Roadha Mihaaru
މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ: މޮރީނިއޯ

މޮޔައެއް ނޫނީ ރެއާލް ދޫކޮށްނުލާނެ، އެ މޮޔަ މީހަކީ އަހަރެން: މޮރީނިއޯ

23 ނޮވެމްބަރ 2023

މެޑްރިޑް (ނޮވެމްބަރު 23) - މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ ކަމަށާއި، އެ މޮޔަ މީހާކީ އޭނާ ކަމަށް، އޭއެސް ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

މެޑްރިޑް (ނޮވެމްބަރު 23) - މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ ކަމަށާއި، އެ މޮޔަ މީހާކީ އޭނާ ކަމަށް، އޭއެސް ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގައި ކާމިޔާބު ހޯދި މޮރިނިއޯ ވަނީ 2010-2013 އަށް ރެއާލްގައި މަސައްކަތް ކޮށްފަ އެވެ. ޖޫން 2013 ގައި އޭނާ ރެއާލް ދޫކޮށްލީ އޭރު އޭނާ އާއެކު ހެދި ކޮންޓްރެކްޓް ހަމަވާން ބާކީ ތިން އަހަރު އޮއްވަ އެވެ.

ރެއާލްގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށް ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. މޮރީނިއޯ ވަނީ އެގޮތަށް އަމަލު ނުކުރުމަށް އަންޗެލޮޓީ އަށް އިލްތިމާސްކޮށްފަ އެވެ.

އިޓަލީގެ ރައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި މޮރީނިއޯ ބުނީ އެ މީހެއްގެ ހިދުމަތް ރެއާލް އިން ބޭނުންވާހާ ހިނދެއްގައި އެ ކްލަބް ދޫކޮށްލުން އެއީ ގޯހެއް ކަމަށެވެ.

"ސުޕަ ކޯޗެއް ހުންނައިރު އެހެން ކޯޗަކު ހޯދަން އުޅެންވީ ކީއްވެ؟،" ރެއާލްގައި އަންޗެލޯޓީ ހުއްޓައި އެ ކްލަބުން ދެން އެހެން ކޯޗަކު ހޯދަން މަސައްކަތް ނުކުރާނެކަން ޔަގީންކޮށް މޮރީނިއޯ ބުންޏެވެ.

"ފްލޮރެންޓީނޯ [ޕެރޭޒް] ދަންނައިރު. އަހަންނަށް އޭނާ ވަރަށް ރަނގަޅަށް އެނގޭ. އޭނާ އަކީ ސުޕަ އިންޓަލިޖެންޓް މީހެއް. ނޫސްތައް ބަލާލީމަ ވެސް އެކަން އެނގޭ. މެޑްރިޑްގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އަހަރެން އުންމީދުކުރަން މި ސީޒަން ރަނގަޅަށް ދާނެކަމަށް. އަދި އަންނަ ސީޒަނުގައި ވެސް އޭނާ އެ ކްލަބްގައި މަޑުކުރާނެ ކަމަށް އަހަރެން ހީކުރަން. މެޑްރިޑަށް އެންމެ ރަނގަޅު ކޯޗަކީ އޭނާ."

މޮރީނިއޯ ބުނީ އޭނާ ހެދިހެން ރެއާލްގެ ކޯޗުކަން އަންޗެލޮޓީ ދޫކޮށްނުލާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

"މެޑްރިޑުން އެ މީހަކު ބަހައްޓަން ބޭނުންވާއިރު މެޑްރިޑް ދޫކޮށްދަނީ މޮޔަ މީހެެއް. އަދި އެ މޮޔަ މީހަކީ އަހަރެން. ހަމައެކަނި އަހަރެން. އަހަރެން އެ ތަނުގައި ހޭދަކުރި ތިން އަހަރު ފަހުން ރައީސް [ޕެރޭޒް] އާއި [ސީއީއޯ] ހޯސޭ އެންޖެލް ސަންޗޭޒް ބޭނުންވީ އަހަރެން އެ ކްލަބްގައި ކުރިއަށް ދާން، އެ މީހުން ވަރަށް ވަރަށް ވަރަށް ބޮޑަށް ބޭނުންވި،" މޮރީނިއޯ ބުންޏެވެ.

"އެކަމަކު އެ (މޮޔަ) ނިންމުން ނިންމީ އަހަރެން. އަހަންނަކީ މޮޔައެއް. އަހަންނަށް ޔަގީން ފްލޮރެންޓީނޯ ކުޑަވެސް އިޝާރާތަކުން ކާލޯ މަޑުކުރާނެކަން. އޭނާ އަކީ މެޑްރިޑަށް އެންމެ ފުރިހަމަ ކޯޗު. އަދި މެޑްރިޑަކީ އޭނާ އަށް ވެސް އެންމެ ފުރިހަމަ ޓީމު."

މޮރީނިއޯ ބުނީ އޭނާ ރޯމާގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. އެކުގައި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ރޯމާގައި އޮތުމަކީ އޭނާ އެންމެ ހިތްހަމަޖެހޭ ކަންތައް ކަމަށް ކުރިން އިންޓަ މީލާނަށް ވެސް ކާމިޔާބު ހޯދައި ދިން ކޯޗު ބުންޏެވެ.