Roadha Mihaaru
ކަރާ ފަނި ބޮވޭ ވަރަށް ކަރާގެ އަގު ދަށަށް

ކަރާ ފަނި ބޮވޭ ވަރަށް ކަރާގެ އަގު ދަށަށް ހިނގައްޖެ

11 ޖޫން 2016

ރޯދަ ވިއްލާ ވަގުތު ކަރާފަނި ތައްޓެއް ނެތް ނަމަ ބައެއް މީހުން ހިތްހަމައެއް ނުޖެހެ އެވެ. ރޯދަ ވީއްލޭ ކަމަށް ގަބޫލެއް ވެސް ނުކެރެވެ އެވެ. އެހާ ވެސް ދިވެހިން ރޯދަ ވީއްލާ ވަގުތު ކަރާފަނި ބޯން ބޭނުންވެ އެވެ. ނަމަވެސް މިފަހަރު ރޯދަ މަސް ފެށުނުއިރު ކަރާގެ އަގު ހުރީ އަތް ނުފޯރާ ހިސާބުގަ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރޯދަ ވިއްލާ ވަގުތު ކަރާފަނި ތައްޓެއް ނެތް ނަމަ ބައެއް މީހުން ހިތްހަމައެއް ނުޖެހެ އެވެ. ރޯދަ ވީއްލޭ ކަމަށް ގަބޫލެއް ވެސް ނުކެރެވެ އެވެ. އެހާ ވެސް ދިވެހިން ރޯދަ ވީއްލާ ވަގުތު ކަރާފަނި ބޯން ބޭނުންވެ އެވެ. ނަމަވެސް މިފަހަރު ރޯދަ މަސް ފެށުނުއިރު ކަރާގެ އަގު ހުރީ އަތް ނުފޯރާ ހިސާބުގަ އެވެ.

ރޯދަ މަސް ފެށުނުއިރު މޫސުމް ގޯސްވުމުން ރާއްޖޭގެ އެކި ރަށްރަށުންނާއި ބޭރުން ކަރާ ގެނައުން ލަސްވުމުން ކަރާ ކިލޯއެއްގެ އަގު 50ރ. އަށް ވުރެ މައްޗަށް ދިޔަ އެވެ. އެކަމަކު ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ގޮޅިތަކުން ވަނީ އިއްޔެ އިން ފެށިގެން ކަރާ ކިލޯއެއްގެ އަގު 30ރ. އަށް ތިރިކޮށްފަ އެވެ.

"މިހާރު ތޮއްޑޫންނާއި އެނޫން ވެސް ތަންތަނުން ކަރާ ފުދޭ ވަރަކަށް ގިނައިން އެބަ ގެނޭ. އެހެންވެ ކަރާގެ އަގު މިދަނީ މަޑުމަޑުން ދަށަށް،" ގޮޅިއެއްގައި ކަރާ ވިއްކަން ހުރި މުހައްމަދު ސޯދިގު ބުންޏެވެ.

މާރުކޭޓުގައި ވިޔަފާރި ކުރާ މީހުން ބުނީ ކަރާގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި އަދި އިތުރަށް ދަށަށް ދާނެ ކަމަށެވެ. ނަމަވެސް ކަރާގެ އަގު މިދިޔަ އަހަރަށް ވުރެ ހެޔޮ ނުވާނެ ކަމަށް އެ މީހުން ބުންޏެވެ.

"ތޮއްޑޫ ކަހަލަ ރަށްރަށުން މިދިޔަ އަހަރު ހެއްދި މިންވަރަށް މި އަހަރު ކަރައެއް ނުހައްދާ. އަނެއްކާ އެ މީހުން ގެންނަ ކަރާކޮޅު ވެސް ވިއްކާލަނީ ހޯސޭލްކޮށް ބޮޑު އަދަދުން ގަންނަ މީހުންނަށް،" މާރުކޭޓު ގޮޅިއެއްގައި ހުރި ހަމީދު ކިޔާ މީހަކު ބުންޏެވެ.

އޭނާ ބުނީ މިފަހަރު ކަރާގެ އަގު ހެޔޮވާން އޮތީ ރާއްޖެ އިން ބޭރުން ގެންނަ އަދަދު އިތުރުވެގެން ކަމަށެވެ. އަދި ކަރާގެ އަގު މިހާރު މަޑުމަޑުން ދަށަށް ދާން ފެށީ ވެސް ބޭރުން ގެންނަ އަދަދު އިތުރުވާން ފެށުމުން ކަމަށް ހަމީދު ބުންޏެވެ.

"މިހާރު ކޮންމެ ދުވަހަކު ވެސް އެކި ރަށްރަށުންނާއި ބޭރުން ކަރާ އެބަ ގެނޭ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ކަރާގެ އަގު މިއަށް ވުރެ ވެސް ދަށް ވާނެ ކަމަށް ބެލެވޭ،" އޭނާ ބުންޏެވެ.

ބާޒާރުގައި މިވަގުތު ކަރާގެ އަގު ހުރީ 30ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިއީ ރޯދަ ވީއްލާއިރު ކަރާފަނި ބޯން ބޭނުންވާ މީހުންނަށް ލިބޭ އުފާވެރި ޚަބަރަކަށް ވެސް ވެދާނެ އެވެ.