Roadha Mihaaru

ރަޝިޔާގެ އިދިކޮޅު ލީޑަރު ކުށްވެރިކޮށް، ރައީސްކަމަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލައިފި

މޮސްކޯ (ފެބްރުއަރީ 9) - ރަޝިޔާގެ އެންމެ އިސް އިދިކޮޅު ލީޑަރު އެލެކްސީ ލެވަލްނީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނެގިކަމުގެ ކުށް ސާބިތުކޮށް ފަސް އަހަރުގެ ސަސްޕެންޑެޑް ހުކުމެއް އިއްވުމާ ގުޅިގެން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާ އަށް ގެއްލިއްޖެ އެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރު ވެރިކަމަށް އައުމަށް ހުރަސް
ހަސަން އާމިރު
ހަސަން އާމިރު

09 ފެބުރުއަރީ 2017

މޮސްކޯ (ފެބްރުއަރީ 9) - ރަޝިޔާގެ އެންމެ އިސް އިދިކޮޅު ލީޑަރު އެލެކްސީ ލެވަލްނީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނެގިކަމުގެ ކުށް ސާބިތުކޮށް ފަސް އަހަރުގެ ސަސްޕެންޑެޑް ހުކުމެއް އިއްވުމާ ގުޅިގެން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާ އަށް ގެއްލިއްޖެ އެވެ.

ތުހުމަތުތަކަށް އިންކާރު ކޮށްފައިވާ ނަވަލްނީ ވަނީ ހުކުމް އިއްވާފައިވީ ނަމަވެސް ރިޔާސީ ރޭހުގައި ބައިވެރިވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ވެރިކަމަށް ކުރިމަތިލުމަށް ގާނޫނީ ޝަރުތު ހަމަވާ ކަމެއް އަދި ނޭނގެ އެވެ. ނަވަލްނީ ވިދާޅުވީ އޭނާ އިންތިޚާބުގައި ވާދަކޮށްފާނެތީ ރަޝިޔާ ސަރުކާރުގެ އިސް މީހުން ބިރުގަންނަކަން މިހާރު އެނގިއްޖެ ކަަމަށެވެ. އަދި މި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި ހުކުމެއް އަޅުގަނޑު ގަބޫލެއް ނުކުރަން. ގާނޫނު އަސާސީ ބުނާ ގޮތުން އިންތިޚާބުގައި ވާދަކުރުމުގެ ހުރިހާ ޝަރުތެއް އަޅުގަނޑު ހަމަވޭ. ރަޝިޔާގެ ރައްޔިތުންގެ ރުހުމާ އެއްގޮތަށް ކޮރަޕްޝަން ނެތް، ތެދުވެރި ގައުމަކަށް ރަޝިޔާ ހެދުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނަން،" ހުކުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަވަލްނީ ވިދާޅުވި އެވެ.

ރަޝިޔާގެ ގާނޫނު އަސާސީ ބުނާ ގޮތުން ސީރިއަސް ކުށެއް ކޮށްފައިވާ މީހަކު އެ ކުށެއް ކުރި ތާރީޚުން ފެށިގެން 10 އަހަރު ނުވަނީސް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވެ އެވެ. އަދި ޖަލުގައި ހުރި މީހަކަށް ވެސް އިންތިޚާބުގައި ވާދަކުރުން ގާނޫނު ހުއްދައެއް ނުކުރެ އެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ (ވ) ކޯޓުގައި: ކޯޓު ހުކުމާ ގުޅިގެންއޭނާ އަށް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައި. --ފޮޓޯ:ރޮއިޓާސް

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ (ވ) ކޯޓުގައި: ކޯޓު ހުކުމާ ގުޅިގެންއޭނާ އަށް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައި. --ފޮޓޯ:ރޮއިޓާސް

އޭނާގެ ޝަރީއަތް އަލުން ބާއްވާފައި ވަނީ ފުރަތަމަ ބޭއްވި ޝަަރީއަތް އިންސާފު ނޫން ކަމަށް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނިންމުމާ ގުޅިގެންނެވެ. ނަވަލްނީގެ މައްޗަށް ފުރަތަމަ ހުކުމް އިއްވީ 2013 ވަނަ އަހަރު އެވެ.

އުމުރުން 40 އަހަރުގެ ނަވަލްނީ މަޝްހޫރުވެފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ނަވަލްނީ ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުކޮށްފައި ވަނީ ސިޔާސީ ކަންކަމުން ދުރުކުރުމަށް ކަމަށެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ނަވަލްނީ މިދިޔަ އަހަރު އިއުލާން ކުރެއްވުމަށް ފަހު ދާދި ފަހުން އޭނާ ވަނީ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން ގިނަ ކުރައްވައިފަ އެވެ. އަންނަ އަހަރުގެ އިންތިޚާބުގައި ވެސް ރައީސް ލަޑިމިއާ ޕުޓިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ހަ އަހަރުގެ ދެ ވަނަ ދައުރަކަށް ވާދަކުރުމަށް ޕުޓިން އަށް ގާނޫނީ ގޮތުން ހުރަހެއް ނެތެވެ. ޕުޓިން މިހާރު ވެސް ވަނީ ރައީސް ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވައިފަ އެވެ. މީގެ ތެރޭން ދެ ދައުރު ފުރިހަމަ ކުރައްވާފައި ވަނީ ޖެހިޖެހިގެންނެވެ. ޖެހިޖެހިގެން އަދި ދެ ދައުރު ފުރިހަމަ ކުރުމަށް ޕުޓިން އަށް ގާނޫނު އަސާސީން ހުއްދަ ލިބެ އެވެ.

ސިޔާސީ ތަރިއެއްގެ ގޮތުގައި ނަވަލްނީ ފިޔަޖަހަން ފެށީ ރަޝިޔާ ސަރުކާރުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނުގެ މައްސަލަތައް އޭނާގެ ބްލޮގުގައި 2008 ވަނަ އަހަރުން ފެށިގެން ފަޅާ އަރުވާލަން ފެށި ފަހުންނެވެ.