Roadha Mihaaru
ތިން އަހަރަށް ފަހު ވިރާތު ކޯލީ ޓެސްޓް ސައްތައެއް ހަދައިފި

ތިން އަހަރަށް ފަހު ވިރާތު ކޯލީ ޓެސްޓް ސައްތައެއް ހަދައިފި

13 މާޗް 2023

އިންޑިއާ އާއި އޮސްޓްރޭލިއާގެ މެދުގައި މިހާރު ކުރިއަށްދާ ޓެސްޓް ސިލްސިލާގެ ހަތަރު ވަނަ މެޗުގައި، އިންޑިއާގެ މި ޖީލުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ވިރާތު ކޯލީ، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޓެސްޓް ސައްތައެއް ހަދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޑިއާ އާއި އޮސްޓްރޭލިއާގެ މެދުގައި މިހާރު ކުރިއަށްދާ ޓެސްޓް ސިލްސިލާގެ ހަތަރު ވަނަ މެޗުގައި، އިންޑިއާގެ މި ޖީލުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ވިރާތު ކޯލީ، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޓެސްޓް ސައްތައެއް ހަދައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް ކަމަށްވާ، އިންޑިއާގެ އަހުމަދުއާބާދުގެ ނަރެންދުރާ މޯދީ ސްޓޭޑިއަމުގައި ކުރިއަށްދާ ސިލްސިލާގެ ފަހު މެޗުގައި އިއްޔެ ކޯލީ ހެދި 186 ލަނޑާ އެކު، އިންޑިއާ އަށް ވަނީ ކުރި ލިބިފަ އެވެ.

އޮސްޓްރޭލިއާގެ އިނިންގްސްގައި އެ ޓީމުން 167.2 އޯވަރުގެ ތެރޭގައި 480 ލަނޑު ހެދި އެވެ. އިންޑިއާ އިން އެ ޓީމުގެ އިނިންގްސްގެ އިއްޔެގެ ކުޅުން ނިންމާލީ 178.5 އޯވަރުގެ ތެރޭގައި 571 ލަނޑު ހަދައި 91 ލަނޑުން ކުރީގައި އޮވެ އެވެ. މި މެޗުގެ ފަހު ދުވަހުގެ ކުޅުން މިހާރު ކުރިއަށް އެބަދެ އެވެ.

ފުރަތަމަ ތިން މެޗުގެ ތެރެއިން އިންޑިއާ ދެ މެޗުން މޮޅުވެ، އޮސްޓްރޭލިއާ ވަނީ އެއް މެޗުން މޮޅުވެފަ އެވެ. މިހާރު ނަތީޖާ އޮތްގޮތުން މި މެޗުން އިންޑިއާ މޮޅުވެ 3-1 އިން އެ ޓީމު މި ސިލްސިލާ ކާމިޔާބުކުރާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ފޯމު ދަށްވެ، އިންޑިއާގެ ކެޕްޓަންކަން ވެސް ގެއްލުނު ކޯލީ އެންމެ ފަހުން ޓެސްޓް ސައްތައެއް ހެދީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދާދި ފަހުން ޓީ-ޓްވެންޓީ އާއި 50 އޯވަރު ކްރިކެޓުގެ ސައްތައެއް ވެސް ހެދި ކޯލީ އިއްޔެ ހެދި ޓެސްޓު ސައްތަކާ އެކު، ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކުރި އެވެ. އިއްޔެގެ މެޗުގައި އޭނާ 200 ލަނޑު ހަދާނެ ކަމަށް ވެސް ލަފާކުރެވުނެވެ. އެކަމަކު ފަހު ވަގުތު ނުބައިވީ އެވެ.