Roadha Mihaaru
މާލޭގެ މޭޔަރުކަމަށް އާޒިމް ވާދަކުރައްވަނީ

މާލޭގެ މޭޔަރުކަމަށް ކުރިމަތިލުމަށް އާޒިމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ

30 ނޮވެމްބަރ 2023

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމަށް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމަށް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

އާޒިމް މިއަދު "މިހާރު" އަށް ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލާން އޭނާ ނިންމެވީ މާލެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި އަދި އެކަން އޭނާ އަށް ކުރެވިދާނެ ކަމަށް އާންމުން ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މެދުގައި އަޅުގަނޑާ މެދު ވަރަށް ބޮޑު އިތުބާރެއް އުފެދިފައި ވަނީ، އަޅުގަނޑަކީ މަސައްކަތްތެރި މީހެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މާލެއަށް އޭނާގެ ޕްލޭނެއް އެބައޮތް ކަމަށާއި ވަރަށް އަވަހަށް އެ ޕްލޭން އިއުލާންކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މާލޭގެ އާ މޭޔަރު ހޮވާ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން މާދަމާ ހަވީރު 4:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެކަމަކު ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ.

މޭޔަރުގެ ގޮނޑިއަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ނިންމައިފަ އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެހެން ބައެއް ބޭފުޅުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހް އާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ވެސް ހިމެނެ އެވެ.