Roadha Mihaaru
އާ މިނިސްޓްރީތަކުގެ ބަޖެޓު ފޮނުވޭނީ އަންނަ ހޯމަ ދުވަހު

އާ މިނިސްޓްރީތަކުގެ ބަޖެޓު މަޖިލިހަށް ފޮނުވޭނީ ހޯމަ ދުވަހު

22 ނޮވެމްބަރ 2023

މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވި އާ ސަރުުކާރުން މުޅިން އަލަށް އުފެއްދި މިނިސްޓްރީތަކުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ފޮނުވޭނީ އަންނަ ހޯމަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވި އާ ސަރުުކާރުން މުޅިން އަލަށް އުފެއްދި މިނިސްޓްރީތަކުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ފޮނުވޭނީ އަންނަ ހޯމަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުން ތައްޔާރުކުރި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގެ ބަހުސް މަޖިލިހުގެ ތަޅުމުގައި ފެށީ އިއްޔެ އެވެ. ބަޖެޓަށް ބަހުސް ކުރައްވަން އެދިވަޑައިގަންނަވާ ހުރިހާ މެންބަރުން ވާހަކަ ދައްކަވައި ނިމެންދެން ޖަލްސާތައް ކުރިއަށް ގެންދިއުމަށް އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ބަޖެޓަށް މިއަދު 16 މެންބަރުން ބަހުސް ކުރައްވާފައިވާއިރު، މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، އާ މިނިސްޓްރީތަކުގެ ބަޖެޓު ހިމަނައިގެން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މައުލޫމާތު ހޯމަ ދުވަހުގެ ނިޔަލަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެހާތަނަށް ބަޖެޓު ބަހުސް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއް ދެއްވައި، ޣަފޫރު ވަނީ ބަޖެޓު ބަހުސްގެ ޖަލްސާއެއް އާދީއްތަ ދުވަހު އޮންނާނެ ކަން އިއުލާނު ކުރައްވައިފަ އެވެ.

މިއަދުގެ ޖަލްސާ ނިންމާލިއިރު، މަޖިލިސް ތަޅުން އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ތަޅުން ހޫނުވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ބަޖެޓު ކޮމިޓީއަށް ވަޑައިގެންނެވި ވަގުތު، އޭނާގެ ބަހުސް ކުރުމަށް ލިބުނު ފުރުސަތު ގެއްލުނު ކަމަށް ވިދާޅުވެ އަޑުގަދަ ކުރެއްވުމާ ގުޅިގެންނެވެ.

ޒަރީރު އަޑުގަދަ ކުރައްވަމުން ގެންދެވި ވަގުތު އޭނާ ހަމަޖައްސަން މެންބަރު ޔާސިރު މަސައްކަތް ކުރައްވަނީ --

ޒަރީރު އަޑުގަދަ ކުރައްވަމުން ގެންދެވި ވަގުތު އޭނާ ހަމަޖައްސަން މެންބަރު ޔާސިރު މަސައްކަތް ކުރައްވަނީ --

އޭނާ ވަނީ ބައެއް މެންބަރުން ބަހުސްކުރައްވަމުން ގެންދެވި ވަގުތު ނިޒާމީ ނުކުތާ ނަންގަަވައި އަޑުގަދަ ކުރައްވައިފަ އެވެ. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ކުރިމައްޗަށް އަރައި، މައިކުގައި ހިފެހެއްޓުމާ ގުޅިގެން އެ ދެ މެންބަރުންގެ މެދުގައި ޒުވާބެއް ވެސް ހިނގި އެވެ. އެ ޒުވާބުގެ ތެރެއިން ޒަރީރު ވަނީ މަޖިލިސް ތަޅުމުގައި ހަޑިހުތުރު ބަހުން ވެސް ވާހަކަ ދައްކައިފަ އެވެ.

ބައެއް މެންބަރުން ޒަރީރު ހުއްޓުވުމަށް މަސައްކަތް ކުރެއްވި ނަމަވެސް، ޖަލްސާ ނިންމާލެވިއިރު ވެސް ޒަރީރު ގެންދެވީ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ.

ތަޅުން ހޫނުވި ވަގުތު އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުން ހާޒިރު ވެތިބި މަޖިލީހުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް ގޮވާލައިފަ އެވެ. ނަމަވެސް އެއީ ކޮން މެންބަރުން ކަމެއް ސާފެއް ނުވެ އެވެ.