Roadha Mihaaru
ޕީޖީން ކޯޓު ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުން ނުބެލި

ޕީޖީ އޮފީހުން ކޯޓުގެ ހުރުމަތް ކެނޑުމުން ޖޫރިމަނާކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

16 ނޮވެމްބަރ 2023

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، އެ އޮފީސް 10،000ރ. އިން ޖޫރިމަނާކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، އެ އޮފީސް 10،000ރ. އިން ޖޫރިމަނާކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

ޕީޖީ އޮފީހުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، އެ އޮފީސް ޖޫރިމަނާ ކުރަން އެ ކޯޓުން ނިންމީ ޖިނާއީ އެ ކޯޓުން ނެރުނު އަމުރަކަށް ޕީޖީ އޮފީހުން އަމަލު ނުކުރުމުންނެވެ. މިއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީހުގެ މައްޗަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

އެ ނިންމުން އިސްތިއުނާފް ކުރަން ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވި ނިންމުމުގައިވަނީ ކޯޓުތަކުގެ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ ދަށުން ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ދަށު ކޯޓަކުން ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ނިންމުންތައް ކަމަށެވެ. އެކަމަކު ފޭދޫ ކޯޓުގެ ނިންމުމަކީ އެފަދަ ނިންމުމެއް ނޫން ކަމަށާއި އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ފޭދޫ ކޯޓުން އެގޮތަށް ނިންމީ ދައުލަތުގެ ހެކިވެރިންތަކެއްގެ ކުށުގެ ރެކޯޑް ހާމަކުރަން ދައުލަތުގެ މައްޗަށް އެންގުމުން އެ އެންގުމަށް އަމަލު ނުކުރި މައްސަލާގަ އެވެ. އެ އެންގުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކުރިޔަސް، އެ އެންގުމަށް ދައުލަތުން އަމަލު ކޮށްފައެއް ނުވެ އެވެ.

އެ މައްސަލާގައި ޕީޖީ އޮފީހުގެ މައްޗަށް އިއްވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށަށް ދެވޭ އެންމެ ބޮޑު ޖޫރިމަނާ އަދަބެވެ.