Roadha Mihaaru
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި

ދެ މަސްތެރޭ އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި

14 ޑިސެމްބަރ 2023

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ އެކުގައި، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުން ފެށި އުދުވާނީ އަމަލުތަކުގައި ހައްޔަރު ކުރި ފަލަސްތީނު ރައްޔިތުންގެ އަދަދު 4000 އަށް ވުރެ މައްޗަށް ގޮސްފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ އެކުގައި، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުން ފެށި އުދުވާނީ އަމަލުތަކުގައި ހައްޔަރު ކުރި ފަލަސްތީނު ރައްޔިތުންގެ އަދަދު 4000 އަށް ވުރެ މައްޗަށް ގޮސްފި އެވެ.

ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ސަރުކާރުން ބަލަހައްޓާ އަސީރުންގެ ދަފްތަރުން އެނގޭ ގޮތުގައި، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު ރައްޔިތުންގެ ތެރޭގައި 150 އަންހެނުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ހުޅަނގު އައްސޭރީގެ ތެރެއިން ހައްޔަރު ކުރި އަންހެނުންނާއި އެކި ކަންކަމުގައި އިޒްރޭލުގެ ތެރޭގައި އުޅެނިކޮށް ހައްޔަރުކުރި އަންހެނުން ހިމެނެ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުންގެ ތެރޭގައި 255 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެ އެވެ. އިޒްރޭލުން ހައްޔަރުކޮށްފައިވާ މި އެންމެން ވެސް ޖަލުގައި ހައްޔަރުކޮށްފައި ތިބީ، އިދާރީ ފިޔަވަޅެއްގެ ގޮތުން ކަމަށް އިޒްރޭލު ސަރުކާރުން ބުނެ އެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުގައި އިޒްރޭލުގެ ޖަލުތަކުގައި މިހާރު ތިބި ފަލަސްތީނުގެ އަސީރުންގެ ޖުމްލަ އަދަދަކީ 7800 އެވެ. އޭގެ ތެރޭގައި އެއްވެސް ތަހުގީގެއް ނުކޮށް އަދި ދައުވާއެއް ވެސް ނުކޮށް، އިދާރީ ފިޔަވަޅެއްގެ ގޮތުން ހައްޔަރުކޮށްފައިވާ 2870 އަސީރުން ވެސް ހިމެނެ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުގެ ފަހުން، ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އުދުވާނުތައް ވަރުގަދަ ކުރީ، ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ އާންމު ރައްޔިތުންނާ ދެކޮޅަށް، އިޒްރޭލު ސިފައިން އެ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް، ހުޅަނގު އައްސޭރީގެ ރައްޔިތުން ދެކޮޅު ހަދަން ފެށުމުންނެވެ.

ޣައްޒާ އަށް ދޭ ހަމަލާތައް އިތުރުކުރަމުން، އިޒްރޭލުން ދަނީ ހުޅަނގު އައްސޭރީގައި ހިންގާ އުދުވާނު ވެސް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ އުދުވާންތަކުގައި، އޮކްޓޫބަރު 7ގެ ފަހުން އިޒްރޭލު ސިފައިން ޝަހީދުކޮށްލި ފަލަސްތީނީންގެ އަދަދު 270 އަށް ވުރެ މަތިވެފައިވާ އިރު، ޒަޚަމްވި މީހުންގެ އަދަދު ވެސް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.

އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 69 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18700 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 50600 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 9000 އަށް ވުރެ މަތިވެފަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.