Roadha Mihaaru
ސާޖިދާއަށް މަގާމު ނުދިން މައްސަލަ ކޯޓުން ބަލައެއްނުގަތް

ސާޖިދާ އަށް ޑީޖީގެ މަގާމު ނުދިން މައްސަލަ ސުޕްރީމް ކޯޓުން ވެސް ބަލައެެއްނުގަތް

08 ނޮވެމްބަރ 2023

އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ނުދޭން ނިންމި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ނުދޭން ނިންމި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

އެމްއެފްޑީއޭގައި ވަޒީފާ ކުރައްވަމުން ގެންދަވާ ސާޖިދާ އަށް އެތަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ދޭން ހެލްތު މިނިސްޓްރީން 2020 ވަނަ އަހަރު ނިންމުމަށްފަހު އެ ނިންމުން ބަދަލުކުރީ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ އެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ސާޖިދާ ހުށަހެޅުއްވީ އެ މަގާމަށް އޭނާ އައްޔަންކުރަން ނިންމި އިއުލާން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ނިންމައި އަދި އެ މަގާމު އޭނާއަށް ދިނުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމީ އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ސާޖިދާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެހެންވެ، އެ ނިންމުން ސުޕްރީމް ކޯޓަށް އޭނާ ހުށަހެޅުއްވުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް މިދިޔަ ހަފުތާގައި ނިންމީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ ސާޖިދާއަށް އެ މަގާމު ނުދޭން ސަރުކާރުން ނިންމީ މުއިއްޒުގެ އަނބިކަނބަލުންނަށް ވާތީކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އޭނާއާ މެދު ތަފާތު ކޮށްފައިވާ ކަމަށް ބުނެފައި ވިޔަސް، ތަފާތު ކުރި ގޮތެއް ބުނެ ނުދެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެހެންވެ، ސާޖިދާ ހުށަހެޅުއްވި އިސްތިއުނާފަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭނެ ފަދަ މައްސަލައެއް ކަމަށް ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.