Roadha Mihaaru
ކިޑްސް ފިއެސްޓާގެ ޗެމްޕިއަންކަން ކަލާފާނާއި ބިލަބޮންގަށް

ކިޑްސް ފިއެސްޓާގެ ޗެމްޕިއަންކަން ކަލާފާނާއި ބިލަބޮންގަށް

19 ފެބުރުއަރީ 2017

މައިލޯ ކިޑްސް ފިއެސްޓާގެ ގްރޭޑް ދޭއްގެ ޗެމްޕިއަންކަން ކަލާފާން ސްކޫލް ހޯދިއިރު، ގްރޭޑް ތިނެއްގެ ޗެމްޕިއަންކަން ބިލަބޮން އިންޓަނޭޝަނަލް ހޯދައިފި އެވެ.

މައިލޯ ކިޑްސް ފިއެސްޓާގެ ގްރޭޑް ދޭއްގެ ޗެމްޕިއަންކަން ކަލާފާން ސްކޫލް ހޯދިއިރު، ގްރޭޑް ތިނެއްގެ ޗެމްޕިއަންކަން ބިލަބޮން އިންޓަނޭޝަނަލް ހޯދައިފި އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުތައް ބެލުމަށް ގިނަ ބަޔަކު ދިޔަ އެވެ. ގްރޭޑް ދޭއްގެ ޗެމްޕިއަންކަން ކަލާފާން ހޯދީ ފައިނަލުގައި އިސްކަންދަރު ސްކޫލް 3-2 އިން ބަލިކުރުމަށް ފަހު އެވެ. އަދި ގްރޭޑް ތިނެއްގެ ޗެމްޕިއަންކަން ބިލަބޮން ހޯދީ ކަލާފާންގެ މައްޗަށް 2-1 އިން ކުރިހޯދައިގެންނެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ 17 ސްކޫލަކުން ބައިވެރިވި މި މުބާރާތުގައި 33 ޓީމު ވާދަކުރި އެވެ. އެ ހުރިހާ ޓީމެއްގައި 594 ކުޅުންތެރިން ހިމެނެ އެވެ.

މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މި މުބާރާތަކީ ކުޅިވަރުގެ އިތުރުން އިޖުތިމާއީ ގޮތުން ވެސް ގުޅުން ބަދަހިވެގެންދާ މުބާރާތެެއް ކަމަށެވެ.

"މިއީ އެއް އުމުރު ފުރައިގެ ގިނަ ކުދިން އެއްކޮށް މަޖާކޮށް ކުޅިވަރުގެ ތެރޭގައި އުޅެލުމަށް ލިބޭ ފުރުސަތެއްގެ އިތުރުން އާއިލީ ގުޅުމާއި އިޖުތިމާއީ ގުޅުން ވެސް ބަދަހިވެގެންދާ ހަރަކާތެއް. މެޗުތައް ކުޅޭއިރު ވަރަށް އެކުވެރި މާހައުލެއް ފެންނަނީ. އަޅުގަނޑުގެ ފަރާތުން މި ހަރަކާތް އިންތިޒާމްކުރާ ސޮކަ ވެޓެރަންސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޝައިނީ ވިދާޅުވި އެވެ.

މައިލޯ ކިޑްސް ފިއެސްޓާގެ ގްރޭޑް ތިނެއްގެ ފައިނަލް މެޗުގެ ތެރެއިން.-- ނިޝާން އަލީ/ މިހާރު

މައިލޯ ކިޑްސް ފިއެސްޓާގެ ގްރޭޑް ތިނެއްގެ ފައިނަލް މެޗުގެ ތެރެއިން.-- ނިޝާން އަލީ/ މިހާރު

މި ފަހަރުގެ މުބާރާތުގައި ވަނީ ކޮންމެ ގްރޭޑަކުން އެންމެ މޮޅު ފަސް ކޯޗުން ހޮވައިފަ އެވެ. ގްރޭޑް ދޭކުން އެންމެ މޮޅު ފަސް ކޯޗުންނަށް ހޮވިފައިވަނީ ހަސަން މަފާޒް (އިސްކަންދަރު ސްކޫލް)، އިބްރާހިމް ޝާފިއު (ތާޖުއްދީން ސްކޫލް)، އަބްދުލް ވާހިދު މުހައްމަދު (ކަލާފާން ސްކޫލް)، މުރުތަލާ (ބިލަބޮން އިންޓަނޭޝަނަލް) އަދި އަހުމަދު މަމްދޫހް (މަޖީދިއްޔާ ސްކޫލް) އެވެ.

ގްރޭޑް ތިނަކުން އެންމެ މޮޅު ފަސް ކޯޗުންނަކީ ޝާފިއު (ތާޖުއްދީން ސްކޫލް)، ޔޫސުފް އަޒީމް (އިސްކަންދަރު ސްކޫލް)، އަބްދުލް ވާހިދު މުހައްމަދު (ކަލާފާން ސްކޫލް)، އަބްދުލް މުފީދު (ބިލަބޮން އިންޓަނޭޝަނަލް) އަދި އަހުމަދު މަމްދޫހް (މަޖީދިއްޔާ ސްކޫލް) އެވެ.

ސޮކަ ވެޓެރަންސް އިން އަންނަނީ މި ހަރަކާތް އަހަރަކަށް ފަހު އަހަރެއް ފުޅާކުރަމުންނެވެ. މާލޭގައި ބޭއްވި ފުރަތަމަ ފުޓްބޯޅަ ކާނިވަލް ފަހުން ވަނީ ޏ. ފުވައްމުލަކާއި އައްޑޫގައި ވެސް ބާއްވައިފަ އެވެ. ސޮކަ ވެޓެރަންސް އިން ބުނީ މި އަހަރު އިތުރު ދެ އަތޮޅެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ނ. މާފަރާއި ގދ. ތިނަދޫގަ އެވެ.