Roadha Mihaaru
ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވުން ރަނގަޅު؟

މުސާރައަށް މަހަކު 7.4 މިލިއަން، އެކަމަކު ވެސް ބޯ މަދުކުރުމުގެ ވިސްނުން ދުރު!

25 ޖުލައި 2023

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ހަ ދާއިރާއެއް އިތުރުވާނެ ކަމަށް މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކުރި އެވެ. އެއީ 2008 ވަނަ އަހަރު ވުޖޫދަށް އައި ފެހި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ ދަށުންނެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ހަ ދާއިރާއެއް އިތުރުވާނެ ކަމަށް މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކުރި އެވެ. އެއީ 2008 ވަނަ އަހަރު ވުޖޫދަށް އައި ފެހި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ ދަށުންނެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ކަނޑައަޅަންޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި 5،000 މީހުންނަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރެއް ހުންނަންވާނެ ކަމަށެވެ. އެއީ އަތޮޅުތަކުގެ ގޮތުގައި ބަލާ 20 އަތޮޅާއި މާލެ އަތޮޅާ އެކު 21 އަތޮޅަކީ އިދާރީ ދާއިރާތައް ކަމުގެ ހަމައިންނެވެ.

މި މާއްދާގައި މަސްހުނި ވެފައި ހުރި ނަންބަރުތައް ތިލަ ކޮށްލާ ނަމަ، އާ ގާނޫނުއަސާސީ އަށް އަމަލު ކުރަމުން އައިސް އެންމެ ފުރަތަމަ 2009 ގައި މަޖިލީހަށް އިންތިހާބު ކުރީ 77 މެމްބަރުންނެވެ. ވިދިގެން އައި 2014 ގައި 85 މެމްބަރުން އިންތިހާބު ކުރަންޖެހުނެވެ. އޭގެ ފަސް އަހަރު ފަހުން، މިހާރު ހިނގާ 19 ވަނަ މަޖިލީހަށް ދެ މެމްބަރުން އިތުރުވެ އަދަދު 87 އަށް އެރި އެވެ.

އާބާދީގެ އިތުރުވި ނިސްބަތަށް ބަލައި، އަންނަ އަހަރު ބާއްވާ އިންތިހާބަށް ފަހު 20 ވަނަ މަޖިލިސް ފެށޭނީ 93 މެމްބަރުންނާ އެކު އެވެ. މާނައަކީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް 100 މެމްބަރުން ހަމަވާން ދެން މާ ގިނަ ދުވަހެއް ނެތް ކަމެވެ.

ދެކޮޅުޖެހޭ އަދަދެއް؟

ކޮންމެ ފަސް އަހަރަކުން އާބާދީއާ އެކު މެމްބަރުންގެ އަދަދު އިތުރުވުމަކީ ރަނގަޅު ކަމެކޭ ބުނާ އެއްވެސް މީހަކު ދިމަލެއް ނުވެ އެވެ. އެކަމުގައި އާންމު ރައްޔިތެއް އަދި ސިޔާސީ ބޭފުޅެއް ވެސް އިސްތިސްނާއެއް ނުވެ އެވެ. ސިޔާސީ ބޭފުޅެއްގެ އަރިހުން މި މައުލޫއުގައި ހިޔާލެއް ދޭން އެދިއްޖެ ނަމަ ވިދާޅުވާނީ މިއީ ބަދަލުކުރަންޖެހޭ ކަމެއް ކަމަށެވެ. ނޫނީ އެކަން ކުރުމާ ދެކޮޅެއް ނޫން ކަމަށެވެ. އެކަމަކު ވަރަށް އިތުބާރާ އެކު އެ ވިދާޅުވާ ބަދަލެއް އަންނަ ތަނެއް ނުފެނެ އެވެ. މިދިޔަ 14 އަހަރު އެހެން ނޫން ނަމަ މައްސަލަ ހައްލު ކުރުމުގައި ކުރިއެރުމެއް ލިބުނީހެވެ.

އާބާދީ އިތުރުވާ ނިސްބަތުން މަޖިލީހުގެ މެމްބަރުން އިތުރުވާ ގޮތަށް ގާނޫނުއަސާސީގައި އޮތް އޮތުން ބަދަލުކުރަން މިދިޔަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިސްލާހެއް ވެސް ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

އެ ބިލްގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދެއްކެވި ގާތްގަނޑަކަށް ހުރިހާ މެމްބަރުން ވެސް ބިލްގައި ބަޔާން ކޮށްފައިވާ ވިސްނުމާ ހިލާފު ނޫން ކަމަށް ވިދާޅުވި އެވެ. ގިނަ މެމްބަރުންގެ މައްސަލައަކަށްވީ މެމްބަރުންގެ އަދަދު މިހާރު އޮތް 87 ގައި ހިފަހައްޓަން ގާސިމްގެ އިސްލާހުގައި އޮތް ކަމެވެ. އެއީ އެންމެ ރަނގަޅު އަދަދުތޯ ޔަގީން ކުރަން ސިޔާސީ ފަރާތްތަކުގެ މަޝްވަރާ އާއި ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަމީ ގިނަ މެމްބަރުންގެ ވިސްނުން ހުރި ގޮތެވެ.

އެއީ ކަންކަން ކުރުމުގައި އެންމެ ޒިންމާދާރު ގޮތް ކަމަށް ގަބޫލުކުރެވުނު ނަމަވެސް، ގާސިމްގެ ބިލް ބަލައިގަންނަން ވެސް ފާހެއް ނުވި އެވެ. ބަހުސްގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ ކަމަށް މެމްބަރުން އިއްތިފާގުވި ނަމަވެސް، ބިލް ކޮމިޓީ އަށް ގެންގޮސްގެން އެކަމަށް ހިޔާލެއް ދޭން ފުރުސަތު ނުދީ ބޭރުކޮށްލީ އެވެ. ކޮމިޓީ މަރުހަލާ އަށް ބިލް ފޮނުވި ނަމަ މެމްބަރުންގެ ނިޔަތް ރަނގަޅޭ ބުނެވުނީހެވެ.

އަދަދު ހިފަހައްޓަން ބޭނުން ނުވަނީ ކީއްވެ؟

މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވާ ސިޔާސީ ބޭފުޅުން އެ ކަމުގައި އަމަލީ ސިފަ ޖައްސަވަން ބޭނުން ނުވަނީ ކީއްވެ ކަމާމެދު ސުވާލު އުފެދެ އެވެ.

"މެމްބަރުންގެ އަދަދު ކޮންޓްރޯލް ކޮށްފި ނަމަ މިހާރު މެމްބަރުން ތިއްބެވި ދާއިރާތަކެއް ގެއްލުމުގެ ޖާގަ އޮންނާނެ. އެ އިރަށް ދެން އަންނަ އިންތިހާބެއްގައި އެ ބޭފުޅުންގެ ދާއިރާތައް ހަނިވެ، އިންތިހާބު ނުވުމުގެ ބިރު އޮންނާނެ،" ވިލިމާލެ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމަށް ފެނިވަޑައިގަންނަވާ ޖަވާބަކީ މިއީ އެވެ.

"އެ ބިރުވެރިކަން އޮތީމަ ކަން ނޭނގޭ އެކަން ކުރަން ނޫޅެނީ."

ގާނޫނުއަސާސީގައި ވީހާ ވެސް ގިނަ ރައްޔިތުން ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލުވާ ގޮތަށް އޮތް ވިސްނުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާ ކަމާ މެދު އޭނާ ސުވާލު އުފައްދަވަ އެވެ.

މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންނަކީ ސިޔާސީ ޕާޓީތައް ތަމްސީލް ކުރައްވާ މެމްބަރުން ކަމަށް ވާއިރު، އުޝާމް ވިދާޅުވި ގޮތުގައި އެ މެމްބަރަކު ތަމްސީލް ކުރައްވާ ސީދާ ދާއިރާއެއްގެ ހައްގުގައި މަސައްކަތް ކުރެވޭ ފަހަރު މަދެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ ހާލު އަދި މާ ދެރަވަރު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

"އެހެންވީމާ ކޮންމެ 5،000 މީހަކަށް މެމްބަރެއް ހުރުމުގެ ބަދަލުގައި މިސާލަކަށް އެ އަދަދު 10،000 އަށް ހަދައިގެން ވަކި ތަފާތެއް އަންނާނެ ކަމަކަށް އަޅުގަނޑު މަޖިލީހުގައި މި ކުރި ތަޖުރިބާ އިން ނުފެނޭ،" އުޝާމް ވިދާޅުވި އެވެ.

މެމްބަރަކު ކަނޑައަޅަން ލާޒިމުވާ އަދަދު އިތުރު ކުރުމުން، މެމްބަރުން އިތުރުވާ ނިސްބަތް މަޑުޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެހެން ނޫން ނަމަ މެމްބަރުންގެ އަދަދު ކޮންޓްރޯލުން ނެއްޓި، ދައުލަތަށް ނުއުފުލޭ ވަރުގެ ބުރައަކަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ތިބި 87 [މެމްބަރުން] ވެސް އަސްލު ގިނަ. މިހާރު ވެސް ތަޅުމުގައި މެމްބަރުންނަށް މި ތިބެވެނީ ކިރިޔަކިރިޔާ. ދެން މި ގޮތަށް އިތުރުވާން ވެއްޖިއްޔާ މަޖިިލިސް މެމްބަރުން ބައިތިއްބަން އާ އިމާރާތެއް އަޅަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ.

އެހެންކަމުން، މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީ އަށް އިސްލާހެއް ޑްރާފްޓް ކުރުމުގެ މަސައްކަތް އެމްއެންޕީން ކުރަމުން އަންނަ ކަމަށް އުޝާމް ވިދާޅުވި އެވެ. އެކަން ކުރާނެ ފޯމިއުލާއަކަށް މަޝްވަރާ އާއި ހިޔާލު ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިހާރު ޗުއްޓީގައި އޮތް މަޖިލިސް އަންނަ މަހު އަލުން ފެށުމާ އެކު އެ އިސްލާހު މަޖިލީހަށް ވައްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މިދިޔަ އަހަރު ގާސިމް ހުށަހެޅުއްވި އިސްލާހާ ހިލާފަށް އުޝާމް ވިދާޅުވި ގޮތުގައި، މިހާރު މަޖިލިސް ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު، އެމްއެންޕީން ހުށަހަޅާ އިސްލާހަށް މެމްބަރުންގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ބޮޑެވެ.

ހަމަ ހުރެފައި ކުރެވޭނެ ކަމެއް ނޫން!

އެކަމަކު އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ.

އަސްލަމް ވިދާޅުވީ ފެހި ގާނޫނުއަސާސީ އެކުލަވާލިއިރު، އިދާރީ ދާއިރާތަކަށް މެމްބަރުން ކަނޑައެޅުމުގައި ގެންގުޅުނީ ރަނގަޅު ވިސްނުމެއް ކަމަށެވެ. އެއީ އާބާދީ ބޮޑު ދާއިރާތަކުގައި ރައްޔިތުން ތަމްސީލް ވާ އަދަދު ކުޑަ ނުވާނެ ގޮތަކަށެވެ.

މަޖިލީހުގެ ގެލެރީގައި ސްކޫލް ކުދިންތަކެއް ޖަލްސާއެއް ބަލަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ގެލެރީގައި ސްކޫލް ކުދިންތަކެއް ޖަލްސާއެއް ބަލަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

"މާލޭގައި ވެސް ދެ މެމްބަރުން އައްޑޫގައި ވެސް ދެ މެމްބަރުން. މި ދެންނެވިހެން ބައެއް ކުދިކުދި އަތޮޅުގައި, އެއްހާސް، ދެހާސް ހަމަނުވާ އަތޮޅު ތަކަށް ވެސް ދެ މެމްބަރުން. އެހެންވީމާ އެއީ އިންސާފެއް ނޫން ކަމަށް އެ ފެނިގެން މިހާރު އޮތް ގޮތަށް ކަނޑައެޅީ،" އަސްލަމް ވިދާޅުވި އެވެ.

އެހެންކަމުން، ގާނޫނުއަސާސީ އާ "ކުޅުމަކީ" އެހާ ފަސޭހައިން، އަވަސް އަރުވާލައިގެން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މެމްބަރުން ކަނޑައަޅަން ޖެހޭ އާބާދީގެ އަދަދު 8،000 ނޫނީ 10،000 އަށް ހެދުމުން، ދެން ނުކުންނާނެ ނަތީޖާއާ މެދު ވެސް ވިސްނަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ދެން ހަމަ ހުރެފައި އިސްލާހެއް ހުށަހަޅައިގެން ކޮށްގެން ވާނެ ކަމެއް ނޫން މިއީކީ. ވަރަށް ގިނަ ގޮތްގޮތަށް ވިސްނައި، މަޝްވަރާ ކޮށްގެން ބަދަލެއް ގެންނަންޏާ ގެންނަން ވާނީ. ބޭނުންހާ ގޮތަކަށް ނުވާނެ މި ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ ވިސްނުމުގައި ބުރަދަން ހުއްޓަސް، މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާ މަންދޫބުންނާ މެދު ހިތް ރުހޭ އާންމުން މަދެވެ. މެމްބަރުން އަމިއްލަ އަށް ކަނޑއަޅައިގެން މުސާރަ އާއި އެލަވަންސްތަކާ އެކު މަހަކު ގާތްގަނޑަކަށް 80،000ރ. ލިބެ އެވެ. އަންނަ އަހަރު އާ ދާއިރާތަކާ އެކު މެމްބަރުންގެ މުސާރަ އަށް މަހަކު 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ. މިއީ އަދި ރައްޔިތުންނަށް ނުލިބޭ ފެންވަރުގެ ސިއްހީ ފަރުވާ އާއި ކެއުމާއި ސައި ވެސް ނުހިމަނަ އެވެ.

އެކަމަކު އެ ވަރުން ވެސް ދެ ޖަލްސާ ހަމައަށް މަޖިލީހަށް ހާޒިރުނުވާ މެމްބަރުން މަދެއް ނޫނެވެ. ސިޔާސީ ކޯޅުމާއި ދޭދޭ މެމްބަރުންގެ ޒުވާބުތައް ނުނީ ތަޅުމުގައި އަޑެއް ނީވެ އެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ،އެއްޗެއް ބުނާ އަޑުއިވެނީ މަދު ފަހަރަކު އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

އެއާ އެކު، އުޝާމް ވެސް ފާހަގަކުރައްވާ ފަދައިން، މިހާރު އޮންނަ ގޮތަށް މެމްބަރުންގެ އަދަދު ކަނޑައަޅައިގެން ރައްޔިތުން ތަމްސީލުވާ ތަނެއް ވަކި ނުފެނެ އެވެ. ދައުލަތުން ކުރަންޖެހޭ ހަރަދާ އެއްވަރަށް މަޖިލިސް މެމްބަރުންގެ އެފިޝަންސީ އިތުރު ކުރެވޭނެ ގޮތެއް އެބަ ހޯދަންޖެހެ އެވެ. މަޖިލީހުގެ ތަޅުމުގައި ބަންކު ބެޑް ޖަހައިގެން މެމްބަރުން ބައިތިއްބަން ޖެހުމުގެ ކުރިން، މެމްބަރުންގެ އަދަދު ހިފެހެއްޓޭނެ ސިޔާސީ ބޭފުޅުން އެ ވިދާޅުވާ "ފޯމިއުލާ" އެއް ނެރެންޖެހެ އެވެ.

އެހެން ނޫން ނަމަ އިސާހިތަކު ރައްޔިތުންގެ މަޖިލިސް ބޮޑުވެގެން ގޮސް، އެ މީހުން ތަމްސީލުކުރާ ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައަކަށް ވެދާނެ އެވެ. ނަމަވެސް މިދިޔަ ދުވަސްތަކަށް ބަލާއިރު، އެ މަޝްވަރާ ވެސް ކޮށްލަން ބޭނުން ނުވި ކަން އެނގެ އެވެ.