Roadha Mihaaru

ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލުގައި ވަރަށް ހާލުގައި

މޮސްކޯ (އެޕްރީލް 18) - ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދީފި ނަމަ ޖަލުގައި އޭނާ މަރުވެދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދީފި އެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލުގައި ވަރަށް ހާލުގައި
ހަސަން އާމިރު
ހަސަން އާމިރު

18 އެޕްރީލް 2021

މޮސްކޯ (އެޕްރީލް 18) - ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދީފި ނަމަ ޖަލުގައި އޭނާ މަރުވެދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދީފި އެވެ.

ޑޮކްޓަރުން ބުނެފައި ވަނީ އެންމެ ފަހުގެ ލޭގެ ޓެސްޓްތަކުގެ ނަތީޖާ އިން ދައްކާފައިވާ ގޮތުގައި ނަވަލްނީ އަށް ކޮންމެ ވަގުތަކު ވެސް ހާޓް އެޓޭކެއް ނުވަތަ ކިޑްނީ ފެއިލްވުމުގެ މައްސަލަ ދިމާވެދާނެ ކަމަށެވެ. ނަވަލްނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާތާ މިހާރު 18 ދުވަސްވެއްޖެ އެވެ. އޭނާ ގެންދަނީ އުނަގަނޑުގެ ރިހުމާއި ފައި އައްސިވާ މައްސަލައިގައި ފަރުވާ ނުދޭ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

ފާޅުގައި ރަޝިޔާ ސަރުކާރަށް ފާޑު ވިދާޅުވާ ނަވަލްނީ ޖަލުގައި ބަންދުކުރީ ފެބްރުއަރީ މަހު އެވެ.

ނަވަލްނީގެ ހާލު ބެލުމުގެ ހުއްދަ އަށް ހަތަރު ޑޮކްޓަރަކު ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި ނަވަލްނީގެ ޕާނަސަލް ޑޮކްޓަރު އަނަސްތޭސިއާ ވަސިލެޔޭވާ ވެސް ހިމެނެ އެވެ. ޓްވިޓާގައި ވަސިލެޔޭވާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނަވަލްނީގެ ޕޮޓޭސިއަމް ލެވެލް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައި ކަމަށެވެ.

ލޭގެ ޕޮޓޭސިއަމް ލެވެލް 6.0 މިލިމޯލްސް އަށް ވުރެ އިތުރުވެއްޖެ ނަމަ ވަގުތުން ފަރުވާ ދޭން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. ނަވަލްނީގެ ޕޮޓޭސިއަމް ލެވެލް ހުރީ 7.1 ގައި ކަމަށް އޭނާގެ ޑޮކްޓަރު ބުނެފައިވެ އެވެ.

ނަވަލްނީ އަށް ބާރުގަދަ ވިހައެއް މިދިޔަ އޮގަސްޓް މަހު ދިނުމުން އޭނާ މަރުނުވީ ކިރިޔާ އެވެ. ނަވަލްނީ ތުހުމަތު ކުރަނީ އެއީ ޕުޓިންގެ އަމުރަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް ކްރެމްލިން އިން އެކަން ދޮގު ކުރެ އެވެ. ނަވަލްނީ އަށް ފަރުވާ ދިނީ ޖަރުމަނުގަ އެވެ. އޭނާ ހައްޔަރު ކުރީ ފަރުވާ އަށް ފަހު އެނބުރި ރަޝިޔާ އަށް ދިޔަ ތަނުން އެއާޕޯޓުންނެވެ.