Roadha Mihaaru
ރިޔާސަތު ބަލަހައްޓާނެ އާ މެމްބަރުން ކަނޑައަޅައިފި

ރިޔާސަތު ބަލަހައްޓާނެ އާ މެމްބަރުން ކަނޑައަޅައިފި

20 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައި، ނަންތައް ތަރުތީބުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައި، ނަންތައް ތަރުތީބުކޮށްފި އެވެ.

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅަން ޖެހެނީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ނަންތައް ކަނޑައަޅާފައިވަނީ ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެންބަރުން ކަމަށެވެ. އެއީ:

1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު - މެދުނުކެނޑި 18 އަހަރާއި 8 މަސް ދުވަސް.

2. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް.

3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް.

4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ - މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް.

5. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު - މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް.

އަސްލަމް ވިދާޅުވީ، ފުރުސަތު ދެއްވާނީ މެންބަރުކަން ކުރައްވާފައިވާ މުއްދަތަށް އިސްކަން ދީގެން ކަމަށާއި ހަމަހަމަވާ ހިނދު އިސްކަން ދޭނީ އުމުރުން އެންމެ ދުވަސްވެފައިވާ މެންބަރަށް ކަމަށެވެ.

މިއަދު އިއުލާނު ކުރި ލިިސްޓުގައި މީގެ ކުރިން ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ލިސްޓުގެ އެއް ވަނައިގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ދެ ވަނައިގައި އިންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހިމެނިވަޑައިނުގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ވަޑައިގެން ނެތް ހާލަތުތަކުގައި މި ދައުރުގައި މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް އަފީފެވެ.