Roadha Mihaaru
އެއިޑްސް ޖެހުނު 22 މީހަކު ފަރުވާގައި

އެއިޑްސް ޖެހުނު 22 މީހަކު ފަރުވާގައި

01 ޑިސެމްބަރ 2023

އެއިޑްސް ބައްޔަށް ރާއްޖޭގައި 22 މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެއިޑްސް ބައްޔަށް ރާއްޖޭގައި 22 މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ތަފްސީލް ހާމަކުރީ، ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރާ އެއިޑްސް ބަލީގެ ދުވަހާ ގުޅިގެންނެވެ. ރާއްޖެއިން އެންމެ ފުރަތަމަ އެޗްއައިވީ ފެނުނީ 1991 ވަނަ އަހަރު އެވެ.

އެޗްޕީއޭއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40 އަށް އަރައިފަ އެވެ.

އެއީ ހަ އަންހެނުންނާއި 34 ފިރިހެނުންނެވެ. މީގެތެރެއިން 15 މީހަކު ވަނީ މަރުވެފަ އެވެ. މިނިސްޓްރީން ބުނީ މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުން އަންނަ ކަމަށެވެ.

އެޗްއައިވީން ރައްކާތެރިވާން ހެލްތު މިނިސްޓްރީން ދޭ އިރުޝާދު

އެޗްއައިވީ އަކީ ރައްކާތެރިވެވޭ ބައްޔެއް ކަމަށްވާއިރު، އެ ބައްޔަށް ފަރުވާ ލިބެން ހުރެ އެވެ.

އެޗްއައިވީ އަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔަކަށް ނުވި ނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ގަވާއިދުން ލިބިގަނެގެން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވޭނެ ކަމަށް ހެލްތުން ބުނެފައި ވެ އެވެ. ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއް ކަމަށް ވިޔަސް، އޭނާއަށް އެޗްއައިވީ ޖެހިފައި ހުރެދާނެ އެވެ.

- އެޗްއައިވީ ޖެހިފައި ނުވާ ވަފާތެރި އެއް ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވޭ

- ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުންކުރުން

- އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު/ކަށި ފަދަ ތަކެތި އެހެން މީހަކު ބޭނުން ނުކުރުން

- ސިއްހީ ހިދުމަތްތެރިންގެ ލަފާގެ މަތިން އެޗްއައިވީ އިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުން.

- މާބަނޑު ދުވަސްވަރު ދުރާލައި އެޗްއައިވީ އަށް ޓެސްޓު ކޮށް ޕޮޒިޓިވް ވެއްޖެ ނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗްއައިވީ ޖެހުމުން ރައްކާތެރި ކުރެވޭ.