Roadha Mihaaru
މުސްކުޅި ދެމަފިރިއަކު ވަކިވާން ޖެހުމުގެ ހިތްދަތިކަމުގައި

ލޯބިން އުޅުނު ދެމަފިރިން މުސްކުޅިވެ ބަލިވުމުން ވަކިވާން ޖެހުމުގެ ހިތާމާގައި

28 އޯގަސްޓް 2016

ފުރާވަރުން ފެށިގެން އެކުގައި އުޅުނު ކެނެޑާގެ ދެމަފިރިއަކު، އުމުރުން ދުވަސްވެ ބަލި ހާލުގައި ޖެހުނު ދުވަހު، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ދެ ގެއެއްގައި ވަކިން އުޅެން މަޖުބޫރުވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ފުރާވަރުން ފެށިގެން އެކުގައި އުޅުނު ކެނެޑާގެ ދެމަފިރިއަކު، އުމުރުން ދުވަސްވެ ބަލި ހާލުގައި ޖެހުނު ދުވަހު، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ދެ ގެއެއްގައި ވަކިން އުޅެން މަޖުބޫރުވެއްޖެ އެވެ.

ވޮލްފް ގޮޓްސްޗޯކް، 83، އާއި އަންހެނުން އަނީތާ، 81، އެންމެ ފުރަތަމަ ދިމާވެ ރައްޓެހި ވެފައި ވަނީ ފުރާވަރުގަ އެވެ. މި ދެ މީހުން ކައިވެނިކުރީ 1954 ވަނަ އަހަރު އެވެ.

ކައިވެނިކޮށް 62 އަހަރު ވަންދެން އުފަލުގައި އުޅުމަށް ފަހު މި ދެ މީހުންނަށް ވަކިވާން ޖެހި، މިދިޔަ އަށް މަސް ދުވަސް ވެސް ހޭދަކޮށްފައި ވަނީ ދެ މީހުން ދެ ގޭގަ އެވެ. އެއީ ގެއާ ކައިރީގައި ހުރި މުސްކުޅިން ބަލަހައްޓާ އެއްވެސް ތަނަކުން ދެމަފިރިއަކަށް ދިރިއުޅެވޭނެ ޖާގަ ލިބެން ނެތުމުންނެވެ.

މިހާރު ދެ މީހުންނަކީ ވެސް ވަރަށް މުސްކުޅި އެހާމެ ބަލި ދެ މީހުންނެވެ. ބަލިހާލު ބޮޑުވަމުން ދާއިރު ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅުގައި އެކުގައި ހޭދަކުރަން މި ދެމަފިރިން ބޭނުންވެ އެވެ.

ވޮލްފް އާއި އަނީތާގެ ކައިވެނީގެ ފޮޓޯ

ވޮލްފް އާއި އަނީތާގެ ކައިވެނީގެ ފޮޓޯ

ވޮލްފްގެ ކާފަދަރިފުޅު އެޝްލޭ ބާޓްޔިކް އޭނާގެ ފޭސްބުކް ޕޭޖްގައި މިކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ވޮލްފް އާއި އަނީތާގެ ދަރިންނާއި މާމަ ދަރިން އެ ދެމަފިރިންގެ އެކަނިވެރިކަން ފިލުވާދެވޭތޯ ކޮންމެ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް އެ ދެމަފިރިން ބައްދަލުކުރަން ގެންދެ އެވެ. ނަމަވެސް ދެ މީހުން ދުރުގައި ހޭދަކުރަންޖެހޭ ވަގުތުކޮޅު ދެ މީހުންނަށް ވެސް އިންތިހާއަށް އެކަނިވެރިކަން އިހްސާސް ކުރެވެ އެވެ. ނަތީޖާއަކީ އެމީހުންގެ ބަލި ކުރިއަށް ވުރެ ވެސް ބޮޑުވުމެވެ.

ވޮލްފް އާއި އަނީތާ: މުޅި އުމުރު އެކުގައި ހޭދަކުރި ދެމަފިރިން

ވޮލްފް އާއި އަނީތާ: މުޅި އުމުރު އެކުގައި ހޭދަކުރި ދެމަފިރިން

މީޑިއާއާ ވާހަކަދައްކަން އޭޝްލީ ބުނެފައި ވަނީ މިއަހަރުގެ ޖެނުއަރީއާ ހަމައަށް ކާފަގެ ހުރިހާ ކަމެއް ކޮށްދީ ކާފަ ބެލެހެއްޓީ މާމަ ކަމަށެވެ. ނަމަވެސް ކާފަގެ ހާލު މާ ދެރަވާން ފެށުމުން ކާފައަށް ރަނގަޅު ފަރުވާ ލިބޭ ތަނަކަށް ބަދަލުކުރަން ޑޮކްޓަރުން އެންގީ ކަމަށް ވެސް އެޝްލީ ބުންޏެވެ.

އަނީތާ ހުންނަ ނާސިން ހޯމް އަށް ބަދަލުވުމަށް ވޮލްފް ވަނީ ވެއިޓްލިސްޓް ކޮށްފަ އެވެ. ނަމަވެސް އެތަނުން ޖާގަ ލިބޭނެ ދުވަހެއް ނޭނގެ އެވެ. އެހެންކަމުން އާއިލާއަށް ކޮށްދެވޭނެކަމަކަށް އޮތީ ވީހާވެސް ގިނައިން ގިނައިން އެ ދެ މީހުން ބައްދަލުކޮށްދިނުމެވެ.

ވޮލްފް އެކަނިވެރިކަމާއެކު

ވޮލްފް އެކަނިވެރިކަމާއެކު

އެގޮތަށް ބައްދަލުކުރަން ގެންދާ ކޮންމެ ފަހަރަކުވެސް ވަކިވާ ގަޑި ޖެހުމުން ދެ މީހުން ރޮއެ ހިތާމަކުރެ އެވެ. ބައްދަލުވާ ކޮންމެ ފަހަރަކު ވެސް މިފަދަ އެވެ.

ވޮލްފް އެކަނިމާއެކަނި ކުޑަދޮރަކުން ބޭރު ބަލަހައްޓައިގެން އިނދެ، އަންހެނުން އޭނާއަށް ލޯބިން ގޮވާ ނަން ކަމަށްވާ "ލިޓްލް މައުސް" އޭ ކިޔާލަ ކިޔާލަ އިން މަންޒަރު އެޝްލީ ފޮޓޯނަގާފައިވެ އެވެ.

ވޮލްފް އާއި އަނީތާގެ ހަޔާތުގައި ދެން ބާކީ މާ ގިނަ ދުވަހެއް ނެތްކަން އާއިލާގެ އެންމެންނަށް ވެސް އެނގެ އެވެ. ވޮލްފްއަށް ވަނީ ކެންސަރުޖެހިފަ އެވެ. އަދި ހިތުގެ މައްސަލަ ވެސް އެހާ ބޮޑެވެ. ހަނދާންތައް ވެސް ދަނީ މަޑުމަޑުން ނެތެމުންނެވެ.

އަނީތާ އަކީ ވެސް ހިތުގެ ބަލީގެ މީހެކެވެ.

އެދެމަފިރިންގެ 59 އަހަރުގެ ފިރިހެން ދަރިފުޅު ބުނި ގޮތުގައި ވަރަށް އަވަހަށް މަންމަ އާއި ބައްޕަ އެއްތަނަކަށް ބަދަލު ނުކުރެވިއްޖެ ނަމަ އެމީހުންނަށް މާ ގިނަ ދުވަހު ދުނިޔެއަކު ނުތިބެވޭނެ އެވެ.

"ދުވަހަކުވެސް މަންމަ އާއި ބައްޕަ ރޮނިކޮށެއް ނުދެކެން. ނަމަވެސް މިހާރު އެ ދެ މީހުން ބައްދަލުވާ ކޮންމެ ފަހަރަކު އަދި ވަކިވާ ވަގުތު ހިފެހެއްޓުމެއް ނެތި އެމީހުން ރޯތަން ފެނުމަކީ ވަރަށް ހިތްދަތި މަންޒަރެއް،" އެ ދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ބުންޏެވެ.