Roadha Mihaaru

މައްސަލަ ހައްލުކުރަން ނޫޅެ، ސާޖިދާއާ "ޒާތީވުމުން" އެމްޑީޕީ އަށް ނުރުހުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދާކުރައްވަމުން ގެންދެވި ވަޒީފާގެ ޒިންމާތައް ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ބަދަލުގައި ޒާތީވެގެން އުޅޭކަމުގެ ތުހުމަތު އެމްޑީޕީ އަށް އަމާޒުވެއްޖެ އެވެ.

ސާޖިދާއާ "ޒާތީވުމުން" އެމްޑީޕީ އަށް ނުރުހުން
މުހައްމަދު ވިޝާމް
މުހައްމަދު ވިޝާމް

13 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދާކުރައްވަމުން ގެންދެވި ވަޒީފާގެ ޒިންމާތައް ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ބަދަލުގައި ޒާތީވެގެން އުޅޭކަމުގެ ތުހުމަތު އެމްޑީޕީ އަށް އަމާޒުވެއްޖެ އެވެ.

ސާޖިދާއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ފިރިކަލުން ރައީސްކަމަށް ވަޑައިގަތުމުން ފަސްޓް ލޭޑީގެ ޒިންމާތަކާ އެކު، ސާޖިދާ ވަނީ ވަޒީފާ އިން ހަތަރު އަހަރު ދުވަހަށް ނޯޕޭ ލީވެއް ނަންގަވައިފަ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް އަންގައި، ކޮންޓްރެކްޓް އުސޫލުން ސާޖިދާގެ ކޮންސަލްޓެންސީ ލިބޭނެ ގޮތް ހަދައިދޭން ސިވިލް ސާވިސް ކޮމިޝަންގައި އެދުމުން އެކަން ވަނީ ހަމަޖައްސައިފަ އެވެ.

އެކަމާ ދެކޮޅަށް ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ، ސާޖިދާއަށް ކޮންޓްރެކްޓެއް ދީފައި ވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ އެތަކެއް ހާސް މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް، ގާނޫނާ ހިލާފަށް، ހާއްސަ އުސޫލަކުން ކަމަށެވެ.

އެކަމަކު، އެ މައްސަލައިގެ ބަހުސްގައި ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން އުޅޭ ކަމަށް އެމްޑީޕީން ތުހުމަތުކުރާ ނަމަ އެ ކަން ވެސް ބެލޭނެ ވަރުގެ މެޖޯރިޓީއެއް އެމްޑީޕީ އަށް އެބައޮތް ކަމަށެވެ.

އޭގެ ބަދަލުގައި، ކުއްލި މައްސަލައެއް ހުށަހަޅައިގެން ސާޖިދާ އަށް އެކި ތުހުމަތުތައް އަމާޒުކުރަމުން ދިޔުމުން، މި މައްސަލަ ހައްލުކުރަން އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތްކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިވިލް ސާވިސްގެ މެމްބަރުން ނުފޫޒެއްގައި ޖެހިގެން އެ ވާހަކަ ކުއްލި މައްސަލައެއް ހުށަހަޅައިގެން ތަޅުމުގައި ދެއްކީމާ، މިއީ ހަމަ ކަނޑައެޅިގެން އިހުލާސްތެރިކަމެއް ނެތި މެޑަމް ސާޖިދާ އަށް ފުރައްސާރަކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެބަ އެނގޭ،" ސިރާޖު ވިދާޅުވި އެވެ.

ސާޖިދާ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ދާއިރާއަކީ، ރާއްޖޭގައި ފަންނީ ބޭފުޅުން ވަރަށް މަދު ދާއިރާއެއްކަން ފާހަގަކުރައްވައި، ސިރާޖު ވިދާޅުވި ގޮތުގައި އެ ފުރުސަތު އެ ކަމަނާ އަށް ދިނުމަކީ އެމްޑީޕީން ފުރައްސާރަކުރަން ޖެހޭ ކަމެއް ނޫނެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް ވެސް ވިދާޅުވީ، ތައުލީމު ހާސިލުކޮށްގެން ތިބި އިލްމީ މީހުން ސަރުކާރުގެ ތެރެއިން ގެއްލިގެން ދިޔުމަކީ މުޅި ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"...[ކާނާގެ] ރައްކާތެރިކަމާ ބެހޭ، ކިޔަވާފައި ހުރި އިލްމީ ބޭފުޅަކު ހުރެގެން އަޅުގަނޑުމެން އެކަމާ ދެކޮޅަށް ވަކާލާތު ކުރުމަކީ، އެއީ ގައުމާ ދެކޮޅަށް ކުރެވޭ ކަމެއް،" ސަލީމް ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި، އެ ދާއިރާ އަށް އެހެން މީހަކު ނުކުންނަންދެން، ސާޖިދާ އެ ދާއިރާއަށް ހިދުމަތް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސާޖިދާއާ އެކު ކޮންޓްރެކްޓެއް ހެދީ ހާއްސަ އުސޫލަކުން ނޫން ކަމަށާއި އެއީ އެހެން މީހުންނަށް ވެސް ދޭ ފުރުސަތެއް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ކޮންޓްރެކްޓުގައިވާ ގޮތުން މަސައްކަތަށް ވަޑައިގަންނަވާ ކޮންމެ ގަޑިއިރަކަށް 75ރ. ގެ އެލަވަންސެއް ލިބޭނެ އެވެ. އެއީ މަހަކު 40 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ކަމަށްވާތީ މަހަކު ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ.

ފަސްޓް ލޭޑީގެ ހައިސިއްޔަތުން ވެސް ސާޖިދާ އަށް ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައި މުސާރަ ލިބިވަޑައިގަންނަވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ސީއެސްސީ ވަނީ ހާޒިރުކޮށްފަ އެވެ.

ދައުލަތުން ދެ މުސާރަ ނަންގަވާތީ ފާޑުކިޔުން އަމާޒުވުމުން، އެ ކަން އެ ގޮތަށް ނުކުރައްވައި، ހެލްތު މިނިސްޓްރީން ދޭ މުސާރަ ޑޮނޭޓު ކުރައްވާނެ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފަ އެވެ.