނިންމައި އެކަމުގެ ހުއްދަ ވެސް ހޯދައިފަ އެވެ. އަންނަ އޭޕްރީލުން ފެށިގެން މި ޖަލުތަކުގައި ނަރުހުންގެ ޚިދުމަތް ލިބެން ފަށާނެ އެވެ.

ތަފާތު ކަމަކީ 2015 ގައި އެކި މައްސަލަތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށް ނުވަތަ ސުވާލުކުރި މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ 65 އަހަރުން މަތީގެ މީހުންނަށް ވުމެވެ. މިއީ 2000 ވަނަ އަހަރަށް ވުރެ 5.8 ޕަސެންޓް މަތީ މިންވަރެއް ކަމަށް އެ ގައުމުގެ ނެޝަނަލް ޕޮލިސް އެޖެންސީން ނެރެފައިވާ ތަފާސް ހިސާބުން ދައްކަ އެވެ.

ގިނަ މީހުން ޖަލަށް ލާފައި ވަނީ ފިހާރަތަކުން ކޮށްފައިވާ ކުދި ވައްކަންތަކާ ގުޅިގެންނެވެ. އެ މީހުންނަށް އަޅާލާނެ މީހުން ނެތުމަކީ މިފަދަ ކަންކަމަށް އަރައިގަންނަ މީހުން ގިނަވާ ސަބަބެއް ކަމަށްވެ އެވެ.

ޖަޕާންގެ ފިރިހެނުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އެންމެ ބޮޑު ޖަލު ކަމަށްވާ ފުޗޫގެ އޮފިސަރުންގެ މަސައްކަތަކަށް އޮންނަނީ އެކަނި ނޫޅެވޭ ވަރުގެ މީހުންގެ ޑައިޕާ ބަދަލުކުރުމާއި ބައެއް މީހުންނަށް ފެންވެރުވުމެވެ.

"މާ ދުވަސްވެފައި ތިބޭ ކުށްވެރިންނަށް، ދައްކާ ވާހަކަ ވެސް ބީރުކަމުން އޮޅުން ނުފިލާ. އެމީހުންނަށް ޖަލު ބަލަހައްޓާ އޮފިސަރުންގެ އިރުޝާދުތަކެއް އޮޅުމެއް ނުފިލާ. އެމީހުން އަބަދު ފާޚާނާޔަށް ގެންދަންޖެހޭ. އެހެންވެ ވަރަށް ބުރަ. އިތުރު އޮފިސަރުން ބޭނުންވޭ،" ޖަލުގެ އޮފިސަރަކު ކިޔައިދީފައިވެ އެވެ.

ޖަޕާންގެ ޖަލުގައި ދިރިއުޅުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. މަސައްކަތްކުރާ ގަޑީގައި ވާހަކަ ދެއްކުން މަނާ ވާނެ އެވެ. ކޮންމެ މީހަކުވެސް އުޅެން ޖެހޭނީ މުޅިން ވަކިންނެވެ. އަދި ކޮންމެ ކޮންމެ އިރަކު ފެނެއް ނުވެރޭނެ އެވެ.

ޖަލުގައި ބައެއް ފަހަރަށް މުނިފޫހިފިލުވުމަށް ބައެއް އިވެންޓްތައް ރޭވި ނަމަވެސް ކުށްވެރިން ތިބެން ޖެހޭނީ ބިންމަތީގައި އިށީނދެގެން އުނަގަނޑު ސީދާކޮށް ދެ އަތް ދެ ފައިމަތީގައި ބާއްވައިގެންނެވެ. އަތްތިލަބަޑި ޖެހުމަކީ ވެސް މަނާ ކަމެކެވެ.

ޖަލުގައި މިފަދަ ހާލެއްގައި އުޅެން ޖެހުނަސް އުމުރުން ދުވަސްވީ ބައެއް މީހުންނަށް މިއަށް ވުރެ ރަނގަޅު އެއްވެސް ތަނެއް ނެތެވެ. މިތަނުން ބޯހިޔާވަހިކަމާއި ކެއުން އަދި ސިއްހީ ޚިދުމަތް ލިބެ އެވެ. މިއީ ޖަލުން ބޭރުގައި އެމީހުންނަށް ލިބޭނެ ޚިދުމަތްތަކެއް ނޫނެވެ.

"އެންމެ ކުޑަވެގެން އެމީހުންނަށް ބޯހިޔާވަހިކަން ލިބި، ގަޑިން ގަޑިއަށް ކާއެއްޗެހި ލިބޭނެކަމުގެ ޔަގީންކަން އޮވޭ،" ފޯދަން ޔުނިވަސިޓީ ގްރެޖުއޭޓް ސްކޫލް އޮފް ސޯޝަލް ސާވިސްގެ އެސޯސިއޭޓް ޕްރޮފެސަރު ޓިނާ މަސާޗީ ވިދާޅުވި އެވެ.

ފުޗޫ ޖަލުގެ އިން ޗާޖް ޔޫކީ ކުއަހާރާ ވިދާޅުވީ ޖަލުން ނުކުންނަ ދުވަސް ގާތްވުމުން ކުށްވެރިން ވަރަށް ދެރަވެގެން އުޅޭ ކަމަށެވެ. ސަބަބަކީ ކޮންމެ ދުވަހަކު ކުރަން ޖެހޭ އެއްވެސް ކަމަކަށް ޖަލުގައި ތިބޭއިރު ވިސްނަން ނުޖެހޭތީ އެވެ. ޖަލުން ސަލާމަތްވިޔަސް އަނެއްކާވެސް މާގިނަ ދުވަހެއް ނުވެ ކޮންމެވެސް ކުށެއް ކޮށްގެން އެމީހުން އަނބުރާ ޖަލަށް އަންނަ ކަމަށް ވެސް ޖަޕާނު ސަރުކާރުގެ ހިސާބުތަކުން ދައްކަ އެވެ.

މުޖުތަމައަށް ނުކުމެ، އުޅޭނެ ތަނެއް ހޯދުމާއި ވަޒީފާއެއް ހޯދުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ. މިފަދަ ގިނަ މީހުންނަކީ ކުރިއްސުރެ އެކަނިމާއެކަނި އުޅޭ މީހުންނަށް ވާއިރު ބޭރު ތެރޭގައި އެމީހުންގެ އެކަނިވެރިކަން ވެސް މާ ބޮޑުވެ އެވެ.