Roadha Mihaaru
އާމިރުގެ ދަރިފުޅުގެ ފިލްމެއްގެ ލީޑު ރޯލަށް ޒޭން

އާމިރުގެ ދަރިފުޅު ޕްރޮޑިއުސްކުރާ ފިލްމެއްގެ ލީޑު ރޯލަށް އޭނާ އަށް ބޮޑުބޭބެ ކިޔާ ޒޭން ނަގައިފި

16 ނޮވެމްބަރ 2023

އާމިރު ހާންގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ހާން ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ ލީޑު ރޯލަށް، އާމިރު އަށް ބޮޑުބޭބެ ކިޔާ ބޮލީވުޑްގެ އެކްޓްރެސް ޒޭން މެރީ ހާން ހަމަޖައްސައިފި އެވެ.

އާމިރު ހާންގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ހާން ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ ލީޑު ރޯލަށް، އާމިރު އަށް ބޮޑުބޭބެ ކިޔާ ބޮލީވުޑްގެ އެކްޓްރެސް ޒޭން މެރީ ހާން ހަމަޖައްސައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި "ޕްރީތަމް ޕިޔާރޭ" ކިޔާ އެ ފިލްމުގައި ޒޭންއާ އެކު މުހިންމު ރޯލެއް ދެން ކުޅޭނީ ސަންޖޭ މިޝްރާ އެވެ.

އެ ފިލްމާ ބެހޭ މާ ގިނަ ވާހަކަތަކެއް އަދި މީޑިއާ އަށް ތިލަ ނުވި ނަމަވެސް، އެ ފިލްމު އުފެއްދުމުގައި އާމިރުގެ ވެސް ބޮޑު ހިއްސާއެއް ވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޒޭން ބޮލީވުޑަށް ތައާރަފުވީ 2021 ވަނަ އަހަރު ގެނެސްދިން ނެޓްފްލިކްސްގެ ފިލްމު "މިސިޒް ސީރިއަލް ކިލާ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ނެޓްފްލިކްސްގެ ކާމިޔާބު ހިންދީ ފިލްމު "މޮނިކާ އޯ މައި ޑާލިން" އާއި ސީރީޒް "ފީލްސް ލައިކް އިޝްގް"ގައި ވެސް ރޯލުތައް ކުޅެފަ އެވެ.

އާމިރުގެ ދަރިފުޅު ޖުނައިދު ފިލްމެއް ޕްރޮޑިއުސްކުރަން ނިންމި އިރު، އެކްޓަރެއްގެ ގޮތުގައި އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެއީ އަންނަ އަހަރު ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ ގެނެސްދޭ ފިލްމު "މަހާރާޖް" އިންނެވެ.

ޖުނައިދުއާ އެކު އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޝާލިނީ ޕާންޑޭ އެވެ. މުހިންމު ރޯލަކުން ޝަރުވާރީ ވާގް ވެސް ފެންނާނެ އެވެ. އަދިތިޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ކާސްޓުގައި ޖައިދީޕް އަހުލުވާތު ވެސް ހިމެނެ އެވެ.

އެ ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ 2018 ގައި ކުޅުނު ކާމިޔާބު ފިލްމު "ހިޗުކީ"ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ އެވެ.