Roadha Mihaaru
ސޮކަ ވެޓަރަންސްގެ މުބާރާތް ސަސް އިން ކާމިޔާބުކޮށްފި

ސޮކަ ވެޓަރަންސްގެ މައިލޯ އެކަޑަމީ މުބާރާތް ސަސް އިން ކާމިޔާބުކޮށްފި

04 ނޮވެމްބަރ 2023

ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި، މައިލޯ އެކަޑަމީ މުބާރާތް ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އެކަޑަމީ ޓީމުން ކާމިޔާބު ކޮށްފި އެވެ.

ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި، މައިލޯ އެކަޑަމީ މުބާރާތް ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އެކަޑަމީ ޓީމުން ކާމިޔާބު ކޮށްފި އެވެ.

މިއަދު ހަވީރު ފައިނަލުގައި، ސަސް އިން ނުކުތީ ބީޖީ ސްޕޯޓްސްގެ އެކަޑަމީއާ ދެކޮޅަށެވެ. ސަސްގެ އެކަޑަމީ ޓީމުން މެޗު ކާމިޔާބު ކުރީ 3-1 ންނެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސަސްގެ ޓީމުގެ އަނާން އިބްރާހިމެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާ ރާއްޖޭގައި އެންމެ ގިނައިން ބާއްވާ ސޮކަ ވެޓަރަންސް އިން މި ފަހަރުގެ މުބާރާތް ހާއްސަ ކުރީ 14 އަހަރުންދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. ޖުމުލަ 16 އެކަޑަމީ އަކުން ވާދަ ކުރި ހަތަރު ގުރޫޕަށް ޓީމުތައް ބަހާލައިގެން ކުޅުނު 32 މެޗު ކުޅުނެވެ.

ސަސްގެ އެކަޑަމީގެ ހެޑް ކޯޗު އަދި އެ ކްލަބްގެ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓޭ) ކޯޗުކޮށް ދިން ސަސްގެ އެކަޑަމީ ޓީމު ފައިނަލަށް ދަތުރު ކުރީ މުބާރާތުގެ ފޭވަރިޓް ކަމަށް ބެލެވުނު ވެލެންސިއާގެ އެކަޑަމީ ބަލި ކުރުމަށް ފަހު އެވެ.

މި މުބާރާތާ އެކު، މިއަހަރު އެކަޑަމީތަކަށާއި ސްކޫލްތަކަށް ހާއްސަކޮށް ސޮކަ ވެޓަރަންސްގެ ހުރިހާ މުބާރާތްތަކެއް ވަނީ ނިމިފަ އެވެ.

މި އަހަރު ވެސް ހަތަރު މުބާރާތެއް ކުރިއަށްގެންދިޔަ އެވެ. އެއީ ގްރޭޑް 1 އަދި 2 އަށް ބޭއްވި ސްކޫލް މުބާރާތް، 12 އަހަރުން ދަށަށް ބޭއްވި އެކަޑަމީ މުބާރާތް ދެން ގްރޭޑް 3 އަދި 4 އަށް ބޭއްވި ސްކޫލް މުބާރާތުގެ އިތުރުން މިއަދު ނިމިގެން ދިޔަ 14 އަހަރުންދަށުގެ އެކަޑަމީ މުބާރާތެވެ.