Roadha Mihaaru

ދެވަނަ ދައުރަކަށް އަންނަން މި އުޅެނީ ދޮޅު އަހަރުތެރޭ ކަންތައްތަކެއް ކޮށްދެވިފައި އޮތުމުން: އާދަމް އާޒިމް

މާލޭގެ މޭޔަރުކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވިފައި އޮތުމުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ދޮޅުއަހަރުން ވެސް ކަންތައްތަކެއް ކޮށްދެވިއްޖެ: އާޒިމް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 ޑިސެމްބަރ 2025

މާލޭގެ މޭޔަރުކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވިފައި އޮތުމުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ އޭޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރުމަށް ޓިކެޓު ހޯއްދަވަން ކެމްޕެއިން ކުރައްވާ އާދަމް އާޒިމް، ވިލިމާލެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ވިދާޅުވީ މަގާމަކަށް އަންނަނީ އިހުލާސްތެރި މަސައްކަތެއް ކޮށްދޭން ކަމަށެވެ.

އެފަދަ މަގާމަކަށް އަންނަނީ ވޯޓު ހޯދަން މަސައްކަތް ކުރަން ނޫން ކަމަށާއި ރައްޔިތުންގެ ހުރި މައްސަލަތައް ދެނެގަނެ، އެ ކަންކަން ހައްލު ކޮށްދިނުމަށް ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭންޖެހޭނީ ވޯޓާ ކައިރިވުމުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ބައެއް ރަށްރަށު މީހުން ބުނާ ވާހަކައެއް އޮންނާނެ، ތިމަންނަމެންނަށް ބަނދަރެއް ލިބެނީ ތިން ދައުރުންނޭ. ފުރަތަމަ ލިބޭނީ ތޮށިގަނޑެކޭ. ދެން ލިބޭނީ ބޭރުގެ ވާޓަރޭ. ދެން ލިބޭނީ ބޮކި ދަނޑިތަކޭ. ދެން ލިބޭނީ ޕޭވްމަންޓް ގާކޮޅޭ. ނެރު ލިބޭނޭ ފަސްވަނަ ދައުރުގައި. މިއީއޭ އާންމުކޮށް ލިބޭ ގޮތަކީ. އޭރުންނޭ ވޯޓު ލިބެނީ،" އާދަމް އާޒިމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ސަރުކާރުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަޅުގަނޑަށް ދެއްވި ނަސޭހަތެއް. އާޒިމްއޭ، ތިމަންނާމެން [ރައްޔިތުން ގާތަށް] މި ދަނީ ވޯޓު ހޯދާކަށް ނޫނޭ. މި ދަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދީ، ރައްޔިތުންނަށް ޖެހޭ ތަކުލީފު އަވަސް ކުރާށޭ."

ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެގޮތަށް އަމަލުކުރުމުގެ ސަބަބުން 20 އަހަރާއި 25 އަހަރުން ނިންމަމުން އައި ބަނދަރުތައް 18 މަސްދުވަހުން ނިންމާފައިވާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އާދަމް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ މޭޔަރުގެ މަގާމުގައި މިވީ ދޮޅު އަހަރު ތެރޭ މާލެ، ހުޅުމާލެ އަދި ވިލިމާލެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި އެވެ.

ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަލުން ދާންޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، އިތުބާރު ހޯދައިގެން ކަމަށާއި އެ ކަންތައްތައް ނުކޮށްދެވޭ ނަމަ މިއަދު އިތުރު ދައުރަކަށް ކުރިމަތިލައްވައި ކެމްޕޭނަށް ނުކުމެވަޑައިނުގަންނަވާނެ ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.

"އުޒުރު ދައްކާ މީހުން އުޅޭނެ ވަރަށް. އެ ސަރުކާރޭ މި ސަރުކާރޭ. އަޅުގަނޑު އެއްވެސް އުޒުރެއް ނުދައްކަން. އަޅުގަނޑު ވިސްނީ ހިކުމަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދޭން. ކުރިއަށް އޮތް ތަނުގައި ވެސް ވިސްނުން ހުރީ އެގޮތަށް މަސައްކަތް ކޮށްދޭން،" މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ބައި-އިލެކްޝަންގައި މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުކުރި އާދަމް އާޒިމް ވިދާޅުވި އެވެ.

ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވިލިމާލެ އަށް، އިންތިހާބީ މަގާމެއްގައި ހުންނެވި ބޭފުޅަކު، އާދަމް އާޒިމަށް ވުރެ ގިނައިން ވަޑައިގެންފައި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު އެ އަވަށް އޮތީ އަޅާނުލައި ދޫކޮށްލާފައި ކަމަށާއި މޭޔަރަކަށް ހޮވުމަށް ފަހު އެ އަވަށަށް ދިރުން ގެނެސްދީފައިވާނެ ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.