Roadha Mihaaru
ރާއްޖޭގެ ކަންކަމަށް އިނގިރޭސިވިލާތުން ހައްލެއް ނުލިބޭނެ

ރާއްޖޭގެ މައްސަލަތަކަށް އިނގިރޭސި ވިލާތުން ހައްލެއް ނުލިބޭނެ: އަޒްލީން

09 ފެބުރުއަރީ 2017

ރާއްޖެ އަށް ދިމާވާ މައްސަލަތަކަށް އިނގިރޭސި ވިލާތުން ހައްލެއް ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އަށް ދިމާވާ މައްސަލަތަކަށް އިނގިރޭސި ވިލާތުން ހައްލެއް ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ފެށި "ރަހުމަތުލް އަމާން" ކެމްޕެއިން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒްލީން ވިދާޅުވީ، ރާއްޖޭގައި ރައީސްކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުން އެހެން ގައުމަކަށް ވަޑައިގެން އެ ގައުމުގެ އެހީތެރިކަމަށް އެދިވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

މިނިސްޓަރު އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސްގެ މަގާމުން ދުރުކޮށްފައިވާ މުހައްމަދު ޖަމީލް އަހުމަދަށެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައި އެ ގައުމަށް ބަދަލުވެވަޑައިގެންފަ އެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭސްފަރުވާ އަކަށެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަަސްމިއްޔާތުގައި އަޒްލީން ވިދާޅުވީ ރާއްޖޭގައި މަތީ މަގާމްތަކާއި އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅުން އެހެން ގައުމުތަކަށް ވަޑައިގެން ރާއްޖެއާ ބެހޭގޮތުން ތަފާތު ވާހަކަތައް ދެއްކުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކަށް އިނގިރޭސި ވިލާތުން ހައްލެއް ނުލިބޭނެ. ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާފައި ވަނީ އިނގިރޭސި ވިލާތުން. މަޖިލީހުގެ ތެރެއިން ނޯ ކޮންފިޑެންސް ނަގާފައި ވަކިކުރެއްވި ބޭފުޅާވީ އިނގިރޭސި ވިލާތުގައި. ޖަލުގައި ހުއްޓާ ބޭސްފަރުވާ އަށް ފުރުސަތު ދިނީމަ އިނގިރޭސި ވިލާތަށް،" އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ ސިޔާސީ ބޭފުޅުންނަށް ފާޑު ވިދާޅުވަމުން އަޒްލީން ވިދާޅުވި އެވެ.

"އެ މީހަކަށް ކޮށްފައިވާ ކުށަކާ ގުޅޭގޮތުން ސުވާލުކޮށްފާނެހެން ހީވާ ކޮންމެ މީހަކު އިނގިރޭސި ވިލާތަށް. ކޮބައިތޯ މެސެޖަކީ؟ ހިންގާ ކޮންމެ ނޭއްގާނީ ކަމެއްގައި އެހީތެރިވެދެނީ ފަރަންޖީ ގައުމުތަކޭ. ރާއްޖޭގެ އިސްލާމްދީނުގެ ހުދޫދުގައި ތިބި ބަޔަކު، އިސްލާމީ އުއްމަތުގެ ކަންތައްތައް ދިމާވާއިރުގައި، ޑޭވިޑް ކެމެރަން އަކަށް ނޭނގޭނެ އެ ވާހަކަ ދައްކާކަށް. އޭގެ ހައްލު ހޯދާކަށް އިނގިޭސި ވިލާތުގެ އެއްވެސް މީހަކަށް ނޭނގޭނެ. ރާއްޖޭގައި ވަރުގަދަ އިލްމުވެރިން އެބަތިބި."

ހޯމް މިނިސްޓަރު އަޒްލީން (ވ)، ރަހްމަަތުލް ލިލް އާލަމީން ކެމްޕެއިން ރަސްމީކޮށް މިއަދު ފައްޓަވައިދެއްވަނީ.-- ފޮޓޯ: އިސްލާމިކް މިިނިސްޓްރީ

ހޯމް މިނިސްޓަރު އަޒްލީން (ވ)، ރަހްމަަތުލް ލިލް އާލަމީން ކެމްޕެއިން ރަސްމީކޮށް މިއަދު ފައްޓަވައިދެއްވަނީ.-- ފޮޓޯ: އިސްލާމިކް މިިނިސްޓްރީ

އޭނާ ވިދާޅުވީ ވަމުންދާ ކަންތައްތަކުން، ހުރިހާ ނޭއްގާނީ އަމަލެއް ހިންގުމަށް ފަހު އެހީތެރިކަމަށް އެދެނީ ބޭރުގެ ގައުމުތަކުގައި ކަމަށާއި ނަމަވެސް، އެ މީހުން ދުވަހަކު ވެސް މުސްލިމުންނަށް ހެވެއް ނޭދޭނެ ކަމަށެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވާތީ މޭކަރާ ބަޔަކު އެބަތިއްބެވެ. ނަމަވެސް އެކަމަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ވެސް ފަރަންޖީންގެ ބަހަށް ހެއްލުމުގެ ސަބަބުން ރާއްޖޭގެ އަމާންކަން ގެއްލިގެން ދިޔަ ނަމަވެސް ދެން އެކަން އެހެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކަށް އިނގިރޭސިވިލާތުން ހައްލެއް ނުލިބޭނެ. ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާފައިވަނީ އިނގިރޭސިވިލާތުން. މަޖިލީހުގެ ތެރެއިން ނޯ ކޮންފިޑެންސް ނަގާފައި ވަކިކުރެއްވި ބޭފުޅާވީ އިނގިރޭސިވިލާތުގައި. ޖަލުގައި ހުއްޓާ ބޭސްފަރުވާއަށް ފުރުސަތު ދިނީމަ އިނގިރޭސިވިލާތަށް. އެ މީހަކަށް ކޮށްފައިވާ ކުށަކާ ގުޅޭގޮތުން ސުވާލުކޮށްފާނެހެން ހީވާ ކޮންމެ މީހަކު އިނގިރޭސިވިލާތަށް. ކޮބައިތޯ މެސެޖަކީ؟ ހިންގާ ކޮންމެ ނޭއްގާނީ ކަމެއްގައި އެހީތެރިވެދެނީ ފަރަންޖީ ގައުމުތަކޭ،"

"ކުރިއަށް އޮތް ޖީލުތަކަށް، ރައްކާތެރިކަމާ އެކު ރާއްޖެ ހަވާލު ކޮށްދިނުމަކީ މާ ބޮޑު ޒިންމާއެއްކަން. މާބޮޑު މަސައްކަތެއް،" އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އަޒްލީން ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މިއަދު ފެށި ކެމްޕެއިންނަކީ ރާއްޖެ އަށް ވަރަށް މުހިއްމުވެފައިވާ ކެމްޕެއިނެއް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

މިއަދު ފެށި ކެމްޕެއިންގެ ދަށުން، ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ރަށްރަށުގައި ކެމްޕެއިންތައް ހިންގާނެ އެވެ. އަދި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.