Roadha Mihaaru
އަމީރު ބަލިވެ، މަޖިލީހަށް ނުދެވޭނެ ކަން އަންގައިފި

އާލާސްކަންފުޅާ އުޅުއްވާތީ ބަޖެޓު ހުށަހަޅަން މަޖިލީހަށް ވަޑައިނުގެންނެވޭނެ ކަމަށް އަމީރު އަންގަވައިފި

12 ނޮވެމްބަރ 2023

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން މާދަމާ އަށް ތާވަލުކޮށްފައިވާ ޖަލްސާއަށް ބަލި ހާލަތު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް އަންގަވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން މާދަމާ އަށް ތާވަލުކޮށްފައިވާ ޖަލްސާއަށް ބަލި ހާލަތު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް އަންގަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެމްބަރުން އެކި ސަބަބުތައް ދައްކަވައި ހުރަސްއަޅުއްވައިފަނިކޮށް، ދެ ބަޖެޓު ހުށަހަޅަން މަޖިލީހުގެ އިދާރާއިން ވަނީ މާދަމާގެ ހެނދުނު 9:00 އަށް ޖަލްސާއެއް ތާވަލުކޮށްފަ އެވެ.

ނަމަވެސް، އަމީރު މަޖިލީހުގެ ރައީސް ނަޝީދަށް އެޑްރެސް ކުރައްވައި މިރޭ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށެވެ.

"...ޖަލްސާގެ އެޖެންޑާގައި 2024 ވަނަ އަހަރަށް ދައުލަތުގެ ލަފާކުރާ ބަޖެޓު ހުށަހެޅުއްވުން އޮތް ކަމުގައި ވީ ނަމަވެސް، އަޅުގަނޑުގެ ބަލިހާލަތު ހުރި ގޮތުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތް ވާހަކަ ހިތާމައާ އެކު ދަންނަވަމެވެ،" އެ ސިޓީގައި އަމީރު ވިދާޅުވި އެވެ.

އަމީރަށް ވަޑައިނުގެންނެވޭ ކަން އަންގަވާފައިވާތީ، ބަޖެޓު ހުށަހަޅަން ތާވަލުކޮށްފައި އޮތް ޖަލްސާ ބޭއްވުމާ މެދު މަޖިލީހުގެ އިދާރާއިން ނިންމި ގޮތެއް އަދި ނޭނގެ އެވެ.

ދެ ބަޖެޓު ހުށަހަޅަން މިދިޔަ މަހުގެ 31 ގައި ވެސް އެޖެންޑާކުރި އެވެ. އެކަމަކު ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ ޖަލްސާއަށް ހުރަސްއަޅައި، ހުއްޓުވައިފަ އެވެ. ފަސް ފަހަރެއްގެ މަތިން އެ ގަރާރު އެޖެންޑާ ކުރިޔަސް، އެ މަސައްކަތް ކުރިއަށް ނުގެންދެވުނީ ޑެންގީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެ ސަލާން ވިދާޅުވުމުންނެވެ.

ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ގަވާއިދުގައި ބުނަނީ ދެން އަންނަ އަހަރެއްގެ ބަޖެޓު އެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހުގެ ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމާފައިވަނީ ގޯސްކޮށް ކަމަށް މާނަކޮށް ދިނުމުގެ އިތުރުން، އެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދުނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވަނީ އީވާ ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.

ނަމަވެސް، އެ ހުކުމުގައި ބުނީ، ދައުލަތުގެ ބަޖެޓު ފާސްކުރުމާއި ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލާޒިމުކޮށްފައިވާ ކަންކަމަށްވާތީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ނުނިންމިޔަސް، އެ ކަންކަން ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

ބަޖެޓު ހުށަހެޅުމުގެ ޖަލްސާގެ އިތުރުން، ނަޝީދު ވަކިކުރާ ގަރާރު ވެސް ވަނީ މާދަމާ ހެނދުނު 11:00 ގައި އޮންނަ ޖަލްސާއަކަށް އަލުން އެޖެންޑާކޮށްފަ އެވެ.

ނަޝީދުގެ ވަކިކުރުމުގެ ގަރާރު މިއަދު ދެ ޖަލްސާއަކަށް އެޖެންޑާކޮށްގެން ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މިއަދު ހެނދުނު 9:00 ގައި ބޭއްވި ފުރަތަމަ ޖަލްސާގައި ރިޔާސަތުން، ނަޝީދުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ނިންމަވައި އެ ގަރާރު ބޭރުކޮށްލައްވައިފަ އެވެ.

އެ ނިންމުން މަޖިލީހުގެ އިދާރާއިން ގަބޫލުނުކުރާތީ މިއަދު ހެނދުނު 11:30 އަށް ދެވަނަ ޖަލްސާއެއް ތާވަލުކުރުމުން، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އަފީފްގެ އެ ނިންމެވުން ދަމަހައްޓަވައި، އެ ގަރާރު ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅުއްވައިފަ އެވެ.

މާދަމާ ވެސް އެ ގަރާރު އަލުން އެޖެންޑާ ކުރީ، އަފީފާއި އީވާގެ ނިންމުން މަޖިލީހުގެ އިދާރާއިން ގަބޫލުނުކުރާތީ ކަން ވަނީ އެނގިފަ އެވެ.