Roadha Mihaaru
ބާސެ ހަމަޖެހިލަން ޝަކްތާއިން ފުރުސަތެއް ނުދިން

ބާސެ ހަމަޖެހިލަން ޝަކްތާ އިން ފުރުސަތެއް ނުދިން

08 ނޮވެމްބަރ 2023

ހެމްބާގް (ނޮވެމްބަރު 8) - ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗު ކާމިޔާބު ކޮށްފައިވާ ބާސެލޯނާ އިން ދެމެޗު ބާކީ އޮއްވައި އަނެއް ބުރުގެ ޖާގަ ޔަގީން ކުރަން ނުކުތް ނަމަވެސް، ރަށުން ބޭރުގައި ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް އަތުން 1-0 އިން ބަލިވެ ބާސެލޯނާ އަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ހެމްބާގް (ނޮވެމްބަރު 8) - ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗު ކާމިޔާބު ކޮށްފައިވާ ބާސެލޯނާ އިން ދެމެޗު ބާކީ އޮއްވައި އަނެއް ބުރުގެ ޖާގަ ޔަގީން ކުރަން ނުކުތް ނަމަވެސް، ރަށުން ބޭރުގައި ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް އަތުން 1-0 އިން ބަލިވެ ބާސެލޯނާ އަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ރަޝިއާ-ޔޫކްރޭން ކަނގުރާމައިގެ ސަބަބުން ޝަކްތާގެ ހޯމް މެޗުތައް ކުޅެމުން އަންނަނީ ޖަރުމަންގަ އެވެ. މީގެ ހަފްތާއެއް ކުރިން ބާސެލޯނާގައި ކުލުނު މެޗުން ބާސެލޯނާ އަށް މޮޅު ވެވުނީ 2-1 އިންނެވެ. ނަމަވެސް ރަށުން ބޭރުގައި ބާސެލޯނާ އަށް ވަނީ ގޯލެއް ނުޖެހި، މެޗު ނާކާމިޔާބު ވެފަ އެވެ.

ޝަކްތާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ޑެނީލޯ ސިކާން އެވެ.

މެޗުން ބަލިވި ނަމަވެސް ބާސެލޯނާ އަދި އޮތީ ގުރޫޕް އެޗްގެ އެއްވަނައިގަ އެވެ. ބާސެލޯނާ އާއި ދެވަނައިގައި އޮތް ޕޯޗުގަލްގެ ޕޯޓޯ އަށް ވެސް ހަތަރު މެޗުން ނުވަ ޕޮއިންތް ލިބިފައި ވާއިރު، ބާސެލޯނާ ކުރީގައި އޮތީ ޖެހި ގޯލުން ކުރި ލިބޭތީ އެވެ. ޝަކްތާ އޮތީ ހަ ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. މި ގުރޫޕްގައި ދެން ހިމެނޭ ބެލްޖިއަމްގެ އޭންޓްވާޕް ވަނީ ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.

ޕޯޓޯ މޮޅުވި މެޗުގައި ޕެޕޭ އަށް ރެކޯޑެއް

އަމިއްލަ ދަނޑުގައި ރޭ ޕޯޓޯ އިން ވަނީ 2-0 އިން އޭންޓްވާޕް ބަލިކޮށްފަ އެވެ. މި މެޗުގައި ޕޯޓޯ އިން ލީޑު ނެގީ 32 ވަނަ މިނިޓުގައި އެވަނިލްސަން ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިން ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގައި ޕޯޓޯގެ ދެވަނަ ގޯލު ޖަހައިދިނީ ކެޕްޓަން ޕެޕޭ އެވެ.

ޕެޕޭ (ކ-2) ޕޯޓޯ އަށް ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޕެޕޭ (ކ-2) ޕޯޓޯ އަށް ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އުމުރުން 40 އަހަރާއި 254 ދުވަހުގައި ގޯލު ޖަހައިގެން ޕެޕޭ ވަނީ ޗެމްޕިއަންސް ލީގުގައި ގޯލު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މީގެ ކުރިން ރެކޯޑް އޮންނަނީ 38 އަހަރާއި 59 ދުވަހުގައި ގޯލު ޖެހި ކުރީގެ ރޯމާގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ އަތުގަ އެވެ.

ޕެޕޭ އަކީ ޗެމްޕިއަންސް ލީގު ތާރީހުގައި ވެސް މިހާތަނަށް ކުޅުނު އެންމެ ދޮށީ އައުޓްފީލްޑް (ގޯލްކީޕަރުން ނޫން) ކުޅުންތެރިޔާ އެވެ. އޭނާ މި ރެކޯޑް ހެދީ މީގެ ހަފްތާއެއް ކުރިން ބެލްޖިއަމްގައި އޭންޓްވާޕް ބަލިކުރި މެޗުގައި ސްޓާޓް ކޮށްގެންނެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު އެންމެ ދޮށީ ކުޅުންތެރިއަކީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ލާޒިއޯގެ ގޯލްކީޕަރު މާކޯ ބަލޮއްޓާ އެވެ. އޭރު އޭނާގެ އުމުރަކީ 43 އަހަރާއި 252 ދުވަހެވެ.