Roadha Mihaaru
އިޒްރޭލުގެ ރަހީނުންނާ ސިންވާރު ބައްދަލުކުރެއްވި

އިޒްރޭލުގެ ރަހީނުންނާ ސިންވާރު ބައްދަލުކުރައްވައި ހިތްވަރު ދެއްވި

29 ނޮވެމްބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ޣައްޒާ ގޮފީގެ ސިޔާސީ ވެރިޔާ ޔަހްޔާ އައްސިންވާރު، ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވި ކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ޣައްޒާ ގޮފީގެ ސިޔާސީ ވެރިޔާ ޔަހްޔާ އައްސިންވާރު، ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވި ކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެފި އެވެ.

އިޒްރޭލުގެ ޓީވީ ޗެނަލް 12 އިން ބުނެފައިވާ ގޮތުގައި ސިންވާރު، އިޒްރޭލުގެ ރަހީނުންނާ ބައްދަލުކުރެއްވީ ޣައްޒާގެ ބިމު އަޑީގައި ހުންނަ ބިންގަރާހެއްގަ އެވެ. އަދި އެމީހުންނާ ބައްދަލުކުރައްވައި އިބްރީ ބަހުން ވާހަކަ ދައްކަވައި، ބިރު ނުގަތުމަށާއި ގެއްލުމެއް ނުލިބޭނެ ކަމަށް ވިދާޅުވެ ހިތްވަރު ދެއްވި ކަމަށް ވެސް އެޓީވީން ބުންޏެވެ.

ރަހީނުންނާ ބައްދަލުކުރައްވައި ސިންވާރު ވިދާޅުވީ އެމީހުން އެ ތިބީ އެންމެ ރައްކާތެރި އަދި އެންމެ އަމާން ތަނުގައި ކަމަށެވެ. އަދި ހަމާސްގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ތިބިހާ ހިނދަކު އެއިން އެކަކަށް ވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ސިންވާރު ވިދާޅުވި އެވެ.

ހަމާސް އިން މިނިވަންކުރި ބައެއް މީހުންނާ ހަވާލާދީ ޗެނަލް 12 އިން ބުނެފައިވާ ގޮތުގައި ސިންވާރު އެމީހުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އެއްވެސް ބިރުގަތުމެއް އަދި ކަންބޮޑުވުމެއް ނެތެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި އެމީހުން ތިބި ދުވަސްވަރު، ހަނގުރާމަވެރިންގެ ފަރާތުން އެއްވެސް އަނިޔާއެއް އަދި ލާއިންސާނީ އަމަލެއް ވެސް ކުރިމަތިނުވާ ކަމަށް އެމީހުން ބުނެ އެވެ.

އެމީހުން ބުނި ގޮތުގައި ބިންގަރާސްތަކުގައި އެމީހުން އުޅުނު އިރު، ވަކި ވަގުތުތަކެއްގައި އިޒްރޭލު ރޭޑިއޯ އަޑުއެހުމުގެ ފުރުސަތު ވެސް ހަމާސްގެ ހަނގުރާމަވެރިން ދެ އެވެ. އަދި އެމީހުންގެ ފާރަވެރިންގެ ގޮތުގައި ތިބ ހަނގުރާމަވެރިންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް އެމީހުން ބުނެ އެވެ.

އިޒްރޭލުގެ ޓީވީ ޗެނަލް 13 އިން ބުނި ގޮތުގައި ރަހީނުންގެ ހިތްހަމަޖެހުމަށް ހަމާސްގެ ހަނގުރާމަވެރިން ވަރަށް ބޮޑަށް އިސްކަންދެ އެވެ. އެ ގޮތުން ވަކިވަކިން ރަހީނުން ހައްޔަރުކޮށްފައި ބޭތިއްބުމުގެ ބަދަލުގައި، އިޒްރޭލުގެ އެކި ތަންތަނުން ގެނެސްފައި ތިބި މީހުން އެއްތަންކޮށް އެކުގައި ވާހަކަ ދައްކައި އުޅުމުގެ ފުރުސަތު ދިނެވެ.

އޭގެ އިތުރުން، އެންމެ ވަރުގަދަ އަށް ހަނގުރާމަ ހިނގަމުން ދިޔަ ވަގުތުތަކުގައި ވެސް، ހަނގުރާމަވެރިންނަށް ވެވުނު އެންމެ ރަނގަޅަކަށް ކެއުންބުއިމުގެ އިންތިޒާމުވެސް ހަމަޖައްސައިދިން ކަމަށް ރަހީނުން ބުންޏެވެ. އަދި ރަހީނުންގެ ތެރޭގައި ތިބި މީހުންނަށް ބޭނުންވާ ބޭސްފަރުވާގެ އިންތިޒާމު ވެސް ބިންގަރާސްތަކުގައި ހަމަޖައްސައިދިން ކަމަށް ރަހީނުން ބުންޏެވެ.

ރަހީނުންގެ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން، އިޒްރޭލުގެ ބައެއް އާންމުން ބުނީ އިޒްރޭލުގެ އަމަލުތަކާ މެދު ލަދުވެތިވާ ކަމަށެވެ. އަދި އޮކްޓޫބަރު މަހުގެ ފަހުކޮޅު ހަމާސް އިން އެންމެ ފުރަތަމަ މިނިވަންކުރި މީހުން ހަމާސްގެ ހަނގުރާމަވެރިންނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކީ، ހަމާސް އިން ބުނެގެން ދެއްކި ވާހަކަތަކެއް ކަމަށް އެންމެ ފުރަތަމަ ގަބޫލުކުރެވުނު ކަމަށް ވެސް އާންމުން ބުންޏެވެ.

ނަމަވެސް ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ފަހު މިނިވަންކުރި ރަހީނުންގެ ފަރާތުން ހަމާސްގެ ހަނގުރާމަވެރިންނާ ބެހޭ ގޮތުން އިވުނު ވާހަކަތަކުން އަމިއްލަ ނަފްސާ މެދު ލަދުވެތިވާ ކަމަށް ވެސް އިޒްރޭލުގެ ބައެއް އާންމުން ބުންޏެވެ. އެމީހުން ބުނެފައިވާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިންގެ އަތްދަށު ވުމަށް ފަހުގައި، އިޒްރޭލުގެ އެކަކަށް ވެސް ރައްކާތެރިކަމެއް ލިބޭނެ ކަމަށް އުންމީދެއް ނުކުރެވެ އެވެ.

ނަމަވެސް ހަމާސްގެ ވެރިޔާ ސިންވާރު ދެއްވި ޔަގީންކަމަކީ ހަގީގަތެއް ކަމަށް ވެސް އެމީހުންނަށް މިހާރު ގަބޫލު ކުރެވެ އެވެ.

ހަމާސް އިން މިނިވަންކުރި އެއްވެސް މީހަކު އެމީހުންގެ ހާލަތާ ބެހޭ ގޮތުން މީޑިއާތަކާ ވާހަކަ ދެއްކުން އިޒްރޭލު ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. އިޒްރޭލު ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ، ރަހީނުން ހައްޔަރުކޮށްގެން ގެންގުޅުނު ސަރަހައްދުތަކުގެ މައުލޫމާތުތައް ރަހީނުންގެ ފަރާތުން އޮޅުން ފިލުވުމަށެވެ.

އޭގެ އިތުރުން އިޒްރޭލުން މަރައިލާނެ ކަމަށް ވައުދުވެފައިވާ ޔަހްޔާ އައްސިންވާރު، ހަނގުރާމައިގެ ތެރޭގައި ވެސް ހުރީ ޣައްޒާގައި ކަން، ރަހީނުންގެ ފަރާތުން ކަށަވަރުވުމާ ގުޅިގެން، ސިންވާރު ހޯދުމަށް ވެސް އިޒްރޭލުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ފެށިފައިވަނީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ކުއްލި ގޮތަކަށް ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1200 އަށް ވުރެ ގިނަ މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެންނެވެ. އެކަމަށް ބަދަލު ހިފުމަށް އިޒްރޭލުން ގާޒާ އަށް ދިން 51 ދުވަހުގެ ހަމަލާތަކުގައި ފަލަސްތީނުގެ 15000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.