Roadha Mihaaru
ރާހުލް ޑްރަވިޑާއެކު ކުރިއަށްދާން އިންޑިއާއިން ނިންމައިފި

ނާކާމިޔާބުވިޔަސް ރާހުލް ޑްރަވިޑް މަގާމުގައި ބަހައްޓަން އިންޑިއާއިން ނިންމައިފި

30 ނޮވެމްބަރ 2023

މުމްބާއީ (ނޮވެމްބަރު 30) - ނިމިދިޔަ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އަށް ނާކާމިޔާބުވި ނަމަވެސް، އެ ޓީމުގެ ކޯޗުކަމުގައި ރާހުލް ޑްރަވިޑް ބަހައްޓަން ނިންމައިފިި އެވެ.

މުމްބާއީ (ނޮވެމްބަރު 30) - ނިމިދިޔަ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އަށް ނާކާމިޔާބުވި ނަމަވެސް، އެ ޓީމުގެ ކޯޗުކަމުގައި ރާހުލް ޑްރަވިޑް ބަހައްޓަން ނިންމައިފިި އެވެ.

އަމިއްލަ ގައުމުގައި ކުޅެ، ފައިނަލުގައި އިންޑިއާ ބަލިވީ އޮސްޓްރޭލިއާ އަތުންނެވެ. ގުރޫޕް ސްޓޭޖުގައި އިންޑިއާއިން އޮސްޓްރޭލިއާ ބަލި ކުރިި އެވެ. ނަމަވެސް ފައިނަލު މެޗުގައި ނާކާމިޔާބުވުމުން ޑްރަވިޑަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެކަމަކު އިންޑިއާގެ ކްރިކެޓް ބޯޑް (ބީސީީސީއައި) ގެ އެގްޒެކެޓިވް ކޮމިޓީގެ އިއްތިފާގުން ނިންމީ، ކުރީގެ ކެޕްޓަނާ އެކު ކުރިއަށް ދިއުމަށެވެ.

"އިންޑިއާގެ ޓީމު ބިނާކުރުމުގައި ޑްރަވިޑްގެ މުހިންމު ދައުރު ބޯޑުން ފާހަގަ ކުރޭ. ހާއްސަކޮށް އޭނާގެ ޕްރޮފެޝަނަލިޒަމަށް ތައުރީފު ކުރޭ،" އެ ބޯޑުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ވިރާތު ކޯލީ (ވ) އާއި ޑްރަވިޑް

އިންޑިއާގެ ވިރާތު ކޯލީ (ވ) އާއި ޑްރަވިޑް

ޑްރަވިޑް، 50، ގެ ކޮންޓްރެކްޓް ވޯލްޑް ކަޕަށް ފަހު ވަނީ ހަމަވެފަ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ ނޮވެމްބަރު 2021 ގައި ދެ އަހަރުގެ މުއްދަތަކަށެވެ.

"ޓީމު އިންޑިއާއާ އެކު ވޭތުވެދިޔަ ދެ އަހަރަކީ ވަރަށް ގިނަ ހަނދާންތަކެއް ހުރި ދެ އަހަރެއް،" ޑްރާވިޑް ބުންޏެވެ.

"އަހަރެމެން އެންމެން އެކުގައި އުސްގަނޑުތަކާއި އަޑިގަނޑުތައް ތަޖުރިބާކުރެވިއްޖެ. މި ދަތުރުގައި ޓީމު ތެރޭގައި އޮތް އެއްބާރުލުމާއި އެކުވެރިކަން ވަރަށް ބޮޑު. ޑްރެސިންރޫމްގައި އަހަރެމެން ގާއިމުކުރި ސަގާފަތާ މެދު ހަގީގަތުގައި ވެސް ފަހުރުވެރިވޭ."

އޭނާގެ އެހީތެރިން ކަމަށްވާ، ބެޓިން ކޯޗު ވިކްރަމް ރަތޯރާއި ބޯލިން ކޯޗު ޕަރަސް މަމްބްރޭ ވެސް މަގާމުގައި ބަހައްޓަން ބީސީސީއައި އިން ވަނީ ނިންމައިފަ އެވެ.

އަލުން އެއްބަސްވުން ހެދީ ކިހާ މުއްދަތަކަށް ކަމެއް އެ ބޯޑުން ބުނެފައެއް ނެތެވެ. އަންނަ އަހަރު ވެސްޓް އިންޑީޒް އަދި އެމެރިކާ ގުޅިގެން ބާއްވާ ޓީ20 ކްރިކެޓް ވޯލްޑް ކަޕު ކާމިޔާބުކޮށް، މި އަހަރު ކުރިމަތިވި ހިތްދަތިކަމުން އަރައިގަތުމަކީ ޑްރަވިޑްގެ އެންމެ ބޮޑު މަސައްކަތަކަށް ވާނެ އެވެ.