Roadha Mihaaru
ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ނަންތައް ތަރުތީބުކޮށްފި

ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ލިސްޓުގެ ކުރީގައި ސިޔާމް، ގާސިމް އަދި ސަލީމް

04 ޖޫން 2024

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައި، ނަންތައް ތަރުތީބުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައި، ނަންތައް ތަރުތީބުކޮށްފި އެވެ.

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅަން ޖެހެނީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވަނީ:

1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު - މެދުނުކެނޑި 19 އަހަރާއި 3 މަސް ދުވަސް.

2. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - މެދުނުކެނޑި 15 އަހަރު.

3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - މެދުނުކެނޑި 15 އަހަރު.

4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ - މެދުނުކެނޑި 15 އަހަރު.

5. މަހިބަދޫ ދާއިރާއިގެ މެންބަރު އަހުމަދު ތޯރިގް - މެދުނުކެނޑި 10 އަހަރު.

އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ވޯޓު ގަޑީގައި މި ނަންތަކަށް ވޯޓަށް އަހާނެ ކަމަށެވެ.

ލިސްޓުގެ ކުރީގައި ތިއްބެވި ހަތަރު މެންބަރުންނަކީ މީގެ ކުރީ ދައުރުގައި ވެސް ރިޔާސަތު ބެލެހެއްޓެވި މެންބަރުންނެވެ.

ރިޔާސަތު ބަލަހައްޓަން ކަނޑައެޅި މެމްބަރުންގެ ތެރެއިން ގާސިމް އާއި ސިޔާމް އަކީ މަޖިލީހުން އާއްމުކުރާ މައުލޫމާތުތަކުގައިވާ ގޮތުން، ހާޒިރީ ރެކޯޑު އެންމެ ދަށް ދެ ބޭފުޅުންނެވެ.

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުންނެވެ.

އެ މާއްދާގެ (ނ) ގައި ބުނާ ގޮތުން އެ ފަސް މެމްބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދޭންޖެހޭނެ އެވެ.