Roadha Mihaaru
ނިޔާ، މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ

ނިޔާ، މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ

31 ޑިސެމްބަރ 2019

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް، ސިޓީ ކައުންސިލްގައި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އެމްޑީޕީގެ ކައުންސިލަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނިޔާޒް (ނިޔާ) ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް، ސިޓީ ކައުންސިލްގައި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އެމްޑީޕީގެ ކައުންސިލަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނިޔާޒް (ނިޔާ) ކުރިމަތިލައްވަން ނިންމަވައިފި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ މެމްބަރު ނިޔާ "މިހާރު" އަށް ވިދާޅުވީ ކައުންސިލް އިންތިޚާބަށް އެ ޕާޓީން އަންނަ މަހު ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށެވެ. މޭޔަރަކަށް ނުކުންނަވަނީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ދިރިއުޅޭ މާލެ އަށް ބަދަލުތަކެއް ބޭނުންވެފައި ވާތީ އެވެ.

ނިޔާ ވިދާޅުވީ ދެ ދައުރުގެ ތަޖުރިބާ އިން، މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި އަވަސް ހައްލު ބޭނުންވާ މައްސަލަތައް އޭނާ އަށް ވަރަށް ސާފު ކަމަށެވެ.

"މާލޭގެ ރައްޔިތުންނަށް އުފާވެރި، ތަނަވަސް، އަމާން، ހިތްފަސޭހަ މާހައުލެއް ބޭނުންވޭ. މި ކަންކަން ހާސިލްކޮށްދޭން އަޅުގަނޑަށް އެނގޭތީ މި ކުރިމަތިލަނީ،" ނިޔާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މަޖިލީހުގެ ކޮމިޓީއެއްގައި ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ނިޔާ، ދެން ދެއްވާ ޔަގީން ކަމަކީ ޓީމަށް ކުޅެން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމެވެ. ތަފްސީލަކަށް ވަޑައިނުގަތަސް އެ އިޝާރާތް ކުރެއްވީ، މާލޭ ސިޓީ ކައުންސިލަށް ނަތީޖާ ހާސިލް ނުވެ ދިޔައީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ނުކުރެވެމުން ކަމަށް ބެލެވެ އެވެ.

"އަޅުގަނޑަކީ ޓީމަށް ކުޅެފައި ހުރި ކުޅުންތެރިން ގޮވައިގެން އުޅެން އެނގޭ، ކުޅުންތެރިންނާ އެކު ކާމިޔާބީ ވެސް ހޯދަން އެނގޭ މީހެއް،" ކުރިން ނިއުރޭޓިއަންޓަށް ފުޓްބޯޅަ ކުޅުއްވި ނިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ނިޔާ އަކީ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރިހި މެޑަލް ހޯދިއިރު، 1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. ކްލަބް ކެރިއަރުގައި ނިއު ރޭޑިއަންޓާ އެކު ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައި އެ ކްލަބުގެ ސަޕޯޓަރުންގެ ލޯބި ހޯދި އެވެ. ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ނިއު އިން 2005 އަހަރު އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު އަދި 2007 ގައި ދެ ވަނަ ފަހަރަށް އެފްއޭ ކަޕް މިލްކުކުރިއިރު ނިޔާ އަކީ އެ ޓީމުގެ އެސިސްޓަންޓް ކޯޗެވެ.

ނިޔާގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފްގެ އިތުރުން އިބްރާހިމް ރަޝީދު (ބްރޯ) އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 31 ގަ އެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.