Roadha Mihaaru

ރޯދަ މަސް ފެށުނު އިރު ބާޒާރުގެ އަގުތައް ހިފެހެއްޓިފައި

ރޯދަމަސް ފެށުނު އިރު ބާޒާރުގެ އަގުތައް އަދި ހުރީ މާބޮޑު ބަދަލެއް ނައިސް ހިފެހެއްޓިފައި ކަމަށާއި އެކަމަކު ތަކެތީގެ ސަޕްލައި ބަދަލުވަމުންދާ ގޮތަކުން އަގުތަކަށް އަދި ބަދަލު އަންނާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

ރޯދަ މަސް ފެށުނު އިރު ބާޒާރުގެ އަގުތައް ހިފެހެއްޓިފައި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

01 މާޗް 2025

ރޯދަމަސް ފެށުނު އިރު ބާޒާރުގެ އަގުތައް އަދި ހުރީ މާބޮޑު ބަދަލެއް ނައިސް ހިފެހެއްޓިފައި ކަމަށާއި އެކަމަކު ތަކެތީގެ ސަޕްލައި ބަދަލުވަމުންދާ ގޮތަކުން އަގުތަކަށް އަދި ބަދަލު އަންނާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

ލޯކަލް މާކެޓުގައި މި ރޯދަ މަހު ވެސް އެންމެ ބޮޑު ޑިމާންޑެއް އޮތީ ދިވެހި ކަރަ އާއި މިރުހާއި ކޮޕީ ފަތަށެވެ.ކަރާ ކިލޯއެއް މިއަދު 25ރ. އަށް ހުރި އިރު މާރުކޭޓުގައި ގިނައީ އެންމެ ގިނައިން ކަރާ ހައްދާ ތޮއްޑޫގެ އިތުރުން ކަނޑޫދޫ ކަރަ އެވެ.

މި ރޯދަ މަހު އއ. ތޮއްޑޫން 500-600 ޓަނާ ދެމެދުގެ އަދަދަކަށް ކަރާ ސަޕްލައިކުރެވޭނެ ކަމަށް އެ ރަށުން ވަނީ ލަފާކޮށްފަ އެވެ.

މަޝްހޫރު ކަނޑޫދޫ މިރުހެކޭ އެއްގޮތަށް ލ. އަތޮޅުން ގެންނަ މިރުސް ވެސް ރޯދައާ ދިމާކޮށް ވަނީ ގިނަވެފަ އެވެ. މިއަދު މާރުކޭޓުން 100 ގްރާމު މިރުސް 20-25ރ. އާ ދެމެދުގެ އަގެއްގައި ލިބޭއިރު ކިލޯއެއް 200ރ. އަށް ލިބެ އެވެ. އެކަމަކު މިއީ މީގެ ހަފްތާއެއް ކުރިން މިރުސް ކިލޯއެއް ހުރި ވަރަށް ވުރެ ހެޔޮ އަގެކެވެ. އޭރު ކިލޯއެއް ވިއްކީ 250ރ. އަށެވެ. މިއީ މިރުހުގެ ސަޕްލައި ގިނަވުމުން އަދި ބަދަލެކެވެ.

މާރުކޭޓުގައި މިރުސް ވިއްކަނީ: މިރުސް ކިލޯއެއް އުޅެނީ 200ރ. އަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާރުކޭޓުގައި މިރުސް ވިއްކަނީ: މިރުސް ކިލޯއެއް އުޅެނީ 200ރ. އަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮޕީ ފަތް ބޮޑިއެއް އުޅެނީ 15-20ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ބާޒާރުގައި މީގެ ދުވަސްކޮޅެއް ކުރިން ގިނަ އަދަދަކަށް އަނބު ހުރި ނަމަވެސް މިހާރު ވަނީ މަދުވެފަ އެވެ. އަނބު މޫސުމާ އެކު އައި ތިޔާގިކަމަށް ފަހު މިހާރު 10-12 އަނބު ލިބެން ހުރީ 100ރ. އަށެވެ.

ރޯދައަށް ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކުރުނބާ ލިބެން ހުރީ 30-35ރ. އަށެވެ.

ވިޔަފާރިވެރިން ބުނީ، ރޯދަ މަހުގެ ފުރަތަމަ ދުވަސް ނަމަވެސް، ތަކެތީގެ އަގުތައް އެވްރެޖުކޮށް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. އެކަމަކު ދަނޑުވެރިން އަތުން ތަކެތި ލިބޭ ގޮތެއްގެ މައްޗަށް އަގުތަކަށް ކުރިއަށް އޮތް ތަނުގައި ބަދަލު އަންނާނެ ކަމަށް ބުންޏެވެ.

މާރުކޭޓުގައި ތަކެތި ވިއްކާ މީހަކު ބުނީ، އާންމު ގޮތެއްގައި ރޯދަ މަހު އާމްދަނީ އެހެން މަސްތަކަށް ވުރެ 100 ޕަސެންޓު އިތުރުވާ ކަމަށެވެ. އެހެންވެ، ރޯދައާ ދިމާކޮށް، ވިއްކަން ބަހައްޓާ ސާމާނު ވެސް ވިޔަފާރިވެރިން އިތުރު ކުރެ އެވެ. ރާއްޖޭގައި ހައްދާ ތަކެތީގެ އިތުރުން އިމްޕޯޓްކޮށްފައި ހުންނަ ތަކެތި ވެސް ވަނީ ބާޒާރުގައި އެތައް ގުނައެއް އިތުރުވެފަ އެވެ.