Roadha Mihaaru
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް

މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދު ނުކުރުމުން ޕީޖީން އަނެއްކާވެސް ސުޕްރީމް ކޯޓަށް

02 ޖޫން 2024

މީގެ ހަތް އަހަރު ކުރިން މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި ދައުވާލިބޭ މީހާ ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ހަތް އަހަރު ކުރިން މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި ދައުވާލިބޭ މީހާ ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

ސެޕްޓެމްބަރު، 2017 ގައި އައިޓަމްސް ފިހާރަ ކައިރީގައި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދަށް ހަމަލާދީ މަރާލި މައްސަލާގައި އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ކުރިން ނިންމީ އޭނާ ބަންދު ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ދައުލަތުން ކުރިން ހުށަހެޅުމުން އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އޭރު އަމުރުކުރި އެވެ.

ސައްމާހުގެ ބަންދާ މެދު ދެވަނަ ފަހަރަށް ގޮތެއް ނިންމުމަށްފަހު ހައި ކޯޓުން މިދިޔަ ހަފުތާގައި އަނެއްކާވެސް ނިންމީ ސައްމާހު ބަންދު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މިއަދު ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

މޫސަގެ މަރުގެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވިޔަސް، ބާކީ ތިބި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.