Roadha Mihaaru
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"

ޑިމޮކްރެޓްސް އިން ބުނީ "ގާނޫނާ ހިލާފު" ސަޕްލިމަންޓްރީ ބަޖެޓު ތަޅުމަށް ހުށަނޭޅޭނެ ކަމަށް

24 އޮކްޓޯބަރ 2023

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓު ތައްޔާރު ކޮށްފައި ވަނީ ކަމާގުޅޭ ގާނޫނުތަކާ ހިލާފަށް ކަމަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އިން މިއަދު ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓު ތައްޔާރު ކޮށްފައި ވަނީ ކަމާގުޅޭ ގާނޫނުތަކާ ހިލާފަށް ކަމަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އިން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީން ސަޕްލިމަންޓްރީ ބަޖެޓު ފޮނުވި އިރު، މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ގޮތަށް މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދު ފަދަ މާލީ މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށެވެ.

މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ދެއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައެޅުއްވި ލަނޑުދަނޑިތަކަށް މި ފަހަރުގެ ސަޕްލިމަންޓްރީ ބަޖެޓުގެ ސަބަބުން ބަދަލު އަންނާނެތީ، ބަޖެޓު ޕޮޒިޝަން ރިޕޯޓަށް އައި ބަދަލު ބަޔާންކޮށް، އާ ރިޕޯޓެއް ހުށަހަޅަންޖެހޭނެ ކަމަށް ފެންނަ ކަމަށް އެ ސިޓީގައި ބުންޏެވެ.

އާޒިމްގެ ސިޓީގައި ވިދާޅުވި ގޮތުގައި، މި އަހަރު މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުން ހަރަދު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ކަށަވަރު ކުރުމަށްޓަކައި، ސަޕްލިމަންޓްރީ ބަޖެޓު ތައްޔާރުކުރުމާ ހަމައަށް، ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލު ހިމެނުން މަޖިލީހުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާ އެކު، އަދާކުރުމަށް މުހިންމެވެ.

އެ އިން އެއްވެސް މައުލޫމާތެއް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވާތީ، މިހާރު ފޮނުވާފައިވާ އެ ބަޖެޓު ގާނޫނުތަކާ ހިލާފު ކަމަށް އެ ސިޓީގައި އާޒިމް ވިދާޅުވި އެވެ.

"...ފިނޭންސް އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅިއްޖެ ކަމަށް ވަނީ ނަމަ ވެގެންދާނީ ނުރަނގަޅު އާދަ އެއް ފެށި ތަކުރާރުވާން ހުޅުވިގެންދާ ޖާގައަކަށެވެ،" އެ ސިޓީގައި ވެ އެވެ.

މިއަހަރަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. --ފައިލް ފޮޓޯ

މިއަހަރަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. --ފައިލް ފޮޓޯ

އެހެންކަމުން، އާޒިމް ވިދާޅުވީ ކަމާގުޅޭ ގާނޫނުތަކާ އެއްގޮތަށް ތައްޔާރުކޮށްގެން މެނުވީ، ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަނޭޅޭނެ ކަމަށެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީން ސަޕްލިމަންޓްރީ ބަޖެޓާ ދެކޮޅު މި ހެދީ، އެ ބަޖެޓު ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. ނަމަވެސް، ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ކުރުމުން، ސަޕްލިމަންޓްރީ ބަޖެޓު ތަޅުމަށް މިއަދު ހުށަހެެއް ނޭޅުނެވެ.

މި އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މި މަސް ނިމުމުގެ ކުރިން ސަރުކާރުން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.