Roadha Mihaaru
މަޝްވަރާ އަށް ކުރީގެ ތިން މިނިސްޓަރަކު ލަންޑަނަށް

ޑރ. ޖަމީލްއާ މަޝްވަރާ ކުރަން ކުރީގެ ތިން މިނިސްޓަރަކު ލަންޑަނަށް

22 ނޮވެމްބަރ 2017

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ މަޝްވަރާކުރުމަށް، މި ސަރުކާރުގެ ކުރީގެ ތިން މިނިސްޓަރަކު މިއަދު ލަންޑަނަށް ފުރާވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ މަޝްވަރާކުރުމަށް، މި ސަރުކާރުގެ ކުރީގެ ތިން މިނިސްޓަރަކު މިއަދު ލަންޑަނަށް ފުރާވަޑައިގެންފި އެވެ.

އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ޖަމީލްއާ ބައްދަލުކުރައްވަން ވަޑައިގަތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.

އެނގިފައިވާ ގޮތުގައި، ޖަމީލްއާ އެކު މި ބޭފުޅުން މަޝްވަރާ ކުރައްވާނީ އިންތިހާބުގައި ގުޅިގެން ކުރިއަށް ދެވިދާނެ ގޮތަކާ ބެހޭ ގޮތުންނެވެ. ދެ ހާސް ތޭރައިގެ ރިޔާސީ އިންތިހާބުގައި ވެސް ޖަމީލާއި މަލީހްގެ އިތުރުން އަމީން މަސައްކަތް ކުރެއްވީ އެއް ޓީމެއްގެ ގޮތުގަ އެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ޖަމީލް، ބޭރަށް ވަޑައިގަތީ، އެތައް ތުހުމަތެއްކޮށް، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ.

ރައީސް ޔާމީނާ ދެކޮޅަށް ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުގައި މަސައްކަތް ކުރައްވާ އަމީނާއި މަލީހް ހިމެނިވަޑައިގަންނަވާ ގޮތަށް އުމަރު، ޖަމީލާ ބައްދަލުކުރައްވަން މި ވަޑައިގަތީ، އިންތިހާބަށް ފޯމިއުލާއެއް ހޯދުމުގެ މަސައްކަތް އިިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަނިކޮށެވެ.

އިދިކޮޅު ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނޭޅެ އެވެ. އުމަރު ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އެންމެ އެކަށީގެންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ. އުމަރު މިގޮތަށް ވިދާޅުވި އިރު، އިންތިހާބުގައި ވާދަކުރައްވާނެ ކަން އޭނާ ވެސް އޮތީ އިއުލާން ކުރައްވައިފަ އެވެ.

އިންތިހާބުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.