Roadha Mihaaru

ޔާމީންގެ އާ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފި

ޕީޕީއެމާއި ޕީއެންސީ ދޫކޮށްލައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި

ޕީޕީއެމާއި ޕީއެންސީ ދޫކޮށްލައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ އިލެކްޝަންސްގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގަ އެވެ.

ޔާމީނަކީ ގައިދީއަކަށް ވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ މަނިކުފާނަކަށް ނެތެވެ. ޕީޕީއެމްގެ ރައީސަކީ ޔާމީން ކަމަށް އެ ޕާޓީން ނިންމާފައި އޮތަސް މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ ޕީޕީއެމްގައި ވެސް އެ މަނިކުފާނުގެ ގާނޫނީ ހައިސިއްޔަތެއް ނެތެވެ.

ޔާމީންގެ ފަރާތްޕުޅުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ އެމަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މަލީހް ޖަމާލެވެ.

ޔާމީން، ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ޔާމީން ދޫކޮށްލެއްވީ އެވެ.

އެކަމަކު ޔާމީން ހިތްހަމަޖެހިވަޑައިނުގަތީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވުމުން، އިންތިހާބު ބޮއިކޮޓްކުރަން އެންގެވި އެންގެވުމަށް އަމަލުނުކުރި ހިސާބުން ކަމަށް ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.

އާ ޕާޓީ އުފައްދަވައި ޔާމީންގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ނެގުމެވެ.