Roadha Mihaaru
އަދުލުވެރި ތަރައްގީ ގެންނަން އާ ރައީސްގެ އެދުމެއް

އިލްމީ ދިރާސާތަކުގެ އެހީގައި އާ ރައީސް ޑރ. މުއިއްޒު ގެންނަވާނީ އަދުލުވެރި ތަރައްގީ

17 ނޮވެމްބަރ 2023

ރާއްޖެ އަށް ދެމެހެއްޓެނިވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށާއި މި ސަރުކާރުން ތަރައްގީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އެ ވިސްނުމުގެ ތެރެއިން، އިލްމީ ދިރާސާތަކުގެ އެހީގައި ކަމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖެ އަށް ދެމެހެއްޓެނިވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށާއި މި ސަރުކާރުން ތަރައްގީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އެ ވިސްނުމުގެ ތެރެއިން، އިލްމީ ދިރާސާތަކުގެ އެހީގައި ކަމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީ އާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއްގެ ތެރެއިން މެދުރާސްތާގެ އަމާޒުތަކަކާއި ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅުއްވާނެ އެވެ.

"ރާއްޖޭގެ އިލްމީ އެކި ދާއިރާތަކާއި ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުން، އެ ބޭފުޅުންގެ އިލްމީ ދިރާސާތަކާއި ތަޖުރިބާ އިން މިކަމުގައި ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުން ވަރަށް ބޮޑަށް އެދެން،" ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވަނީ. --ފޮޓޯ: އަލީ ނިޝާން | މިހާރު

މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވަނީ. --ފޮޓޯ: އަލީ ނިޝާން | މިހާރު

ލަހެއް ނުވެ އެކަމަށް ފުރުސަތު ހުޅުވައިލައްވާނެ ކަމަށް ހާމަކުރައްވައި، ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ބޭނުމަކީ ރައްޔިތުންގެ ހުވަފެންތަކާއި ތަސައްވުރުތަކުގެ އެހީގައި ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ މުސްތަގުބަލް ކުރަހައި ބައްޓަންކުރުމެވެ.

"އެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ގައުމީ ތަރައްގީގެ މާސްޓަ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި ވަގުތަށް އެކަށައަޅާފައިވާ ކަންކަމަށް ބަލާއިރު ވެސް، ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ގާއިމުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލުވާހެން، ހަތް އާބަން ސެންޓަރެއް، ހަތް ސަރަހައްދެއްގައި ފައްކާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މަސައްކަތްތެރި އަތްތަކަކީ، ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ހަތިޔާރުތައް ކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް ވަރަށް އިސްކަން ދެއްވާނެ އެވެ.

ގާތްގަނޑަކަށް 3،000 މީހުންނަށް ދައުވަތު ދީގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އެކި ދާއިރާތަކުގެ އިލްމުވެރީންނާއި އަދި އިލްމީ މުއައްސަސާތަކުގެ ކިބައިން މުހިންމު ކަމަކަށް އެދިވަޑައިގެންފަ އެވެ.

"އެއީ، ތިޔަބޭފުޅުންގެ އިލްމީ ދިރާސާތައް ގިނަ ކުރައްވައި، އެ ދިރާސާތައް އާންމުކުރެއްވުން. އެކަމުގެ މަގުތައް އިރާދަކުރެއްވިއްޔާ ތަނަވަސްކޮށްދޭނަން. އަޅުގަނޑު ބޭނުންވާ ގޮތަކީ، ގައުމީ ތަރައްގީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި، ބިންގަލަކީ އަދި އަސްލަކީ، އިލްމުވެރީންގެ އިލްމީ ދިރާސާތައް ކަމުގައި ހެދުން،" އެ މަނިކުފާނު ވިދާޅުވި އެވެ.