Roadha Mihaaru
އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަނީ

އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަނީ

12 އޯގަސްޓް 2024

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަން ނިންމާފައިވާ ކަމުގެ އިޝާރާތެއް ދީފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަން ނިންމާފައިވާ ކަމުގެ އިޝާރާތެއް ދީފި އެވެ.

އާމިރް މިފަހުން ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދިން ކާމިޔާބު ފިލްމު "ލާޕަތާ ލޭޑީސް"ގެ ހާއްސަ ސްކްރީނެއް އިންޑިއާގެ ސުޕްރީމް ކޯޓުގައި ބާއްވައިފަ އެވެ. މިދިޔަ އަހަރު ގެނެސްދިން އެ ފިލްމަކީ އާމިރް އާއި އޭނާ ކުރީގެ އަންހެނުން އަދި ބިޒްނަސް ޕާޓްނަރު ކިރަން ރާއޯ ޕްރޮޑިއުސްކުރި ފިލްމެކެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގައި ބޭއްވި އެ ފިލްމުގެ ހާއްސަ ސްކްރީނިން އަށް އިންޑިއާގެ ބަންޑާރަ ނައިބު ޑީވައި ޗަންދުރަޗޫދު ވެސް ވަޑައިގަތެވެ.

އެ ފިލްމު އެޅުމަށް ފަހު ބަންޑާރަ ނައިބާ ދެއްކި ވާހަކަތަކުގައި އާމިރް ވަނީ އޭނާ އެކްޓުކުރުން ހުއްޓާލަން ވިސްނާކަމުގެ ސާފު އިޝާރާތެއް ދީފަ އެވެ.

"އަހަންނަށް ހީވޭ މިއީ އަހަރެންގެ [އެކްޓިން] ކެރިއަރުގެ އެންމެ ފަހު ދުވަސްކޮޅުހެން. އަހަރެން ހީކުރީ އަހަންނަށް އަހަރަކު ފިލްމެއް ކުޅެވޭނެ ކަމަށް، އެކަމަކު ޕްރޮޑިއުސަރެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރާ ނަމަ، އަހަރެން ބޭނުންވާ ކަހަލަ ވާހަކަތަކާ އެކު އަހަރަކު އެތައް ފިލްމެއް ގެނެސްދެވިދާނެ،" އުމުރުން 59 އަހަރުގެ އާމިރް ބުންޏެވެ.

އާމިރް ބުނީ ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ އަހަރަކު 4-5 ފިލްމު ގެނެސްދޭން ބޭނުންވާ ކަމަށާއި އަދި ދާއިރާއަށް އަލަށް ނުކުންނަ ލިޔުންތެރިންނާއި ޑައިރެކްޓަރުންނާއި އެހެން ވެސް ފަންނާނުން ފުރުސަތުތައް ފަހިކޮށްދޭން އޭނާ ބޭނުންވާ ކަމަށެވެ.

އާމިރް އެކްޓުކުރުމުން ރިޓަޔާކުރަން ވިސްނާކަން ހާމަކުރި އިރު، އޭނާ ކުޅޭ ފިލްމެއްގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެއީ "ސިތާރޭ ޒަމީން ޕަރް" އެވެ. އެ ފިލްމުގެ އިތުރުން އޭނާ ޕްރޮޑިއުސްކުރާ ވަރަށް ގިނަ އެހެން ފިލްމުތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ.