Roadha Mihaaru
ކުއްޖާ މަރާލިކަމުގެ ތުހުމަތަށް މަންމަ ބަންދުކޮށްފި

ކުއްޖާ މަރާލި ކަމަށް ތުހުމަތުކޮށް ޝަރީއަތް ނިމެންދެން މަންމަ ބަންދުކޮށްފި

04 ޑިސެމްބަރ 2023

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު މަރުވެފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު މަރުވެފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ކުއްޖާ މަރާލައި އެއްލައިލި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ދިގުރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާގެ 30 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ ގަސްތުގައި މީހަކު މެރުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރާލި ތުއްތު ކުއްޖާ ފެނުނީ ކޮތަޅަކަށް ލައި ދިގުރަށުގެ ކުނިގޮނޑަށް އެއްލާލައިފައި އޮއްވަ އިއްޔެ އެވެ. އެ ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގަ އެވެ. އަދި އެއީ ފޫޅު ވެސް ނުކަނޑާ އޮތް ކުއްޖެކެވެ.

މި މައްސަލައާ ގުޅިގެން، ތަހުގީގަށް ފުލުހުންގެ ޓީމެއް ވެސް އެ ރަށަށް އިއްޔެ ދިޔަ އެވެ.

ކުއްޖާގެ މަންމަ ހައްޔަރުކުރީ ފިލައިގެން ދާން އުޅެނިކޮށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ.

ދިގުރަށު ކައުންސިލުން އިއްޔެ ބުނި ގޮތުގައި، ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށު ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް އިއްޔެ ހެނދުނެވެ. އަދި ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށެވެ.