Roadha Mihaaru
ސްކޭމްތަކުން ދެ ހަފްތާ ތެރޭ 500،000 ފޭރިއްޖެ

ސްކޭމްތައް އިތުރުވެ ދެ ހަފްތާ ތެރޭ 500،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިއްޖެ

09 ނޮވެމްބަރ 2023

މިދިޔަ ދެ ހަފްތާ ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ އެ މުއްދަތުގައި 500،000 އަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ފޭރިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ދެ ހަފްތާ ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ އެ މުއްދަތުގައި 500،000 އަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ފޭރިއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ ދެ ހަފްތާ ސްކޭމްގެ 65 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި ޖުމްލަ 533،000ރ. އެކި މީހުން އަތުން ގެއްލިފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ސްކޭމްތަކުގެ ތެރޭގައި އެންމެ ގިނައީ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން ހިންގާފައިވާ ސްކޭމްތަކެވެ. އޭގެ 15 މައްސަލައެއް ހިމެނޭއިރު ބޭރު ފައިސާ ގަނެވިއްކުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކާއި އޮޅުވާލައިގެން މުދާ ނަގައި ފައިސާ ނުދިނުމުގެ މައްސަލަތަކާއި ތަކެތި ވިއްކާ ކަމަށް ބުނެ ފައިސާ އަތުލުމަށް ފަހު މުދާ ނުދިނުމުގެ މައްސަލަތަކާއި ރައްޓެއްސެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމާއި ފޭކް ޓްރާންސްފާ ސްލިޕް ފޮނުވުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

މި ކަންކަމުގެ އިތުރުން އެކި ލިންކްތައް ބޭނުންކޮށްގެން ހެކް ކޮށްފައިވާ ބައެއް މައްސަލަތަކާއި އޯޓީޕޯ ކޯޑު ހޯދައިގެން ހިންގި ސްކޭމްތައް ވެސް ހިމެނެ އެވެ. އަދި ކުންފުންޏަކުން ގުޅައިގެން ކަމަށް ބުނެ އާއި އާއިލާ މީހަކަށް ވެގެންނާއި ޕްރޮމޯޝަނެއްކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަ ވެސް ހިމެނެ އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް ބަޔަކު ފޮނުވާ ސައްހަ ނޫން މެސެޖުތަކާއި ފޯނުކޯލުތަކަށް ސަމާލުވެ، އެފަދަ މެސެޖުތަކާއި ކޯލުތަކަށް ޖަވާބު ނުދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި އެފަދަ ކަމެއް ވެއްޖެ ނަމަ ފުލުހަށް ރިޕޯޓު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ސްކޭމްތައް ގިނަވެ، އެކަން ގައުމީ ބޮޑު މައްސަލައަކަށްވެ، ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން އެކަން ހައްލުކުރުމަށް މީގެ ކުރިން ފިޔަވަޅުތަކެއް ވެސް އެޅި އެވެ. އޭގެ ތެރޭގައި ޖަލުގައި ޖޭމަރު ހަރުކުރުމާއި ފޯން ސިމް ނެގޭވަރު ލިމިޓް ކުރުން ހިމެނެ އެވެ.

ސްކޭމްތައް ގިނަވެ ބޭންކްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާ އެކު އާންމުން ހޭލުންތެރިކަން އިތުރުކުރަން ފެށި މަސައްކަތާ އެކު ސްކޭމްތައް މަދުވިކަން ފާހަގަވި އެވެ.